ޣައިރު ހާޒިރުގައި ގ. ބެންބޫ އަހުމަދު އައްބާސްގެ މައްޗަށް ޖިނާއީ ކޯޓުން ހުކުމް ކުރައްވާފައި ވަނީ އޭނާ ހޯދުމަށް ފުލުހުން އެއްވެސް މަސައްކަތެއް ނުކޮށް ކަމަށް ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އޭނާގެ ދިފާއީ ވަކީލު ހުސްނުއް ސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި ހަ މަހަށް ޖަލަށްލުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު ހުކުމް ކުރައްވާފައިވާ މައްސަލައާ ގުޅިގެން މަޝްހޫރު ކުރެހުންތެރިޔާ އަދި އެމްޑީޕީގެ މެމްބަރު އަހުމަދު އައްބާސް ހައިކޯޓުގައި އިސްތިއުނާފުކުރާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި، އޭނާ ހޯދުމަށް ފުލުހުން ކޮށްފައިވާ މަސައްކަތުގެ ތަފުސީލު، ދައުލަތުގެ ދިފާއީ ވަކީލު މިއަދު ވިދާޅުވުމުން، އެއަށް ރައްދު ދެއްވަމުން ސުއޫދު ވިދާޅުވީ އަހުމަދު އައްބާސް ހޯދުމަށް ފުލުހުން މަސައްކަތް ކޮށްފައިވާ ކަމަށް ވިދާޅުވުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އެގޮތުން އަހުމަދު އައްބާސް ހޯދުމަށް ފުލުހުން ކޮށްފައިވާ މަސައްކަތުގެ ތަފުސީލު، ދައުލަތުގެ ދިފާއީ ވަކީލު ޝަރީއަތުގެ މަޖިލީހުގައި އިއްވެވި ސިޓީގައި ބަޔާންކޮށްފައި ނެތްކަން ސުއޫދު ފާހަގަކުރެއްވި އެވ. އަހުމަދު އައްބާސް ހޯދަން ފުލުހުން ދިޔަ ގަޑި އާއި އެކަމަށް ދިޔަ ފުލުހުންނަކީ ކޮބައިކަން ދައުލަތުގެ ވަކީލު މިއަދު ޝަރީއަތުގެ މަޖިލީހުގައި އިއްވެވި ސިޓީން އެނގެން ނެތް ކަމީ އެ ވާހަކަތައް ގަބޫލުކުރަން ދަތި ކަމެއް ކަމަށް ސުއޫދު ވިދާޅުވި އެވެ. އޭގެ އިތުރުން އަހުމަދު އައްބާސާ ފޯނުން ގުޅޭނެ ކަމަށާއި މީގެ ކުރިން އޭނާ ހޯދަން ފުލުހުން މަސައްކަތްކުރާ ކޮންމެ ފަހަރަކު ފެންނަކަން ވެސް އަހުމަދު އައްބާސްގެ ދިފާއުގައި ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވި އެވެ.
ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލު މިއަދު ވިދާޅުވީ އަހުމަދު އައްބާސް ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރެއްވި ކަމަށާއި އެއިން ކޮންމެ ފަހަރަކު، އޭނާ ދިރިއުޅޭ ގ. ބެންބޫ އަށް ގޮސް އަހުމަދު އައްބާސް ފެނޭތޯ މަސައްކަތް ކުރި ކަމަށެވެ. އަހުމަދު އައްބާސް ހޯދުމަށް ފުލުހުން ކުރި މަސައްކަތުގައި އޭނާ މަގެއްގެ މަތިން ވެސް ނުފެންނަ ކަމަށް ދައުލަތުގެ ވަކީލު ވަނީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފަ އެވެ.
އައްބާސްގެ މައްޗަށް ޖިނާއީ ކޯޓުން ޣައިރު ހާޒިރުގައި ޖަލު ހުކުމެއް ކުރައްވައިފައި ވަނީ 2005 ވަނަ އަހަރު އޯގަސްޓް މަހު މިނިވަން ނޫހުގައި އައްބާސް ބުނި ކަމަށް އޮތް އިބާރާތަކީ މާރާމާރީ ހިންގަން ހިތްވަރުދޭ ލިޔުމެއް ކަމަށް ބުނެ ދައުލަތުން ދައުވާ ކުރެއްވުމުންނެވެ. ހުކުމް ކުރެއްވީ އައްބާސް ކޯޓަށް ހާޒިރުކުރަން ތަފާތު މަސައްކަތްތައްކޮށް ނާކާމިޔާބުވެގެން ކަމަށް ވެސް ޖިނާއީ ކޯޓުން އޭރު ވިދާޅުވި އެވެ.
މިނިވަން ނޫހުގައި އަހުމަދު އައްބާސް ލިޔުއްވި "ސްޓާސް ފޯސް އިން އަހަރެމެންގެ ގައިގައި ތަޅާ މީހުންނަށް ހަދަންވީ ގޮތަކީ އެ މީހުން ވަކިވަކިން ހޯދައި އެ މީހުންނަށް ވެސް ތެޅީމާވާ ތަދު އިހުސާސްކުރެވޭނެ ގޮތަކަށް އަހަރެމެން އަމަލުކުރަންވީ، އެހެން ނޫނީ އެ މީހުންނެއް މައިތިރިއެއް ނުވާނެ،" އިބާރާތުގެ ސަބަބުން މާރާރީމާރީ ހިންގަން މަގުފަހިވާކަމަށް ދައުލަތުން ދެކެވަޑައިގަންނަވަނީ ކީއްވެތޯ ފަނޑިޔާރު އަބްދުލް ޣަނީ ސުވާލު ކުރެއްވުމުން ދައުލަތުގެ ވަކީލު ވިދާޅުވީ އެ އިބާރާތަކީ އަނިޔާވެރިކަން ހިންގުމަށް ހިތްވަރުދޭ އިބާރާތެއް ކަމަށާއި އަދި އެކަމުގެ ސަބަބުން ފުލުހުންގެ މަސައްކަތަށް ދަތިވެފައިވާ ކަމަށެވެ.
އަދި އަހުމަދު އައްބާސް ލިޔުއްވި އިބާރާތާ މެދު އޭނާގެ ވަކީލު ސުއޫދާ ފަނޑިޔާރު ސުވާލު ކުރެއްވުމުން ވިދާޅުވީ އެ އިބާރާތަކީ ފުލުހުން މާރާމާރީ ހިންގުން ހުއްޓުވުމަށްޓަކައި ލިޔެފައިވާ އިބާރާތެއް ކަމަށާއި އެއީ މާރާމާރީ އަށް ހިތްވަރު ދިނުމެއް ނޫން ކަމަށެވެ. އަހުމަދު އައްބާސްގެ ޝަރީއަތުގެ ހުކުމް ތަންފީޒުކުރުމުގެ މަރުހަލާ ނިމެން ބާކީ އޮތީ 45 ދުވަސް ކަމަށާއި ވީހާ ވެސް އަވަހަކަށް މައްސަލައާ މެދު ގޮތެއް ނިންމަވައި ދެއްވުމަށް ވެސް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ސުއޫދު އެދިވަޑައިގަތެވެ.
މިއަދުގެ ޝަރީއަތް ފަނޑިޔާރު ނިންމަވާލެއްވީ އަހުމަދު އައްބާސްގެ އިސްތިއުނާފުގެ މައްސަލައިގައި ދެން އޮންނަ ޝަރީއަތެއްގައި ވަކި ގޮތެއް ނިންމާނެ ކަމަށް ވިދާޅުވަމުންނެވެ.
ޖަލު ހެދުމުގައި، ބިިޑި އަޅުވައިގެން އައްބާސް މިއަދުގެ ހައިކޯޓަށް ހާޒިރުކޮށް ބޭއްވެވި ޝަރީއަތް އަޑުއެހުމަށް އޭނާގެ އާއިލާ އާއި އޭނާ ނިސްބަތްވާ އެމްޑީޕީގެ އިސް ވެރިންނާއި ނޫސްވެރިންނާއި ފޮޓޯގްރާފަރުން ވެސް ދިޔަ އެވެ.
އަހުމަދު އައްބާސްގެ އިސްތިއުނާފުގެ މައްސަލަ: އަހުމަދު އައްބާސް ހޯދުމަށް ފުލުހުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނެތް: ސުއޫދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ