މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2ގެ ހިއްކި ބިމުގެ ސަރަހައްދުގައި ހިނގި މާރާމާރީއާ ގުޅިގެން، އެ މައްސަލައިގައި ހިމެނޭ އެޗުޑީސީގެ ޑިރެކްޓަރު އިސްމާއީލް އަބްދުއްރަހީމް އާދަމް (އިސޫ)އާ ސުވާލުކުރިކަން ނުވަތަ އޭނާ ހައްޔަރުކުރިކަން ސީދަލަށް ނުބުނެ، ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އެ މާރާމާރީ ހިނގީ ހުޅުމާލެ ފޭސް 2ގެ ހިއްކި ބިމުގެ ސަރަހައްދުގަ އެވެ. މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް ސާފެއްނުވެ އެވެ. އެ މާރާމާރީއާ ގުޅިގެން ރޭ 21 އަހަރުގެ ފިރިހެނަކު ހައްޔަރުކުރި އެވެ.
ތަފްސީލު - އޭގެ ފަހުން އެ މާރާމާރީގެ މަންޒަރު ފެންނަ ކަމަށް ބުނާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އޭގެ ތެރެއިން އެއް ކްލިޕުގައި ފެންނަނީ، ވީޑިއޯކުރާތީ އެކަން ހުއްޓުވަން ވެގެން އިސްމާއީލް ކަމަށް ބުނާ މީހާ އަންނަ ތަނެވެ.
ދެން އާންމުވީ އެ މާރާމާރީ ހިނގަމުންދަނިކޮށް ދުރުން ނަގާފައިވާ ވީޑިއޯއެކެވެ. އެ ވީޑިއޯގައި ދެ ފިރިހެނުންގެ ދެމެދުގައި މާރާމާރީ ހިންގާ މަންޒަރު ފެންނައިރު އޭގެ ތެރެއިން އެކަކަކީ އިސްމާއީލް ކަމަށާއި އެ ވީޑިއޯއިން ފެންނަ އަންހެންމީހާގެ ގަޔަށް އަތްލަނީ ވެސް އޭނާ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި އެކި މީހުން ތުހުމަތުކޮށްފައިވެ އެވެ.
ބުނީ ކީކޭ؟ - އެ ވީޑިއޯތަކާ ގުޅިގެން، 'ދައުރު'ން ސުވާލުކުރުމުން ފުލުހުން ސީދާ ޖަވާބެއް ނުދެ އެވެ.
"މާރާމާރީގެ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގުގައި ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް، ބަލަންޖެހޭ އެންމެހާ ކަންކަން ދަނީ ބަލަމުން،" ސުވާލުތަކަށް ޖަވާބުދެމުން ފުލުހުން ބުނެފައިވެ އެވެ.
ފުލުހުންގެ ތަހުގީގުގައި އިސްމާއީލްއާ ސުވާލުކުރިކަން ނުވަތަ ނުކުރާ ކަމާއި އޭނާއަށް ތުހުމަތެއް ކުރާކަން އެ ޖަވާބުން ސާފެއް ނުވެ އެވެ.
މިހާރު ހައްޔަރުކޮށް، 5 ދުވަހަށް ބަންދުކޮށްފައިވަނީ އިސްމާއީލަށް ހަމަލާދީން ކަމަށް ތުހުމަތު ކުރާ މީހާ އެވެ. އޭނާ ހައްޔަރުކުރީ އެ މާރާމާރީގައި އޭނާއަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލުމުންނެވެ.
ފާހަގަކޮށްލެވޭ ކަމެއް - އިސްމާއިލަކީ، ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި 2022ގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާގެ މައްޗަށް އެ މައްސަލާގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދެ ދައުވާއެއް އޭރު އުފުލި އެވެ.
ނަމަވެސް، ހެކި ނެތިގެން ނޮވެމްބަރު 2023ގައި ކޯޓުން ވަނީ ދައުވާތައް ބޭރުކޮށްލާފަ އެވެ. އޭރު އިސްމާއިލް ހުރީ ފައިގައި ޓެގް އެޅުވުމަށް ފަހު ގެއަށް ދޫކޮށްލާފަ އެވެ.
އެޗްޑީސީގެ ވަޒީފާއަށް އޭނާ އައްޔަންކުރީ ޖެނުއަރީ 2024ގަ އެވެ.
މާރާމާރީއާ ގުޅިގެން އިސްމާއީލްއާ ސުވާލުކުރިކަން ސާފެއް ނުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ