ވިލިމާލޭގައި ތަރައްގީކުރި މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު ހުޅުވައިފި
ވިލިމާލޭގައި ހެދި ސިފައިންގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ) ގެ އާ އިމާރާތް ހުޅުވައިފި އެވެ.ވިލިމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުވައިދެއްވީ ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.މި ރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އިބްރާހީމް ހިލްމީ ބައިވެރިވެވަޑައިގެންނެވިއެވެ.މި މަރުކަޒުގައި ޒަމާނީ އޮޕަރޭޝަންސް ރޫމެއް ވަނީ ގާއިމުކޮށްފަ އެވެ.އެމްއެންޑީއެފުން ބުނި ގޮތުގައި މި އިމާރާތުން ދެވޭ ހިދުމަތްތަކަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ގާއިމު ކުރުމަށް އޮސްޓްރޭލިޔާ ސަރުކާރުންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ރާއްޖޭގައި އެންމެ ފުރަތަމަ އެމްއާރްސީސީގެ ޚިދުމަތް ފެށީ "ގލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް (ޖީއެމްޑީއެސްއެސް) ގެ ނަމުގައި 2006 ގަ އެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިންގާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކޮށް، އެއް ފުރާޅެއްގެ ދަށުން ހުރިހާ ކަމެއް ވިލަރެސް ކުރުމުގެ ބޭނުމުގައި ޖުލައި 27، 2012 ގައި، އެ މަރުކަޒުގެ ނަން މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ ނަމަށް ވަނީ ބަދަލުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ