ބީއެމްއެލްގެ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރޭ ބޭއްވި އަހަރީ ސްޓާފް އެވޯޑް ހަފްލާގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި އެވެ.
ތަފްސީލް - މި ހަފްލާގައި، އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ 'އެމްޕްލޯއީ އޮފް ދަ އިޔާ' އެވޯޑް މި އަހަރު ހާސިލްކުރީ:
ހެޑް އޮފް ބިޒްނަސް ސިސްޓަމްސް (ޓެކްނޮލޮޖީ ޑިވިޝަން) މިސްބާހް އްބްދުއްރަޝީދު
މިއީ މިދިޔަ އަހަރު މިސްބާހް ދެއްކި ފުރިހަމަ ހުނަރާއި ބޭންކަށް ކޮށްދިން އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިން އެވޯޑެއް
'ލީޑަޝިޕް އެކްސެލެންސް އެވޯޑް' ހާސިލްކުރީ:
ހެޑް އޮފް ޕްރޮޕަޓީ (ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން ޑިވިޝަން) ޔުޒްނާ ނަސީމް 
މީގެ އިތުރުން، އައުޓްސްޓޭންޑިން ޓީމް އެޗީވްމަންޓް، ޕްރޮޖެކްޓް އެކްސެލެންސް އަދި އިނޮވޭޝަން ކެޓަގަރީތަކުން ވަކިވަކި މުވައްޒަފުންނަށާއި ޓީމުތަކަށް އެވޯޑް ދިނެވެ.
ބޭންކުގެ ކުރިއެރުމަށާއި ދިގު މުއްދަތުގެ ކާމިޔާބީތަކަށް މުހިންމު ހިއްސާއެއް ވެދީފައިވާ ފަސް މުވައްޒަފަކަށް 'ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް' ވަނީ ދީފަ އެވެ. މި އެވޯޑް ހާސިލްކުރި މުވައްޒަފުންނަކީ:
މޫސާ މުންސިފް އަހުމަދު، ހެޑް އޮފް ސްޓްރެޓެޖީ އެންޑް ޗޭންޖް
ހުޝާމް ސައީދު، ޑިރެކްޓަރު އޮފް ޓެކްނޮލޮޖީ
ރަޝްފާ ޖައުފަރު، ޗީފް ކްރެޑިޓް އޮފިސަރު
ހަސަން ޝާމް، ޗީފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އޮފިސަރު
އަދުލީ އަހުމަދު ދީދީ، ޗީފް އިންފޮމޭޝަން އޮފިސަރު
އެއީ، ބީއެމްއެލް އިން ބުނި ގޮތުގައި، އެ މުވައްޒަފުން މަސައްކަތްކުރާ ދާއިރާތަކުގެ އިތުރުން، ބޭންކުގެ ރޭވުންތަކާއި މަސައްކަތްތައް ތަންފީޒުކުރުމާއި ވިޔަފާރީގެ ނަތީޖާ ހާސިލްކުރުމުގައި ނަމޫނާ ލީޑަޝިޕެއް ދެއްކި މީހުންނެވެ. 
މި ހަފުލާގައި ބޭންކުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ހިދުމަތްތައް ކުރި މުވައްޒަފުންނަށް ޖުމްލަ 38 އެވޯޑެއް ދީފައިވެ އެވެ.
ބުނީ ކީކޭ؟ - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މިދިޔަ އަހަރަކީ އެ ބޭންކުގެ 43 އަހަރުވީ ތާރީހުގައި ފާހަގަކޮށްލެވޭނެ އަދި މިހާތަނަށް އެންމެ ކާމިޔާބު އަހަރު ކަމަށެވެ.
"މިއީ ހަމައެކަނި މާލީ ގޮތުން ލިބުނު ކުރިއެރުމެއް ނޫން. މިއީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގައި ބޭންކުން އަދާކުރާ ދައުރު ފުޅާވަމުންދާކަމުގެ ހެއްކެއް،" އޭނާ ވިދާޅުވި އެވެ.
"މި ކާމިޔާބީގެ އަސްލަކީ އަޅުގަނޑުމެންގެ މުވައްޒަފުންގެ ހީވާގިކަމާއި ފަންނީ ގާބިލްކަމާއި އަދި ކުރިއަށް ދިއުމަށް ކުރާ އުންމީދު. މިރޭ އަޅުގަނޑުމެން އަގުވަޒަންކުރަނީ އެންމެ ފުރިހަމަ މަސައްކަތްތަކެއް ކޮށްފައިވާ މުވައްޒަފުންނާއި ޓީމުތަކުގެ މަސައްކަތް."
ފާހަގަކޮށްލެވޭ - މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާ އެކު ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ އިސް މާލީ އިދާރާގެ އިތުރުން ރާއްޖޭގައި އެންމެ ގިނަ ބަޔަކަށް ވަޒީފާ ފޯރުކޮށްދޭ އެއް ތަނެވެ. ބޭންކުގެ %99 އިއްސައްތައަކީ ދިވެހިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ