މިއަދު މުޅި ރާއްޖެއަށް ވެސް ހޫނުމިން އާންމު މިންވަރެއްގައި

މިއަދު މުޅި ރާއްޖެއަށް ނިސްބަތުން ހޫނު އެހާ ގަދަ ނޫން ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި ފަހުން ރާއްޖޭގެ ގިނަ ހިސާބުތަކަށް ވަރަށް ހޫނު ގަދަވިއެވެ. ނަމަވެސް މެޓް އޮފީހުން މިއަދު އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަދު މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 37 ޑިގްރީ ސެލްސިއަސްއަށް ވުރެ ދަށުގައެވެ. https://www.sun.mv/225028 މެޓް އޮފީހުން އާންމުކޮށްފައިވާ އިހުސާސްކުރެވޭ ހޫނުމިނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަދު އެންމެ ހޫނުމިން ދަށްކޮށް ހުރީ ހދ. ހަނިމާދޫގައެވެ. އެ ރަށުގެ ހޫނުމިން ހުރީ 25.5 ޑިގްރީ ސެލްސިއަސްގައެވެ. މީގެ އިތުރުން މާލޭގެ ހޫނުމިން 33.4 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، ލ. ކައްދޫގެ ހޫނުމިން ހުރީ 35.7 ޑިގްރީ ސެލްސިއަސްގައެވެ. ގދ. ކާޑެއްދޫގެ ހޫނުމިން 32.8 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، ސ. ގަމުގެ ހޫނުމިން ހުރީ 31.3 ޑިގްރީ ސެލްސިއަސްގައެވެ. މެޓް އޮފީހުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބަލާއިރު، 37 ޑިގްރީ ސެލްސިއަސްއަށް ވުރެ ދަށްވުމުން އެއީ އާންމު ހާލަތެއް ކަމަށް ބެލެވެއެވެ. އަދި 37 ޑިގްރީއާއި 37.9 ޑިގްރީއާ ދެމެދުގައި ހުންނަ ނަމަ އެއީ ދަށް މިންވަރެއްގެ ހޫނުގެ ނުރައްކަލެއް ކަމަށާއި، 38 ޑިގްރީއާއި 38.9 ޑިގްރީއާ ދެމެދުގައި ހުންނަ ނަމަ އެއީ މެދުމިނުގެ ނުރައްކަލެއް ކަމަށް އެ އިދާރާއިން ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން 39 ޑިގްރީއަށް ވުރެ މައްޗަށް ދާ ނަމަ އެއީ ހޫނުގެ ނުރައްކާ ބޮޑު ހާލަތެއް ކަމަށް މެޓް އޮފީހުގެ މިންގަނޑުތަކުން ދައްކައެވެ. ހޫނުމިން ދަށްވި ނަމަވެސް، މިއަދު ރާއްޖޭގެ ކަނޑުތަކުގެ ބާނި ބޮޑުވެ، އުދަ އަރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ. މިއަދު ހެނދުނުން ފެށިގެން ވެރިރަށް މާލެއަށް ވެސް އަންނަނީ ދޭތެރެ ދޭތެރެއިން ވާރޭ ވެހެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ