ގޭގައި ހުންނަވަނިކޮށް ގަދަކަމުން ސިފައިން ގެންގޮސް ކ. ގިރިފުށީގައި ގެންގުޅެމުންދާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގެއަށް ބަދަލުކޮށް ތަހުގީގު ކުރިއަށް ގެންގޮސްފި ނަމަ މުޒާހަރާ ހުއްޓާލާނެ ކަމަށް ބުނެފި އެވެ.
ރޭގެ މުޒާހަރާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ވިދާޅުވީ އަބްދުﷲ ގާޒީ ގެއަށް ބަދަލުކޮށް ތަހުގީގު ކުރިއަށް ގެންގޮސްފި ނަމަ މުޒާހަރާ ހުއްޓާލާނެ ކަމަށެވެ. އަދި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވި ފުލުހުންގެ ކޮމާންޑަރު ނަން ވިދާޅުވުމަށްފަހު ނިހާން އޭނާ ކައިރީގައި ވިދާޅުވީ އެ ވާހަކަތައް ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހާ ހަމައަށް ގެންގޮސްދިނުމަށެވެ.
އޭގެ ފަހުން އެ ވާހަކަތައް ކޮމިޝަނަރާ ހަމައަށް ގެންދިއުމަށް ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވަނީ ފުލުސް އޮފީހަށް ވަޑައިގެންފަ އެވެ. އެކަމަކު ފަހުން މުޒާހަރާއާ ގުޅިވަޑައިގެން އިލްހާމް ވިދާޅުވީ ފަސީހާ ބައްދަލު ކުރެވޭ ގޮތް ނުވި ކަމަށެވެ.
އިސް ގާޒީ ގެއަށް ބަދަލު ކުރުމުން މުޒާހަރާ ހުއްޓާލާނެ ކަމަށް ނިހާން ވިދާޅުވެފައި މި ވަނީ އަބްދުﷲ ގާޒީގެ މައްސަލައިގައި އޭނާ މިނިވަން ކުރުން ނޫން އެއްވެސް ޝަރުތެއް ގަބޫލު ނުކުރައްވާނެ ކަމަށް އުމަރު ނަސީރު ވިދާޅުވެފައި ވަނިކޮށެވެ.
ރޭގެ މުޒާހަރާ ވެސް ފަށާފައި ވަނީ އާންމު އުސޫލުގެ މަތިން އެމްއެމްއޭ ކައިރިންނެވެ. އެ ހިސާބުގައި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި ޖުމްހޫރީ ޕާޓީއާ އަލަށް ގުޅިވަޑައިގެންނެވި އަބްދުﷲ ޖާބިރާއި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާނު ވެސް ވާހަކަ ދެއްކެވި އެވެ.
މުޒާހަރާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ފަނޑިޔާރުންނަށް މުސާރަ ނުދެއްވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ވިދާޅުނުވޭނެ ކަމަށާއި ފަނޑިޔާރުންނަށް މުސާރަ ދެނީ ދައުލަތުގެ ފައިސާއިން ކަމަށެވެ.
މުޒާހަރާ ވަކި ހިސާބަކަށް ދިޔަތަނާ ނިހާނާ އެކު ވިއްސަކަށް މީހުންގެ ގްރޫޕަކުން ރޭ ވަނީ ފުލުހުންގެ ބެރިކޭޑް ފަޅާލައި އެތެރެއަށް ގޮސްފަ އެވެ. އަދި ބެރިކޭޑުން 15 ވަރަކަށް ފޫޓޫ އެތެރޭގައި އެމީހުން ކުޑަ އިރުކޮޅަކު ތިއްބެވެ. ނަމަވެސް ފަހުން އަނެއްކާ ވެސް އެ މީހުން ވަނީ މުޒާހަރާއާ ގުޅިފަ އެވެ.
ޗާންދަނީ މަގު ކަންމައްޗަށް ދާން ކަމަށް ބުނެ މުޒާހަރާ މީހުން އެމްއެމްއޭ ކައިރިން ނައްޓާލީ 30: 12 ހާއިރެވެ. އެކަމަކު އެ މީހުން މާލޭގެ މަގުތަކުގައި ލައުޑް ސްޕީކަރު ހިފައިގެން ހަމަ ހިނގީ އެވެ. ޗާންދަނީ މަގު ކަންމައްޗަށް އެ މީހުން ގޮސްފައި ވަނީ ވަރަށް ދަންވި ފަހުންނެވެ.
ޗާންދަނީ މަގާ ހަމައަށް މުޒާހަރާ ކުރާ މީހުން އަރާ ހަމަވިތަނާ ހުދު ދަވާދު އަޅާފައި ހުރި ކޮތަޅުތަކެއް މުޒާހަރާގެ ތެރެއަށް ވަނީ އުކައިފަ އެވެ. އަދި ފަހުން މަޖީދީމަގު އޭއެޗް ބްރަދާސް ކައިރިން ވެސް ހަމަ ދަވާދު ކޮތަޅުތަކެއް އުކި އެވެ.
ޗާންދަނީ މަގު ކަންމަތިން ފުލުހުން މުޒާހަރާގެ ބައިވެރިން ފަހައި ދުއްވައިގަތެވެ. ސަންފްރަންޓް ލިވިން އާ ހަމައަށް ފުލުހުން އެ މީހުން ފަހައި ދުވި އެވެ. އެ ސިހާބުން ވަރަށް މުޒާހަރާގެ ތެރެއިން ބަޔަކު އަތުލައިގަނެ ހައްޔަރު ކުރިތަން ފެނިފައިވެ އެވެ. އަދި ފުލުހުން ދިޔައީ ވަރަށް ހަރުކަށިކޮށް ވާހަކަ ދައްކައި އެތަނުގައި އެއްވެފައި ތިބި އާންމުން އެ ހިސާބުން ފޮނުވާލައިފަ އެވެ. އެއްވެފައި ތިބި މީހުން ފޮނުވާލުމަށް ވަރަށް ގިނައިން ފުލުހުން ވަނީ ޕެޕާ ސްޕްރޭ ވެސް ޖަހައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭގެ މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހަތަރު މީހުން ކަމަށާއި އެ މީހުންނަކީ ވެސް މުޒާހަރާގައި ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރި މީހުން ކަމަށެވެ. އަދި މިހާތަނަށް ވެސް އެމީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުﷲ މުހައްމަދު ގެއަށް ބަދަލުކޮށްފި ނަމަ މުޒާހަރާ ހުއްޓާލާނެ ކަމަށް ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ