ދައުލަތް ހިންގުމުގެ ބާރު ވެސް ސުޕްރީމް ކޯޓުން އަތުލާނެ: އިބްރާ

ފަހަރަކު ކަމެއް ބާރުގެ ދަށަށް ގެންގޮސް، ދައުލަތް ހިންގުމުގެ ބާރު ވެސް ސުޕްރީމު ކޯޓުގެ ދަށަށް ގެންދާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އެޑްވައިޒަރު އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން އިބުރާ ވިދާޅުވީ ޝަރުއީ ނިޒާމުން ކަންތައްކުރާ ގޮތާ މެދު ރައްޔިތުންގެ މަޖިލީހުން ހިތްހަމަނުޖެހުން ފާޅުކުރި ނަމަވެސް އެ ކަންތައްތަކާ އަޅާނުލައި ސުޕްރީމް ކޯޓުން މަޖިލިސް ދަށްކޮށްލާފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ މިސްރާބު ހުރި ގޮތުން އެ ކަންތައްތައް ހަމައަކަށް ނާޅުވައިފި ނަމަ ފަހަރަކު ކަމެއް ސުޕްރީމް ކޯޓުގެ ބާރުގެ ދަށަށް ގެންގޮސް ދައުލަތް ހިންގުމުގެ ބާރު ވެސް އަދި އެ ކޯޓުގެ ބާރުގެ ދަށަށް ގެންދާނެ ކަމަށް އިބްރާ ވިދާޅުވި އެވެ.
ރާއްޖޭގެ ޝަރުއީ ދާއިރާ އަށް ފަހަކަށް އައިސް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަންނަ އިބުރާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބޭރުކުރާ ގާނޫނަކީ ސުޕްރީމް ކޯޓުން ކޮންމެހެން އަމަލުކުރަންޖެހޭ އެއްޗެއް ކަމަށް މިހާރު ހަދާފައިވާ ކަމަށާއި މިހާރު ގާނޫނު ހަދައި، ބާތިލްކޮށް ހުކުމްކުރަނީ ވެސް ސުޕްރީމް ކޯޓުން ކަމަށެވެ. އެހެން ކަމުން ޝަރުއީ ދާއިރާގެ ކުރިމަތީގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ބާރެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިތިބެނީ ތިން ބާރު ވަކިކޮށްގެން. އެކަމަކު މިހާރު ގާނޫނުތައް ހަދަނީ އެ މީހުން. އެ ގާނޫނުތައް ބާތިލްކުރަނީ އެ މީހުން. އަދި ހުކުމްކުރަނީ ވެސް އެ މީހުން،" އިބްރާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޝަރުއީ ނިޒާމުގެ ކަންތައްތަކަށް އޭނާ ފާޑު ވިދާޅުވާން ފެއްޓެވީ، ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް، ސުޕްރީމު ކޯޓުގެ ދަށަށް ގެންދިއުމަށް ނިންމުމާ ހަމައިން ކަމަށެވެ. އަދި ވިދާޅުވީ ހުރިހާ ކޯޓުތަކެއްގެ އިދާރީ ކަންތައްތައް ބެލެހެއްޓުން އެއް ކޯޓެއްގެ ދަށުގައި އޮތުމަށް ވުރެ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ދަށުގައި އޮތުމުން އިންސާފުވެރިވާނެތީ އެކަން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އެކަން ގަބޫލުނުކޮށްފައިވާ ކަމަށެވެ. އަދި އެއީ ރާއްޖޭގެ ޝަރުއީ ދާއިރާ ނުބައި މިސްރާބަކަށް ދާން ފެށި ހިސާބު ކަމަށާއި އޭނާ ޝަރުއީ ދާއިރާ އަށް ފާޑު ކިޔުއްވަން ފެއްޓެވީ ވެސް އެހާ ހިސާބުން ކަމަށެވެ.
"އެހާ ހިސާބުން އަޅުގަނޑަށް އެނގިއްޖެ މި ޖެހީ ނުބައި މިސްރާބަކަށް ކަން. މި ގޮތަށް ދާކަމަށްވާ ނަމަ ދުސްތޫރީ ނިޒާމު ފުނޑުފުނޑުވެދާނެކަން އަޅުގަނޑަށް އެނގުނު. އެހެން ކަމުން ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ސުޕްރީމު ކޯޓުގެ ދަށަށް ގެންނަން ނިންމި ނިންމުން ބާތިލުކުރުމަށް އަޅުގަނޑު މަޖިލީހަށް ހުށަހެޅިން. އެކަމަކު އެ ކަމަށް ކޯޓުން އިޖާބަ ނުދިނުމުން އެނގިއްޖެ ޝަރުއީ ދާއިރާ އިން މަޖިލިސް ދަށްކޮށްލި ވަރު،" އިބުރާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޕޯޑިއަމްތަކުން ނުފެންނަތާ ގިނަ ދުވަސްތަކަށް ފަހު މިހާރު އޭނާ މާ ގިނައިން ޖަލްސާތަކުން ފެންނަ ސަބަބު ވެސް ރޭ އޭނާ އޮޅުންފިލުވައިދެއްވި އެވެ. އިބުރާ ވިދާޅުވީ 2004 ވަނަ އަހަރަށް ފަހު އޭނާ އަނެއްކާ ވެސް ސިޔާސީ ކަންތައްތަކުގެ ތެރެއަށް ނިކުމެ ފާޅުގައި ފާޑު ކިޔުއްވަން ފެއްޓެވީ ރައްޔިތުންގެ ކަންތައްތަކާ ރައްޔިތުންނަށް ބަސް ބުނެވޭނެ ކަމުގެ މިސާލު ދެއްކެވުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ