ފަލަސްޠީނުގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ހައްދުފަހަނައެޅި ޔަހޫދީ ނިރުބަވެރިންނާއި ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް ވަގުތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއިން ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވައިލައިފިއެވެ. މި ކަމަށް ބާރުއެޅުމުގެ ގޮތުން ބޭރު ޤައުމުތަކުގައި ހުރި ފަލަސްޠީނުގެ ސަފާރާތަކުން ވަނީ ޤައުމުތަކުގެ ސަރުކާރުތަކަށް ސިޓީއެއް ފޮނުވާފައެވެ. އަދި، އިސްތިޢުމާރު ކޮށްފައިވާ އިރުމަތީ ބައިތުލްމަޤްދިސް ހިމެނޭ ގޮތުގައި ފަލަސްޠީނުގެ ބިންތަކުގައި ހައްދުފަހަނައެޅި ޔަހޫދީ ނިރުބަވެރިންނާއި ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި، ދެމުންދާ ނިރުބަވެރި ހަމަލާތައް ހުއްޓުވުމަށް ޓަކައި، ބައިނަލްއަޤުވާމީ މުޖުތަމަޢުން ޢަމަލީ ގޮތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވައިލާފައެވެ. މި ސިޓީގައި، ޔަހޫދީ ސަރުކާރުގެ ތާޢީދާއި ސިފައިންގެ ފުރިހަމަ ޙިމާޔަތުގައި ޔަހޫދީ ނިރުބަވެރިން ހިންގަމުންދާ ހަރުކަށި ޢަމަލުތައް ފަލަސްޠީނުގެ ސަފާރާތަކުން ވަނީ ޤައުމުތަކުގެ ސަރުކާރުތަކުގެ ސަމާލުކަމަށް ގެނެސްފައެވެ.
ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއިން ބުނީ، އިސްތިޢުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ ރަށްތައް ގުޅުވައިދޭ މަގުތައް ޔަހޫދީ ނިރުބަވެރިންނާއި ސިފައިން ބަންދުކޮށްފައިވާ ކަމުގައެވެ. އަދި، ގެދޮރާއި މިސްކިތައްތަކުގައި ހުޅުޖަހައި، ޢާންމުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާ ކަމުގައެވެ. މީގެ އިތުރުން، ކޮންމެ ދުވަހަކު ދެމުންދާ ޢުދުވާނީ ހަމަލާތަކުގައި ފަލަސްޠީނުގެ ގިނަ އަދަދެއްގެ ބަޔަކު ޝަހީދުކުރަމުންދާއިރު، އެ ކަންކަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބޭރު ޤައުމުތަކުގައި ހުރި ފަލަސްޠީނުގެ ސަފާރާތަކުން އެ ޤައުމުތަކުގެ ސަރުކާރުތަކާއި ޤާނޫނުހަދާ މަޖިލިސްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް އެ ވުޒާރާއިން ބުނެއެވެ. ޔަހޫދީންގެ މި ޖަރީމާތަކަކީ ވަކިވަކި ހަމަލާތަކެއް ނޫން ކަމަށާއި، މިއީ ފަލަސްޠީނުގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ނިޒާމީ ގޮތެއްގައި ރާވައިގެން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކެއްގެ ގޮތުގައި އެ ވުޒާރާއިން ސިފަކުރެއެވެ.
ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ ނިރުބަވެރި ޔަހޫދީ ވަޒަންވެރިންނަށް ޔަހޫދީ ސަރުކާރާއި ސިފައިން ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެމުންދާ ކަމުގައި ވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ. އަދި، މި ޙިމާޔަތުގެ އިތުރުން، ނިރުބަވެރި ހަމަލާތައް ދެމުންދާ ޔަހޫދީ ވަޒަންވެރިން އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުމަށް ޔަހޫދީ ދައުލަތުން އިންކާރު ކުރަމުން ދިޔުމަކީ، މި ފަދަ ޖަރީމާތައް އިތުރުކޮށް ފުޅާކުރުމަށް ހިތްވަރު ދިނުމުގެ ޢަމަލެއް ކަމުގައި ވެސް އެ ވުޒާރާއިން ސިފަކުރެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ފަލަސްޠީނުގެ ރައްޔިތުންގެ ބިންތައް ފޭރިގަތުމަށް ނިރުބަވެރި ޔަހޫދީ ވަޒަންވެރިން ހިންގާ ޖަރީމާތައް އިތުރުވެފައިވާއިރު، ފަލަސްޠީނުގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޖަރީމާތައް ފުޅާކުރަމުންދާ ކަން ވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ހުޅަނގު އައްސޭރީގައި ޔަހޫދީ ނިރުބަވެރިންނާއި ސިފައިން ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގައި 1,182 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި، 24,000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށް، ލާއިންސާނީ އަނިޔާތަކަށް ހުށަހަޅާފައެވެ. މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ޔަހޫދީ ވަޒަންވެރިން ވަނީ ތަފާތު 3,488 ހަމަލާދީ، 17 މީހުން ޝަހީދު ކޮށްލާފައެވެ. މީގެ އިތުރުން، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 73,000 އަށް އުފުލިފައެވެ. އަދި، 173,000 އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައިވާއިރު، އެ ސަހަރުގެ ރައްޔިތުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތަކުގެ %90 ވަނީ ސުންނާފަތިކޮށް، ބިމާ ހަމަކޮށްލާފައެވެ.
ޔަހޫދީންގެ ޢުދުވާންތައް ހުއްޓުވަން ބައިނަލްއަޤުވާމީ މުޖުތަމައަށް ގޮވައިލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ