އޯޕަންއޭއައިގެ އެންމެ ކުރިއަރާފައިވާ މޮޑެލްތަކުގެ ތެރެއިން މޮޑެލްއެއް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ލޮކްޑައުން ކޮށްގެން ކުރިއަށްގެންދިޔަ ޓެސްޓަކުން ބޭރުވެ، އެހެން ކުންފުންޏެއްގެ ވެބްސައިޓަކަށް ހަމަލާދީފިއެވެ. މިއާއެކު، އޭއައި ނިޒާމުތައް އުފައްދާ ފަރާތްތަކުގެ ކޮންޓްރޯލުން ނެއްޓެމުންދާކަމުގެ ބިރުވެރިކަން ވަނީ އަލުން އުފެދިފައެވެ.
މި ހާދިސާ ހިނގާފައިވަނީ "ސޭންޑްބޮކްސް" ޓެސްޓެއްގެ ތެރޭގައެވެ. މިއީ އޯޕަންއޭއައިގެ އެންމެ ބާރުގަދަ މޮޑެލް ކަމަށްވާ GPT-5.6 Sol އާއި، އަދި ނެރެފައިނުވާ އޭގެ ފަހުގެ މޮޑެލްގެ ގާބިލުކަން ވަޒަންކުރުމަށް ކުރިއަށްގެންދިޔަ ޓެސްޓެކެވެ.
އޯޕަންއޭއައި އިން އާންމުކޮށް މިފަދަ ލޮކްޑައުން ޓެސްޓްތައް ކުރިއަށް ގެންދިޔަ ނަމަވެސް، މިފަހަރު ކަންތައް ދިޔައީ ގޯހުންނެވެ.
ސޮފްޓްވެއާގެ ނާޒުކު ކަންތައްތައް ހޯދުމަށް ހަވާލުކުރެވުނު މި މޮޑެލްތަކަށް އެއްވެސް ހުރަހެއް (guardrails) ނެތުމުން، އެ ތަކެތި ވަނީ އިންޓަނެޓަށް ނުކުމެ، ޑިވެލޮޕަރުން ކޯޑު ރައްކާކޮށް ހިއްސާކުރާ ސައިޓެއް ކަމަށްވާ "ހަގިން ފޭސް" އަށް ހަމަލާދީފައެވެ.
"މިއިން ދޭހަވަނީ މި މޮޑެލްތައް އިތުބާރު ހުރި ގޮތެއްގައި ކޮންޓްރޯލް ކުރާނެ ގޮތެއް ނުވަތަ އަހަރެމެން ބޭނުންވާ ގޮތަށް ކަންކަން ކުރުވާނެ ގޮތެއް އަހަރެމެންނަށް ނޭނގޭކަން،" ސައިބަރ ސެކިއުރިޓީގެ ނަޒަރަކުން އޭއައި މޮޑެލްތައް ވަޒަންކުރާ މިނިވަން ޖަމިއްޔާއެއް ކަމަށްވާ ޕެލިސޭޑް ރިސާޗްގެ ޑިރެކްޓަރު ޖެފްރީ ލެޑިޝް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، "މި މޮޑެލްތަކަށް އެނގޭ އޯޕަންއޭއައި އިން ބޭނުންވަނީ އެ ތަކެތި ސޭންޑްބޮކްސްއިން ބޭރުނުވެ ތިބެންކަން. އެހެންނަމަވެސް، އެ ތަކެތި އެކަން ކުރީ ގަސްތުގައި." ކަމަށެވެ.
މިއީ ހަމައެކަނި ހިނގި މިފަދަ ހާދިސާއެއް ނޫނެވެ. މިދިޔަ މާރިޗު މަހު، ޗައިނާގެ އަލީބާބާގެ ޑިވެލޮޕަރުންނަށް ފާހަގަވީ އެމީހުންގެ މޮޑެލްއެއް، ހުއްދައަކާ ނުލައި ބޭރުގެ ސާވަރަކާ ގުޅިގެން އަމިއްލައަށް ކްރިޕްޓޯކަރަންސީ މައިން ކުރަން އުޅުނު ކަމެވެ.
އޭޕްރިލް މަހުގެ ކުރީކޮޅު، އެންތްރޮޕިކްގެ މޮޑެލް ސޭފްޓީގެ އިސްވެރިޔާ ސޭމް ބޯމަންއަށް، އެ ކުންފުނީގެ "މައިތޯސް" މޮޑެލްގެ ފަރާތުން އީމެއިލެއް ލިބުނެވެ. އޭރު ޓެސްޓު ކުރެވެމުންދިޔަ އެ މޮޑެލް ބުނެފައިވަނީ، އިންޓަނެޓާ ވަކިކުރެވިފައި އޮތް ނަމަވެސް، އެ މޮޑެލް އިންޓަނެޓް ބޭނުންކުރަމުންދާ ކަމަށެވެ.
މިކަން މުޅިން ހުއްޓުވާނެ ގޮތެއް "އަހަރެމެންނަކަށް ނޭނގޭ،" ލެޑިޝް ވިދާޅުވިއެވެ. "މިކަން ކުރިއަށް އޮތް ތަނުގައި ފަސޭހަވުމުގެ ބަދަލުގައި ވާނީ އުނދަގޫ. ސަބަބަކީ އެ ތަކެތީގެ އަމަލުތައް ފޮރުވުމަށް އެ ތަކެތި އިތުރަށް ހުށިޔާރުވާނެތީ." އޭނާ ވިދާޅުވިއެވެ.
ލޯން ވިދާޅުވި ގޮތުގައި، ޓެސްޓުކުރާ މާހައުލުތައް ބަލަހައްޓަންޖެހޭނީ ބަޔޯކޮންޓެއިންމަންޓް ލެބްތަކެކޭ އެއްފަދައިންނެވެ. އެއީ ވައިރަހެއް ނުވަތަ ބެކްޓީރިއާއެއް ދުނިޔެއަށް ފެތުރިގެން ހިނގައިދާނެ ފަދައިންނެވެ.
އޭއައި ސައިބަރ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ "އިރެގިއުލާ"ގެ ވެރިޔާ ޑޭން ލަހާވް ވިދާޅުވީ، "މިއީ ދިރާސާކުރުމުގައި ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް" ކަމަށެވެ. ރިސްކު މެނޭޖުކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ލަހާވް ވިދާޅުވި ނަމަވެސް، މި ސިސްޓަމްތަކުގެ ގާބިލުކަން އިތުރުވަމުންދާ ވަރަކަށް، އެ ތަކެތި ސުޕަވައިޒްކުރުން ދަނީ އުނދަގޫވަމުންނެވެ.
އޯޕަންއޭއައި އާއި ހަގިން ފޭސްއާ ދެމެދު ހިނގި ހާދިސާގެ ސަބަބުން، ބާރުގަދަ އޭއައި ސިސްޓަމްތައް އާންމުކުރުމުގެ ކުރިން އެ ތަކެތި ވެޓްކުރުމާ (ޗެކްކުރުމާ) މެދު އެމެރިކާގައި މިހާރުވެސް އުފެދިފައިވާ ހޫނު ބަހުސް އިތުރަށް ވަރުގަދަވާނެއެވެ.
"މި ސިސްޓަމްތައް ކިތަންމެ ބާރުގަދަވި ނަމަވެސް، އެ ހުއްޓުވުމުގެ ބާރު އިންސާނުންގެ އަތުގައި އޮތްކަން ކަށަވަރުކުރުމަށްޓަކައި ކޮންގްރެސްއިން އަވަހަށް ފިޔަވަޅު އަޅަންޖެހޭ،" އެލަޔަންސް ފޯ ސެކިއުރިޓީ އޭއައިގެ ވެރިޔާ ބްރެންޑަން ސްޓައިންހައުސާ ވިދާޅުވިއެވެ.
އޭއައި ކޮންޓްރޯލް ނުކުރެވޭ މިންވަރަށް ބާރުގަދަވަނީތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ