އިންޑިއާގައި ތަކެތީގެ އަގުތައް 4 އިންސައްތައަށް ވުރެ މައްޗަށް އަރައިފި

ކާބޯތަކެތީގެ އަގުތައް އުފުލުމާއި ތެލުގެ އަގަށް ގެނައި ބަދަލުތަކާ ގުޅިގެން، އިންޑިއާގެ އިންފްލޭޝަން ރޭޓު 16 މަސްދުވަހަށް ފަހު ފުރަތަމަ ފަހަރަށް ހަތަރު އިންސައްތައަށް ވުރެ މައްޗަށް ގޮސްފިއެވެ. އިންޑިއާގެ މިނިސްޓްރީ އޮފް ސްޓެޓިސްޓިކްސް އެންޑް ޕްރޮގްރާމް އިމްޕްލިމެންޓޭޝަން (މޮސްޕީ) އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، ޖޫން މަހު އެ ގައުމުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) އިންފްލޭޝަން ވަނީ 4.38 އިންސައްތައަށް އަރާފައެވެ. މިއީ އޭގެ ކުރީ މަހު 3.93 އިންސައްތައިގައި ހުރި އަދަދެކެވެ. އިންޑިއާއަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ތަކެތި އެތެރެ ކުރާ ގައުމަކަށްވާއިރު އެ ގައުމުގެ ތަކެތީގެ އަގުތައް އުފުލުމަކީ އޭގެ ސީދާ އަސަރު ރާއްޖެއަށް ކުރާނެ ކަމެކެވެ. ވާރޭވެހުން މަދުވުމުގެ ސަބަބުން އިންޑިއާގެ ކާބޯތަކެތީގެ އިންފްލޭޝަން ވަނީ މެއި މަހު ހުރި 4.78 އިންސައްތައިން ޖޫން މަހު 5.32 އިންސައްތައަށް އުފުލިފައެވެ. މީގެ އިތުރުން، މެއި މަހު ތެލުގެ އަގަށް ގެނައި ބަދަލުތަކުގެ އަސަރު ވެސް ވަނީ ފެންނަން ފަށާފައެވެ. އެގޮތުން، ދަތުރުފަތުރުގެ އިންފްލޭޝަން ވަނީ މެއި މަހު ހުރި 3.06 އިންސައްތައިން ޖޫން މަހު 7.35 އިންސައްތައަށް ބޮޑުވެފައެވެ. އަދި ވިޔަފާރިތަކަށް ވިއްކާ ގޭހުގެ އަގު ބޮޑުވުމާ ގުޅިގެން، ރެސްޓޯރެންޓްތަކާއި އެކޮމޮޑޭޝަންގެ އިންފްލޭޝަން ވެސް ވަނީ 6.9 އިންސައްތައަށް އުފުލިފައެވެ. ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) ގެ އަމާޒަކީ އިންފްލޭޝަން ހަތަރު އިންސައްތައިގައި ހިފެހެއްޓުމެވެ. ނަމަވެސް، އޭޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އިންފްލޭޝަންގެ އެވްރެޖް ހުރީ 3.9 އިންސައްތައިގައެވެ. މިއީ އާރްބީއައި އިން ލަފާކުރި 4.2 އިންސައްތައަށް ވުރެ ދަށް އަދަދެކެވެ. އޮކްސްފޯޑް އިކޮނޮމިކްސްގެ ލީޑް އިކޮނޮމިސްޓް އެލެގްޒެންޑްރާ ހާމަން ޕްރަސާދު ވިދާޅުވި ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދިއުމާ ގުޅިގެން، އިންޑިއާގައި އިތުރަށް ތެލުގެ އަގު ބޮޑުކުރުމުގެ ފުރުސަތު ވަނީ ކުޑަވެފައެވެ. އާރްބީއައިގެ މަނިޓަރީ ޕޮލިސީ ކޮމިޓީގެ ބައްދަލުވުމެއް އޮގަސްޓް ތިނަކުން ފަހަކަށް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. އިންޑިއާއިން ގަންނަ ސާފުނުކުރާ ތެލުގެ އެވްރެޖް އަގު އޭޕްރީލް މަހު ފީފާއަކަށް 114.48 ޑޮލަރުގައި ހުރުމަށް ފަހު، ޖުލައި މަހު ވަނީ 70.92 ޑޮލަރަށް ދަށްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ