ފުލުހުންގެ ޑިއުޓީގައި އުޅެނިކޮށް ޕޮލިސް ސާޖަންޓް އާދަމް ހަލީމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މުހައްމަދު ސަމާހު މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދު ކޮށްފި އެވެ.
ޕޮލިސް ސާޖަންޓް އާދަމް ހަލީމަށް ހަމަލާ ދީފައިވަނީ ޖުލައި 22، 2012 ވަނަ ދުވަހުގެ ރޭ ދަންވަރު ޑިއުޓީ އަށް ދިއުމަށްޓަކައި ދިޔަ މަގުމަތީގައި، ގޭބަންދުގައި ހުންނަންޖެހޭ ރައްޔިތަކު ބަންދުން ވީއްލި ރަށުތެރޭގައި އުޅޭތަން ފެނުމުން އޭނާއަށް ނަސޭޙަތްދީ ގާނޫނަށް ބޯލެނބުމަށް އެދުމުންނެވެ.
ކާށިދޫ ސުވާސާގޭ ސަމާހު ތޫނު ހަތިޔާރަކުން އާދަމް އަށް ހަމަލާ ދިނުމުން ލިބުނު އަނިޔާގައި އޭނާ ދުނިޔެއާ ވަކިވި އިރު، ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ޖެނުއަރީ، 2013 ގައެވެ. އެ ހުކުމް ސަމާހުގެ ފަރާތުން އިސްތިއުނާފް ނުކުރުމުން ސުޕްރީމް ކޯޓުން ހަމަޖައްސާފައިވާ ގޮތުގެ މަތިން އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ހައި ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ.
އާދަމް ހަލީމަށް ހަމަލާދީ މަރާލި ކަމަށް ސަމާހު ފުރަތަމަ އެއްބަސްވިއެވެ. އެކަމަކު، ފަހުން، އާދަމް މަރާލި ކަމަށް ވަނީ އިންކާރުކޮށްފަ އެވެ.
ހައި ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ އާދަމް މަރާލި ކަމަށް އެއްބަސްވީ މަޖުބޫރުން ކަމަށް އޭނާ ބުނެފައިވިޔަސް، އެކަމަށް ބާރުދޭން ސަމާހުގެ ފަރާތުން ހެއްކެއް ދެއްކިފައި ނުވާ ކަމަށެވެ. ފަނޑިޔާރެއްގެ ކުރިމަތީގައި، ޝަރީއަތުގެ މަޖިލީހެއްގައި އެއްވެސް މަޖުބޫރުކަމެއް ނެތި ވާ އިއުތިރާފަކީ ސައްހަ އިއުތިރާފެއް ކަމަށް ނޫނީ ނުބެލެވޭނެ ކަމަށް ވެސް ހުކުމްގައި ފާހަގަކޮށްފައި ވެއެވެ.
އާދަމްގެ ހަލީމްގެ ވާރިސުން ބޭނުންވަނީ މަރަން މަރު ހިފަން ކަމަށް އެ މީހުން ބުނެފައި ވާއިރު، އާދަމްގެ ހަލީމްގެ ވާރިސެއްގެ ގޮތުގައި ހުރި ބާލިޣުނުވާ ކުޑަކުއްޖަކު ހުއްޓަސް، ވާރިސުންގެ ގޮތުގައި ތިބޭ ކުޑަކުދިން ބޮޑުވަންދެން މަރަށް މަރު ހިފުން ފަސްކުރަން ނުޖެހޭނެ ކަމަށް ސުންނަތް ޖަމާއަތުގެ ހަނަފީ މަޒްހަބާއި މާލިކީ މަޒްހަބުގައި އޮންނަކަން ވެސް ހުކުމުގައި ވެއެވެ.
ހައި ކޯޓުގައި އެ މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްއެވެ. އެ ހުރިހާ ފަނޑިޔާރުން ވެސް ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކުރެއްވި އިރު، ރިޔާސަތު ބެލެހެއްޓެވީ ހުސެއިން ޝަހީދެވެ.
ސަމާހު މެރުމަށް ހައި ކޯޓުން ތާއީދު ކުރިނަމަވެސް، އެ ހުކުމް ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން އެ ހުކުމް ދެމެހެއްޓުމުންނެވެ.
ސަމާހު މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ