އެމެރިކާގެ ކެލިފޯނިއާގައި އޮންނަ "ޑެތު ވެލީ" (މަރުގެ ވާދީ) އަކީ އެމެރިކާގެ އެންމެ ހޫނު އަދި އެންމެ ތިރި ސަރަޙައްދެވެ. ޑެތުވެލީ އަކީ އެމެރިކާގެ އިރުދެކުނު ކެލިފޯނިއާގެ އިންޔޯ ކައުންޓީގައި އޮންނަ، ބިމުގެ ގޮތުން އަޑިގަނޑެއްގެ ސިފަ ހުންނަ ތަނެކެވެ. ޑެޓުވެލީއަކީ އުތުރު އެމެރިކާ ބައްރުގައި އޮތް އެންމެ ތިރި، އެންމެ ހޫނުގަދަ އަދި އެންމެ ހަނަފަސް ސަރަޙައްދެވެ.
ޑެތުވެލީ ނުވަތަ މަރުގެ ވާދީގެ ދިގުމިނުގައި ގާތްގަނޑަކަށް 140 މޭލު (225 ކިލޯމީޓަރު) ހުރެއެވެ. ފުޅާމިނުގައި ހުންނަނީ 5 އިން 15 މޭލު (8 އިން 24 ކިލޯމީޓަރު)އެވެ. މަރުގެ ވާދީގެ ހުޅަނގުން ވަށައިގެންވަނީ ޕެނަމިންޓް ފަރުބަދަތަކެވެ. އިރުމަތީގައި ވަނީ އަމާގޯސާ ފަރުބަދަ ސިލްސިލާގެ ބްލެކް، ފިއުނަރަލް އަދި ގްރޭޕްވައިން ފަރުބަދަތަކެވެ.
ޖިއޮލޮޖީ ނުވަތަ ބިމުގެ އިލްމުގެ ނަޒަރިއްޔާ:
ޑެތުވެލީއަކީ އެ ސަރަޙައްދުގައި ހުރި އެހެން އަޑިގަނޑުތަކާ އެއްގޮތް ނަމަވެސް، އޭގެ ފުންމިނުގެ ސަބަބުން ޑެތުވެލީއަކީ ތަފާތު ތަނެކެވެ. ވާދީގެ ބިންގަނޑުގެ ބޮޑު ސަރަޙައްދެއް (ގާތްގަނޑަކަށް 550 އަކަމޭލު) އޮންނަނީ ކަނޑުގެ ލެވެލްއަށްވުރެ ތިރީގައެވެ.
"ބޭޑްވޯޓާ ބޭސިން" ގެ ނަމުން ނަންދެވިފައިވާ ތަނަކީ ކަނޑުގެ ލެވެލްއަށްވުރެ 282 ފޫޓު (86 މީޓަރު) ތިރީގައިވާ، އުތުރު އެމެރިކާގެ އެންމެ ތިރި ނުކުތާއެވެ. އޭގެ 20 މޭލު ދުރުގައި އެ ސަރަޙައްދުގެ އެންމެ އުސް ފަރުބަދަ ކަމަށްވާ "ޓެލެސްކޯޕް ޕީކް" (11049 ފޫޓު އުސް) އޮވެއެވެ.
ތާރީހާއި އިންސާނުންގެ ހަރަކާތްތައް
މި ވާދީއަށް "ޑެތު ވެލީ" ނުވަތަ "މަރުގެ ވާދީ" ގެ ނަން ދެވުނީ 1849 ވަނަ އަހަރު މި ސަރަހައްދު ހުރަސްކުރަން އުޅުނު ބަޔަކަށް ދިމާވި ހިތްދަތި ތަޖުރިބާތަކުގެ ސަބަބުންނެވެ. 1870 އާއި 1880 ގެ އަހަރުތަކުގައި މި ސަރަޙައްދުން ރަނާއި، ރިއްސާއި އަދި ބޯރެކްސް ފެނުމާ ގުޅިގެން އެ ހިސާބުގައި މީހުން އާބާދުވާން ފެށިއެވެ.
ބޯރެކްސް އުފުލުމަށް މަޝްހޫރު "20-މިއުލް ޓީމް" (20 ހިމާރުގެ ޓީމު) ބޭނުންކުރެވުނެވެ. މި މަސައްކަތްތައް ހުއްޓުމުން އެތައް ރަށެއް ފަޅުވެ "ގޯސްޓް ޓައުންސް" ނުވަތަ "ރޫޙާނީ ރަށްތަކުގެ" ގޮތުގައި މިހާރުވެސް ފެންނަން އެބަހުއްޓެވެ. މީގެ މިސާލަކީ 1904 ގައި 10،000 މީހުން އުޅުނު "ރިއޮލައިޓް" އެވެ. އެ ރަށް 1916 ވަނަ އަހަރު އޮތީ އެއްކޮށް ފަޅުވެފައެވެ.
މާހައުލާއި މޫސުން
މަރުގެ ވާދީއަކީ ބިމުގެ ފަށަލަތައް ތިރިއަށް ދިއުމުގެ ސަބަބުން އުފެދިފައިވާ ތަނެކެވެ. މި ސަރަޙައްދަކީ ދުނިޔޭގެ ރެކޯޑް މިންވަރަށް ހޫނުގަދަ ތަނެކެވެ. 1913 ވަނަ އަހަރު މިތަނުގެ ހޫނުމިން 57 ޑިގްރީ ސެލްސިއަސް (134 ޑިގްރީ ފެރަންހައިޓް) އަށް އެރިއެވެ. ހޫނު މޫސުމުގައި އާންމުކޮށް 49 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ހޫނުމިން ދެއެވެ. ބިމުގެ ހޫނުމިން 94 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ. މި ސަރަޙައްދަށް ވާރޭ ވެހެނީ ވަރަށް މަދުންނެވެ. ބައެއް އަހަރުތަކުގައި އެއްވެސް ވަރަކަށް ވާރޭ ނުވެހި ދެއެވެ.
ގަސްގަހާގެއްސާއި ދިރުންތައް
ނުހަނު ހަނަފަސް ތަނެއް ނަމަވެސް، މި ވާދީގައި އެކި ކަހަލަ ދިރުންތައް އުޅެއެވެ. ލޮނުޖެހިގެން މަރުނުވާ ޒާތުގެ ގަސްތަކާއި، ކެކްޓަސް އަދި ހޫނު މޫސުމުގައި ފޮޅޭ ބާވަތް ބާވަތުގެ ވަލު މާތައް މިތަނުން ފެނެއެވެ. އުޅޭ ޖަނަވާރުންގެ ތެރޭގައި މުސަޅު، ކޮޔޯޓީ، ހިޔަޅު އަދި "ޑެޒާޓް ބިގްހޯން" ކިޔާ ފަރުބަދަ ކަންބަޅި ހިމެނެއެވެ.
މީގެ އިތުރުން 150 އަށްވުރެ ގިނަ ބާވަތުގެ ދޫންޏާއި، ހިންޏާއި، ހަރުފަ އަދި އެހާމެ ނުރައްކާތެރި ފަނިތައްވެސް މި ސަރަޙައްދުގައި އުޅެއެވެ. އަދި މަދުން ނޫނީ ނުފެންނަ "ޕަޕްފިޝް" ކިޔާ މަހުގެ ބާވަތެއްވެސް މިތަނުގެ ބައެއް ފެންގަނޑުތަކުގައި އުޅެއެވެ.
ޑެތުވެލީ ނޭޝަނަލް ޕާކް
1994 ވަނަ އަހަރު ގައުމީ ބަގީޗާއެއްގެ ގޮތުގައި ކަނޑައެޅުނު "ޑެތު ވެލީ ނޭޝަނަލް ޕާކް" އަކީ އެމެރިކާގެ އެންމެ ބޮޑު އެއް ޕާކެވެ. މިތަނުގައި ފާހަގަކޮށްލެވޭ ބައެއް ތަންތަނުގެ ތެރޭގައި:
މިހާރު މިސަރަޙައްދަކީ ގިނަ އަދަދެއްގެ ފަތުރުވެރިންނާއި ސައިންސްވެރިން ޒިޔާރަތްކުރާ މުހިންމު ތަނެކެވެ.
ޑެތު ވެލީ | އެމެރިކާގައި މަރުގެ ވާދީއެއް އޮންނަކަން އެގޭތަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ