އެކި ދުވަސްމަތިން 30އަށް ވުރެ ގިނަ ވަޒީފާއަށް އެމްޓީސީސީން ހުޅުވާލައިފި

ލޯކަލް ކައުންސިލު އިންތިޚާބަށް ހަފުތާއެއް ވެފައި ވަނިކޮށް، އެކި ދުވަސްމަތިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އިން ވަޒީފާތަކަށް ކުރިމަތިލުމަށް ހުޅުވައިލައިފިއެވެ. އެގޮތުން، މާލޭގައި އަންނަ ބުރާސްފަތި ދުވަހު ފަށާ ޓެކްސީ ލައިނަށް ބޭނުންވާ 107 ޓެކްސީ ޑްރައިވަރުން ހިމެނޭހެން 137 މުވައްޒަފުން ހޯދަން ވަނީ ހުޅުވައިލައިފައެވެ. އޭގެ ތެރެއިން ބައެއް ފުރުސަތުތައް މިއަދަށް ހަމަވާއިރު، މާދަމާއާއި އަންނަ ހޯމަ ދުވަހު ވެސް ބައެއް މަގާމުތަކަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުތައް ހަމަވާނެއެވެ. އެމްޓީސީސީން ހުޅުވާލި މަގާމުތަކުގެ ތެރޭ ފެރީ އެޓެންޑެންޓުންނާއި ފެރީގެ ކެޕްޓަނުންނާއި މެކޭނިކުންނާއި، އިދާރީ ބައެއް ވަޒީފާ ހިމެނެއެވެ. ގިނަ ވަޒީފާތަކުގެ މުސާރަތައް އުޅެނީ 10،000 ރުފިޔާއާއި 15،000 ރުފިޔާއާ ދެމެދެވެ. ސީނިއާ ޑިވެލޮޕަރެއްގެ ވަޒީފާގެ މުސާރައަކީ، އެމްޓީސީސީގެ ވެބްސައިޓުގައިވާ ގޮތުން ނަމަ 26،300 ރުފިޔާއެވެ. އެމްޓީސީސީން ހުޅުވާލި ބައެއް ވަޒީފާތަކުގައި، ހާސިލުކޮށްފައިވާ ތައުލީމަށް ބަލައި، އިނާޔަތެއް ވެސް ދޭނެއެވެ. އެގޮތުން ޑިޕްލޮމާ ހާސިލުކޮށްފައިވާ ނަމަ 1،500 ރުފިޔާ، އަދި ޑިގުރީއެއް ހާސިލްކޮށްފައިވާ ނަމަ 2،500 ރުފިޔާގެ އިނާޔަތެއް ލިބޭނެއެވެ. ފާހަގަކުރެވޭ ގޮތުގައި، އެމްޓީސީސީގެ އިތުރުން، ކައުންސިލު އިންތިޚާބަށް ކުޑަތަން ވެފައި ވަނިކޮށް، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން މުވައްޒަފުން ހޯދަން އިއުލާނުކޮށްފައިވެއެވެ. އޭގެ ތެރޭގައި، ގެއްލުމުގައި ހިންގާ، މަގުހަދާ ސަރުކާރު ކުންފުނި އާރުޑީސީ ހިމެނެއެވެ. މީގެ ދެ ހަފުތާކުރިން އާރުޑީސީއަށް 150 މުވައްޒަފުން ހޯދަން އިއުލާނުކުރުމަށް ފަހު، އިތުރު ހަތަރު މަގާމަކަށް މުވައްޒަފުން ހޯދަން މިއަދު ވަނީ އިއުލާނުކޮށްފައެވެ. އާރުޑީސީން މުވައްޒަފުން ހޯދަން އިއުލާނުކޮށްފައިވަނިކޮށް، އެ ކުންފުނިން ހަމައެއް ލަމައެއް ނެތި މުވައްޒަފުންނަށް ޕްރޮމޯޝަން ދޭ ކަމަށް ބުނެ، އެކަން ބެލުމަށްވެސް ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ. އޭގެ އިތުރުން، ކައުންސިލު އިންތިޚާބަށް ހަފުތާއެއް ވެފައި ވަނިކޮށް، ކަސްޓަމްސްއިން ވެސް ވަނީ ވަޒީފާއަށް ހުޅުވައިލައިފައެވެ. https://sun.mv/219788 އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުގެ ހިއްސާ އޮންނަ ބޮޑެތި ކުންފުނިތަކުން ވަޒީފާތައް "ބެހުން" ވެފައިވަނީ ސަރުކާރުތަކުން ވަރަށް އާންމުކޮށް ކުރާ ކަމަކަށެވެ. ކޮރަޕްޝަނަށް މަގުފަހިވާހެން ސަރުކާރުގެ މިފަދަ ވަސީލަތްތައް ބޭނުންކުރާކަމަށް މީގެ ކުރިން އާންމުކޮށްފައިވާ މިނިވަން މުއައްސަސާތަކުގެ ރިޕޯޓުތަކުން ވެސް ހާމަވެއެވެ. މިގޮތަށް ވަޒީފާ ދިނުން އެންމެ އާންމު ކުންފުނިތަކުގެ ތެރޭ ގެއްލުމުގައި ހިންގާ ފެނަކައާއި، ހިންގުން ދަށްވަމުން އަންނަ އެންމެ ބޮޑު އެއް ކުންފުނި އެމްއޭސީއެލް، ސްޓެލްކޯ، އަދި އާރުޑީސީ ފަދަ ކުދިކުދި ކުންފުނިތައް ވެސް ހިމެނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމްޓީސީސީ ހިމެނޭހެން ސަރުކާރުގެ ބައެއް ކުންފުނިތަކުން އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ގުޅައި، ނަން އަނބުރާ ގެންދިއުމަށް ޝަރުތުކޮށް، އެ ކެނޑިޑޭޓަކު ނިސްބަތްވާ ދާއިރާތަކުން ބޮޑު މުސާރައާ އެކު ވަޒީފާގެ އެކި ހުށަހެޅުން ހުށަހަޅައިފައި އެބަހުއްޓެވެ. ނަމަވެސް، މިގޮތަށް ވަޒީފާދިނުން އާންމުވެފައިވާ މައްސަލަތައް ފެންމަތިވަމުން އަންނައިރު، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ކަމާ ގުޅުންހުރި އިދާރާތަކުން ބޮޑު އެއްވެސް ފިޔަވަޅެއް ނާޅާތީ އާންމުންގެ ފާޑުކިއުން އަބަދުވެސް އަމާޒުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ