ލ. އަތޮޅުގައި ތަރައްޤީކުރާ ދެވަނަ އެއާޕޯޓު އިސްދޫ-ކަލައިދޫގައި އެޅުމަށް ސަރުކާރުން ނިންމަވައިފިއެވެ.
ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްޤީކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި އެ އަތޮޅު މާވަށަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، ލ. އަތޮޅުގެ ދަތުރުގައި އެންމެ ގިނައިން ދެކެވުނީ އެއާޕޯޓުގެ ވާހަކަ ކަމަށެވެ. އެގޮތުން، 3 ރަށަކުން އެކަމަށް އެދެމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެއާޕޯޓު ތަރައްޤީކުރުމުގައި އިސްކަންދޭނީ ދެމެހެއްޓެނިވި ތަރައްޤީއަށްކަމަށެވެ.
"މިރަށުގައި ތަފާތު ކަމަކީ އެއާޕޯޓެއް އަޅާއިރު، ބިން ހިއްކަން ޚަރަދުކުރަން ނުޖެހޭ، ބިން ނުހިއްކާ އެކަން ކުރެވޭނެ. އެއީ ފާހަގަކޮށްލަންޖެހޭ ވަރަށް މުހިއްމު ނުކުތާއެއް،" ރައީސް ވިދާޅުވިއެވެ.
އިސްދޫ-ކަލައިދޫ އިން ލ. އަތޮޅުގައި އޮންނަ ހަމައެކަނި އެއާޕޯޓް ކައްދޫއަށް ދާން 40 މިނެޓްގެ ދަތުރެއް ކުރަންޖެހެއެވެ. މި އެއާޕޯޓުގެ ސަބަބުން، އެ އަތޮޅުގެ ރައްޔިތުންނަށާއި، ވަކިން ޚާއްސަކޮށް އިސްދޫ-ކަލައިދޫގެ އިތުރުން ދަނބިދޫ އަދި މާބައިދޫގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.
ލ. އަތޮޅުގެ ދެވަނަ އެއާޕޯޓް އިސްދޫ-ކަލައިދޫގައި އަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ