ގަރުނަކަށް ވުރެ ގިނަ ދުވަސްވެފައިވާ އާސާރީ ތަރިކައެއް ކަމުގައިވާ އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި އެ ތަނަށް ބަޔަކު ގެއްލުން ތަކެއް ދީފި އެވެ.
މިކަން ހާމަކުރަމުން ހެރިޓޭޖު މިނިސްޓްރީން އެކްސްގައި ބުނީ މި މައްސަލަ އެ ވުޒާރާގެ ސަމާލުކަމަށް އައުމާއެކު ފުލުހުންނާ ގުޅިގެން ހާދިސާ ހިނގި ގޮތުގެ ތަހުގީގު ފަށާފައިވާ ކަމަށެވެ. މި ތަހުގީގަށް ފަހު، މި ކަމުގައި ޒިންމާވާ މީހުންނަށް ސަގާފީ ތަރިކައިގެ ގާނޫނާ އެއްގޮތްވާ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މި މައްސަލައިގެ ތެރެއިން ހެރިޓޭޖު މިނިސްޓްރީން ވަނީ އެ ތަން ބެލެހެއްޓުމުގެ މަސައްކަތް އެ މިނިސްޓްރީއާ ހަވާލުނުކުރާތީ މާލޭ ސިޓީ ކައުންސިލަށް ފާޑުކިޔުން އަމާޒުކޮށްފަ އެވެ.
އެ ގޮތުން މިނިސްޓްރީން ބުނީ، އުސްގެކޮޅު ހިމެނޭ ގޮތަށް އެ ސަރަހައްދު ތަރައްގީކުރަން ސަރުކާރުން ހިންގާ ޕްރޮޖެކްޓާ ގުޅިގެން، ތަނުގެ ތަޅުދަނޑި ހަވާލުކުރަން ކައުންސިލުގައި ރަސްމީކޯށް އެދިފައިވީ ނަމަވެސް ކައުންސިލުން ތަން ހަވާލުނުކުރާ ކަމަށެވެ.
އުސްގެކޮޅަކީ ރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ މިހާރު ހުރި ހަމައެކަނި ބައި އަދި އެންމެ ފުރަތަމަ ދާރުލްއާސާރު ހުރި އިމާރާތެވެ.
ހެރިޓޭޖު މިނިސްޓްރީން ބުނި ގޮތުގައި މިއީ 20 ވަނަ ގަރުނުގެ ކުރީކޮޅު އައްސުލްތާން ހާޖީ އިމާދުއްދީން (ހަ ވަނަ) އިމާރާތްކުރެއްވި ގެކޮޅެކެވެ. އަދި، މި އިމާރާތަކީ ރަނގަޅު ފެންވަރަކަށް ހެދިފައިވާ އެ ދުވަސްވަރުގެ އިމާރާތްކުރުމުގެ ފަރުމާ ވަރަށް ރަނގަޅަށް ދައްކައިދޭ ތަނެއް ކަމަށް ވެސް ބުންޏެވެ.
"އުސްގެކޮޅު ފަދަ ތާރީހީ ތަންތަނަށް ދެވޭ މިފަދަ ގެއްލުންތަކުގެ ސަބަބުން ތަނުގެ ސަގާފީ އަގަށް އަސަރުކޮށް، އިއާދަނުކުރެވޭ ފަދަ ގެއްލުން ތަނަށް ލިބުން އެކަށީގެންވޭ،"
މިނިސްޓްރީން ވަނީ މި ތަން ބެލެހެއްޓުމުގެ މަސައްކަތާ އެ މިނިސްޓްރީން ހަވާލުވުމުގެ ގޮތުން ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން ފަށާފައިވާ ކަމަށެވެ. އެކަމަކު އޭގެ ތަފުސީލެއް ނުދެ އެވެ.
އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ