"އިންޑިއާ އައުޓް" ހަރަކާތުން ތިޔަ ބާރު އަޅަނީ އައިއެސްއިން ރާއްޖެ ހިފުމަށް: ރައީސް ނަޝީދު

"އިންޑިއާ އައުޓް" ނަމުގައި ކެމްޕެއިން ކުރަމުންދަނީ ހައްދުފަހަނައަޅާފައިވާ އައިއެސް ޖަމާއަތުގެ ސެލްއަކުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އިންޑިއާ އައުޓް" ހަރަކާތް ކުރިއަށް ގެންދަނީ އައިއެސްގެ ސެލްއަކުން މިހާރު ވަރަށް ގިނަ ބައިނަލްއަގްވާމީ އިދާރާތަކަށް ސާފު ކަމަށެވެ. 
"ޕީޕީއެމް/ޕީއެންސީއިން މި ޝިޔާރު ބޭނުން ކުރަން އެދެނީ ނަމަ ދިޔަ ބާރު ދެއްވެނީ އައިސްއިން ރާއްޖެ ހިފުމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ. 
މި ސަރުކާރު އައި ފަހުން އިންޑިއާއިން ވަނީ ރާއްޖެއާއެކު އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިކޮށްފައެވެ. އެއީ ކުރީ ސަރުކާރުން ޗައިނާއާއެކު ގާތްކުރި ގުޅުމާއެކު އިންޑިއާގެ ގުޅުމަށް ބުރޫއަރާފައި އޮތްވައެވެ. ޗައިނާއިން ރާއްޖެއަށް އެހީވެ އަތްގަދަ ކުރުމަކީ އިންޑިއާއަށް ނުރައްކަލެއް ކަމަށް އެ ގައުމުން ގަބޫލުކުރެއެވެ.
އިންޑިއާއިން މިހާރު އަންނަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީވެ ލޯނުތައް ދެމުންނެވެ. މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު، މާލެ، ތިލަފުށި ގުޅާލައި ބްރިޖް ވެސް ކުރިއަށް ގެންދަނީ އިންޑިއާގެ އެހީތެރިކަމާއެކުއެވެ. އޭގެއިތުރުން ވެސް ކާގޯ ފެރީގެ މަޝްރޫއު އާއި ރަށްރަށުގައި ކުރިއަށް ގެންދާ އުމްރާނީ މަޝްރޫއުތައް ފާހަގަކޮށްލެވެއެވެ.
ނަމަވެސް އިންޑިއާއާއެކު ވަމުންދާ ގިނަ އެކިއެކި އެއްބަސްވުންތަކާ ގުޅިގެން އިދިކޮޅުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ އެއްބަސްވުންތަކުގެ ފަހަތުގައި ކަންތައްތަކެއް ފޮރުވައި އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި ގާއިމްވެ ތިބުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅުން ތުހުމަތުކޮށްފައިވެއެވެ. އެގޮތުން ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަށް އިންޑިއާއިން އެއްބަސްވެފައިވަނީ އެ ތަނުގައި އިންޑިއާ ސިފައިން ގާއިމްވާ ގޮތަށް ކަމާއި އެ ރަށުން އިންޑިއާއިން ގެތައް ކުއްޔަށް ހިފާނެ ކަމަށް ތުހުމަތު ކުރެއެވެ.
އިދިކޮޅުގެ މި ތުހުމަތުތަކާ ގުޅިގެން ޓްވިޓާގައި ކެމްޕެއިނެއް ވަނީ ފަށާފައެވެ. "އިންޑިއާ އައުޓް"ގެ ނަމުގައި ފަށާފައިވާ ކެމްޕެއިންގައި ގިނަ ބަޔަކު ޓްވީޓް ވެސް ކޮށްފައިވެއެވެ. އެކަމާ ގުޅިގެން އިންޑިއާ ސަފީރު ކަންބޮޑުވުން ފާޅު ކުރެއްވި ކަމަށް ވެސް އަޑުތައް ފެތުރުނެވެ. އެފަދަ ގޮތަކަށް އިންޑިއާއާ ދެކޮޅަށް ތެދުވުމަކީ އެ ގައުމުން ކަންބޮޑުވާ ކަމެއް ކަމަށް ސަރުކާރަށް ވަނީ އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ