ފަޅު ރަށަކުން ވެލި ނަގަނިކޮށް އެކަން ހުއްޓުވައި ވެލިތައް އަލުން ރަށަށް އަޅުވައިފި

ގދ. ފަރެސްމާތޮޑާ ކައިރީގައި އޮންނަ ފަޅު ރަށަކުން ބަޔަކު ވެލި ނަގަނިކޮށް އެ ރަށު ކައުންސިލުން އެކަން ހުއްޓުވައި، އެކަން ކުރި މީހުން ލައްވައި ވެލި އަނބުރާ ރަށަށް އަޅުވައިފިއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެ ފަޅު ރަށުން ވެލި ނެގަމުން ދަނިކޮށް އެކަން ކުރަމުން ދިޔަ މީހުން ހޯދީ އެ ރަށަށް ޑްރޯންއެއް ފޮނުވައިގެންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އޭރު އެ މީހުން ދިޔައީ ވެލި ނަގައި ބަސްތާތަކަށް އަޅަމުންނެވެ.
ފަރެސްމާތޮޑާ ކައުންސިލުން ބުނީ، ގަވާއިދާ ހިލާފަށް ވެލި ނަގަމުންދިޔަ ފަރާތެއް ހުއްޓުވައި، އެ ފަރާތުން ނަގާފައިވާ ވެލިތައް އަނބުރާ އެ ރަށަށް ހުސްކުރުވާފައިވާ ކަމަށެވެ.
އެ ކައުންސިލުން އާންމުކޮށްފައިވާ އެހެން ވީޑިއޯއަކުން ފެންނަނީ ކައުންސިލުން އަންގައިގެން އެ މީހުން ނެގި ވެލި އަނބުރާ ރަށުގެ ގޮނޑުދޮށަށް އަޅާ މަންޒަރެވެ. އޭރު ބޮޑު ދޯންޏަކަށް ހުރީ ވެލި ބަސްތާތައް ބަރުކޮށްފައެވެ.
ފަޅުރަށްތަކުން ވެލި ނެގުމަކީ ގާނޫނީ ގޮތުން މަނާކަމެއްކަން ހަނދާންކޮށްދީ ރަށްތައް ހިމާޔަތްކުރުމުގައި އެންމެހާ ފަރާތްތަކުން އެއްބާރުލުން ދެއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.
އެ ކައުންސިލުން ބުނެފައިވާ ގޮތުގައި، ފަރެސްމާތޮޑާ ކައިރީގައި އޮންނަ ފަޅު ރަށަކުން މީގެ ކުރިން ވެސް ވެލި ނެގުމުގެ ސަބަބުން އެ ރަށް ވަނީ ވަަރަށް ބޮޑަށް ގިރައިގެން ގޮސްފައެވެ. މި ފިޔަވަޅު އެޅީ އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ރަށްތަކުން ގަވައިދާ ހިލާފަށް ވެލި ނަގައިގެން ކުރީގެ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބައެއް އާންމު ފަރާތްތަކާއި ކުންފުނިތައް ވެސް ޖޫރިމަނާކޮށްފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ