ލ. ގާދޫގައި ތަރައްޤީކުރާ މެރިޓައިމް ހަބް މަޝްރޫޢުގެ ސަަރވޭގެ މަސައްކަތްތައް ފަށައިފި

ލ. ގާދޫގައި ތަރައްޤީކުރާ "އިންޓަގްރޭޓަޑް މެރިޓައިމް ހަބް"ގެ ކޮންސެޕްޓްއާ ގުޅޭ ސަރވޭގެ މަސައްކަތްތައް ފަށައިފިއެވެ.
މެރިޓައިމްއާ ގުޅުންހުރި ގިނަ ޚިދުމަތްތަކަކާއެކު ހައްދުންމަތީ ގާދޫގައި ތަރައްޤީކުރާ "އިންޓަގްރޭޓަޑް މެރިޓައިމް ހަބް"ގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ޗައިނާގެ ސީ.އޭ.އެމް.ސީ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓަޑް، ސީ.އޭ.އެމް.ސީ.އީއާއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މި މަސައްކަތް އެކުންފުންޏާ ޙަވާލުކުރީ މިމަހުގެ 11 ވަނަ ދުވަހުއެވެ.
މި މަޝްރޫޢަށް ބޭނުންވާ ސަރވޭގެ މަސައްކަތްތައް އެމްޕީއެލްއާއި ސީ.އޭ.އެމް.ސީ އިންޖިނިއަރިންގ ކޮމްޕެނީގެ ޓީމުން މިހާރު ވަނީ ފަށާފައެވެ. އެގޮތުން ދެ ކުންފުނީގެ ޓީމަކުން ގާދޫއަށްގޮސް ބޭނުންވާ މަޢުލޫމާތުތައް އެއްކޮށްފައިވެއެވެ.
މި މަޝްރޫޢުގެ ކޮންސެޕްޓްއާ ގުޅޭ ފުރަތަމަ ސަރވޭގައި ސީ.އޭ.އެމް.ސީ.އީ ކުންފުނިން ބައިވެރިވި ޓީމުގައި 7 ތަޖުރިބާކާރުން ހިމެނެއެވެ. އަދި އެމް.ޕީ.އެލްގެ ޓެކްނިކަލް ޓީމެއްވެސް މި ސަރވޭގައި ބައިވެރިވިއެވެ.
ލ. ގާދޫއަކީ ވެލާ ކަހަނބު ބިސްއަޅައިި، އަލާވާކަމަށް ފާހަގަކުރެވޭ ސަރަހައްދަކަށްވާތީ، މި މަޝްރޫޢު ކުރިއަށް ގެންދަން ނިންމާފައިވަނީ ތިމާވެއްޓާ ރައްޓެހި، އަދި ގާދޫގެ ގުދުރަތީ މުއްސަނދިކަން ހިމާޔަތްކުރެވޭ ކޮންސެޕްޓަކަށްކަމަށް އެމް.ޕީ.އެލުން ބުނެއެވެ.
މި މަޝްރޫޢުގެ ތެރޭގައި ގާދޫގައި ވެލާ ކަހަނބު އަރާ ސަރަހައްދު ހިމާޔަތްކޮށް، ކޮންސަވޭޝަން އަދި ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫޢުގެ ކޮންސެޕްޓްގެ މަސައްކަތްތައް ނިންމާލާނީ ތިމާވެއްޓާއި ބެހޭ ވުޒާރާއާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ފަންނީ ލަފަޔާއި އިރުޝާދު ހޯދުމަށްފަހުކަމަސް އެމް.ޕީ.އެލުން ބުނެއެވެ.
ލ. އަތޮޅުގެ އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގައި މުޅިން އަލަށް ތަޢާރަފްކުރާ ކްރޫޒް ޓަރމިނަލެއް ޤާއިމްކުރެވިގެންދާނެއެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްޤީކުރާ އީކޯ ރިސޯޓު ޤާއިމްކުރުމަށް ރާވާފައިވާއިރު، ސުޕަރ ޔޮޓް މެރީނާއެއްވެސް ޤާއިމްކުރެވޭނެއެވެ. މީގެ އިތުރުން "އޮފް ޝޯ ބަންކަރިންގ" އަދި ޓްރާންޝިޕްމަންޓް ބަނދަރެއްގެ ޚިދުމަތްވެސް ފޯރުކޮށްދޭން ވަނީ ނިންމައިފައެވެ.
ގާދޫއަކީ މެރިޓައިމްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރަނގަޅު ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރެވިފައިވީނަމަވެސް މިހާތަނަށް އެ ސަރަހައްދުގައި މެރިޓައިމްގެ ޚިދުމަތްތައް ތަރައްޤީކުރުމަށް މަސައްކަތެއް ނުކުރެވެއެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
އެމް.ޕީ.އެލްއިން ބުނީ ޒަމާނީ ތަރައްޤީއާއެކު ލ. އަތޮޅު އަންނަ މެރިޓައިމް ހަބްގެ ޚިދުމަތާއެކު އެ އަތޮޅުގެ ރައްޔިތުންނަށް އާމްދަނީގެ ފަހި ފުރުޞަތުތަކެއް ލިބިގެންދާނެއެވެ. އަދި މި މަޝްރޫޢާއެކު ލާމު އަތޮޅުގައި ޓޫރިޒަމް ސިނާއަތް ފުޅާވެ، ވަޒީފާއާއި ވިޔަފާރީގެ އިތުރު ފުރުޞަތުތައް އުފެދިގެންދާނެކަމަށް އެކުންފުނިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ