ވަޒީރުންގެ ދެވަނަ އަހާ ފޯރަމް ހޯމަ ދުވަހު؛ ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ މަޢުލޫމާތު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ “އަހާ” ފޯރަމްގެ ދެވަނަ ފޯރަމް އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.
ޕީއެސްއެމްއިން ބުނެފައިވާގޮތުގައި މި ފޯރަމް އޮންނާނީ 29 އޭޕްރީލް ވާ ހޯމަދުވަހުގެ ރޭ 20:30ގައެވެ.
މި “އަހާ” ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނެ ވަޒީރުންނަކީ:-
1) ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއިބެހޭ ވަޒީރު: މުޙައްމަދު އަމީން
2) ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު: ޢަލީ ޢިޙްސާން
3) މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު: އަޙްމަދު ޝިޔާމް
4) މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއިބެހޭ ވަޒީރު: ޑރ. މަރްޔަމް މާރިޔާ
5) ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު: އިބްރާހީމް ވަހީދު (އަސްވާޑު)
މި ފޯރަމްގައި ބައިވެރިވެ ސުވާލު ކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު ފޯނުން ގުޅައިގެންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް އަދި އެސްއެމްއެސް މެދުވެރިކޮށް ސުވާލު ކުރުމުގެ ފުރުސަތުވެސް މިހާރު ހުޅުވާލާފައިވާ ކަމަށް ޕީއެސްއެމްއިން ބުނެއެވެ.
އެގޮތުން އެސްއެމްއެސް މެދުވެރިކޮށް ސުވާލުކުރަން ބޭނުންނަމަ AH ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކުރުމަށްފަހު ކުރަން ބޭނުންވާ ސުވާލު ލިޔުމަށްފަހު 300 އަށް ފޮނުވަން އެދިފައިވެއެވެ. 
އަހާ ފޯރަމަކީ ކޮންމެ ދެ މަހުން އެއްމަހު ވުޒާރާތަކުގެ ވަޒީރުން ހިމެނޭހެން ކުރިއަށްގެންދާ ފޯރަމެކެވެ. އެގޮތުން ފަސް ވަޒީރަކާއެކު “އަހާ” ފޯރަމްގެ ފުރަތަމަ ފޯރަމް ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.
އެފަހުން ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެލެއްވި “އަހާ” ފޯރަމްގެ “ޚާއްޞަ” ފޯރަމެއް މިދިޔަ ފެބްރުއަރީ މަހުގެ 23ގައި ބާއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ