މި އަހަރަށް ފާސްކުރި ބަޖެޓުގައި, ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން ރާއްޖޭގެ މާލީ ބާޒާރުން ނަގާނީ ފަސް ބިލިއަން ޑޮލަރު ކަމަށް ބުނުމަށް ފަހު، އަހަރު ނިމެން ފަސް މަސް އޮއްވާ، ސެކިއުރިޓީތައް ވިއްކައިގެން އެތެރޭގެ ބާޒާރުން 10 ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ފައިސާ ނަގާފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ވަނީ، ޑޮމެސްޓިކް ސެކިއުރިޓީޒްތަކާއި ލޯނުތަކަށް ފައިނޭންސިންގެ ގޮތުގައި ހޯދާނީ 5.1 ބިލިއަން ރުފިޔާ ކަމަށެވެ. އަދި އަހަރު ނިމޭއިރު އެތެރޭގެ ދަރަނި ހުންނަނީ 92.9 ބިލިއަން ރުފިޔާގައި ކަމަށެވެ.
މިހެން ނަމަވެސް ފިނޭންސުން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ހުރި ސެކިއުރިޓީސް ވިއްކާފައިވާ އަދަދާއި އެ ރިޕޯޓު ނެރުނު ތާރީހުގެ ފަހުން ހިންގި ޕެންޝަން ފަންޑަށް ބޮންޑު ވިއްކުމުގެ މުއާމަލާތާއެކީ މިއަށް ވުރެ ގިނައިން އެތެރޭގެ ބާޒާރުން ދަަރަނި ނަގާފައިވާ ކަން ވަނީ ކަށަވަރުވެފަ އެވެ.
އެ ގޮތުން ފިނޭންސުން އާންމުކޮށްފައިވާ ހިސާބުތަކުގައި ވަނީ މި މަހުގެ މެދާ ހަމައަށް އައިއިރު އެތެރޭގެ ބާޒާރަށް ވިއްކާފައިވާ ޓްރެޝަރީ ބިލުތަކާއި ބޮންޑުތަކަށް ދައްކަން ޖެހޭ އަދަދު 95.8 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އޭގެ ފަހުން ސަރުކާރުން ވަނީ ޕެންޝަން ފަންޑަށް 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް ވިއްކާފަ އެވެ. މިހެންކަމުން އެ އަދަދު މިހާރު ހުންނާނީ 98.2 ބިލިއަން ރުފިޔާގައި އެވެ.
ރައީސް މުޢިއްޒުގެ ސަރުކާރަށް ދެ އަހަރާއި ހަތް މަސްވީއިރު، ޖުމްލަ 44 ބިލިއަން ރުފިޔާގެ ދަރަނި ނަގާފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ. މީގެ ތެރެއިން ބަޖެޓު ޑެފިސިޓު ފޫބައްދަން އެތެރޭގެ ބާޒާރުން 27.6 ބިލިއަން ރުފިޔާ ހޯދާފައިވާއިރު، ޑޮލަރުން އަނބުރާ ދައްކަންޖެހޭ ބޮންޑުތަކުގެ ދަރަނި ވެސް ވަނީ އިތުރުވެފަ.
މި އަދަދުތަކަށް ބަލާއިރު، ސަރުކާރުން މި ވަނީ އަހަރުގެ ހަތް މަސް ނުނިމެނީސް އެތެރޭގެ ބާޒާރުން 9.8 ބިލިއަން ރުފިޔާގެ ދަރަނި ނަގާފަ އެވެ.
ސަރުކާރުގެ ހަރަދުތައް ފޫބައްދަން އެތެރޭގެ ބާޒާރަށް ބަރޯސާވާން ޖެހިފައި ވަނީ އެއްވެސް އަަހަރެއްގައި ރޭވި ގޮތަށް މި ސަރުކާރަށް ބަޖެޓު ފައިނޭންސިން ނުހޯދޭތީ އެވެ. އެންމެ ބޮޑު މައްސަލައަކީ ރާވާ ގޮތަށް ބޭރުގެ ދަރަނި ނުހޯދުމެވެ.
ވޭތުވި ދެ އަހަރުގެ ބަޖެޓާއި މި އަހަރުގެ ބަޖެޓުގައި ވެސް ސަރުކާރުން ވަނީ ބޭރަށް ބޮންޑާއި ސުކޫކު ވިއްކައިގެންނާއި ބަޖެޓު ސަޕޯޓުގެ ގޮތުގައި ބިލިއަނުން ފައިސާ ހޯދަން ޖަހާފަ އެވެ. ނަމަވެސް މި ދެ އަހަރުން ކުރެ އެއްވެސް އަހަރެއްގައި ބަޖެޓު ކުރި ވަރާ ގާތަށް ވެސް ބޭރުން ފައިސާ ނުލިބުމުން، ބަޖެޓު ފައިނޭންސިންގެ ބޮޑު ބަޔެއް ހަމަޖައްސަން ޖެހުނީ އެތެރޭގެ ބާޒާރުންނެވެ.
ފިނޭންސުގެ ރަސްމީ ހިސާބުތަކުން ދައްކަނީ 2024 ގައި 8.9 ބިލިއަން ރުފިޔާ އަދި މިދިޔަ އަހަރު 8.6 ބިލިއަން ރުފިޔާ އެތެރޭގެ ބާޒާރުން ނެގި ކަމަށެވެ. ސަރުކާރުގެ މުޅި ދައުރަށް ބަލާއިރު، މި ސަރުކާރުން ވަނީ ވެރިކަމާ ހަވާލުވުމަށް ފަހު އެތެރޭގެ ބާޒާރުން 30 ބިލިއަން ރުފިޔާ ދަރަންޏަށް ނަގާފަ އެވެ.
މިއީ ކަންބޮޑުވާން ޖެހޭ ވަރުގެ ބޮޑު އަދަދެއް ނަމަވެސް، ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި އެތެރޭގެ ދަރަނި އުފުލުމުގެ ރެކޯޑާއި އަހަރެއްގެ ތެރޭގައި އެތެރޭގެ ބާޒާރުން އެންމެ ގިނަ އަދަދަކަށް ދަރަނި ނެގުމުގެ ރެކޯޑު ލިބެނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށެވެ. އެ ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 44.8 ބިލިއަން ރުފިޔާގެ ދަރަނި ނަގައި، 2023 ގައި އެކަނި 14.1 ބިލިއަން ރުފިޔާ އެތެރޭގެ ދަރަންޏަށް އިތުރުކޮށްފަ އެވެ.
ބަޖެޓުގައި ފަސް ބިލިއަން ޖެހުމަށް ފަހު، އެތެރޭގެ ބާޒާރުން 10 ބިލިއަން ރުފިޔާ ނަގައިފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ