ބަންގްލަދޭޝް އާއި އިންޑިއާ ބައްދަލުކުރިމެޗް އެއްވަރު

ސާފް ޗެމްޕިއަންޝިޕް 20 އަހަރުންދަށުގެ މުބާރާތުގައި މިއަދު އިންޑިއާ އާއި ބަންގްލަދޭޝް ބައްދަލުކުރިމެޗް އެއްވަރުވެގެން ނިމިއްޖެއެވެ. 
ގިނަ އަދަދެއްގެ ބަންގްލަދޭޝްގެ ސަޕޯތަރުންގެ ކުރިމަތީގައި ކުޅުނު މިމެޗް ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީ އިންޑިއާ އެވެ. އެއީ 17 ވަނަ މިނެޓް ތެރޭގައި ވިޝާލް ޔާދޭވް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އެ ލަނޑަށް ފަހުވެސް އިންޑިއާއިން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ހޯދާފައެވެ. 
މެޗްގައި ބަންގްލަދޭޝް އިން އެއްވަރުކުރީ، އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައި އެމްޑީ އަބްދުލް އެވެ. މި ލަނޑުގެ ޖެހުމުގެ ކުރިން ދެޓީމް ކޯޗުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ފެނިގެންދިޔައިރު، ރެފްރީ އެންމެފަހުން ބަންގްލަދޭޝް ކޯޗަށް ރަތްކާޑު އަދި އިންޑިއާ ކޯޗަށް ރީނދޫ ކާޑު ދައްކާފައެވެ. 
މެޗްގައި އިންޑިއާ އެކޭ އެއްފަދައިން ބަންގްލަދޭޝްގެ ޓީމަށްވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިފައެވެ. 
މިއީ ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗެވެ. މެޗަށްފަހު އިންޑިއާ ހިމެނޭ ގްރޫޕް ބީގެ އެއްވަނަ އެޓީމް ހޯދިއިރު، ގްރޫޕް އޭގެ އެއްވަނަ ހޯދީ ނޭޕާލެވެ.
މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ބަންގްލަދޭޝް ނިކުންނާނީ ނޭޕާލާ ދެކޮޅަށެވެ. މިމެޗް ކުޅޭނީ އަންނަ ބުދަދުވަހުގެ ހަވީރު 15:45 ގައެވެ. ދެވަނަ މެޗްގައި އިންޑިއާ ނިކުންނާނީ އެ ރޭގެ 20:30 ގައި ބޫޓާނާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ