މަޖިލީހަށް އިންތިޚާބުވާ އަންހެން މެންބަރުން މަދުވުމަކީ ވިސްނަންޖެހޭ ކަމެއް: ފުއާދު

މަޖިލިހަށް ހޮވޭ އަންހެން މެމްބަރުންގެ އަދަދު މަދުވުމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް ވާދަކުރެއްވި 368 ކެންޑިޑޭޓުންގެ ތެރޭގައި 43 އަންހެން ކެންޑިޑޭޓުން ހިމެނިވަޑައިގަންނަވައެވެ. އެހެންނަމަވެސް މީގެ ތެރެއިން އިންތިޚާބު ކާމިޔާބުކުރެއްވުނީ އެންމެ 3 އަންހެން ކެންޑިޑޭޓުންނެވެ.
ނިމިދިޔަ 20 ވަނަ މަޖިލިސް އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތަޤުފީޤު ވިދާޅުވީ، އަންހެން މެންބަރުން މަދުވުމަކީ ކުރިއަށް އޮތް ތަނުގައި ވިސްނަންޖެހޭ ކަމެއްކަމަށާއި، ގިނަ އަންހެން މެންބަރުން ކުރިއަށް އޮތްތާނގައި ޤާނޫނު ހަދާ މަޖިލީހުން ފެނިގެންދިއުމަކީ އުއްމީދެއްކަމަށެވެ.
އަހަރަކަށް ވުރެ އަހަރެއް މަޖިލީހަށް ހޮވިވަޑައިގަންނަވާ އަންހެން މެންބަރުންގެ އަދަދު މަދުކަން ފާހަގަކުރައްވާ ކަންބޮޑުވުން ފާޅުކުރެއްވިއިރު، ފުވާދު ވަނީ، ޖުމްލަކޮށް އިންތިޚާބުގެ ކަންކަން ދިޔަގޮތް ވަރަށް ރަނގަޅުކަމަށް ފާހަގަކުރައްވާފައެވެ.
އެގޮތުން މިފަހަރުގެ މަޖިލިސް އިންތިޚާބަކީ މިހާތަނަށް ތާރީޚުގައި ވެސް ބޭއްވުނު އެންމެ ކާމިޔާބު މަޖިލިސް އިންތިޚާބު ކަމަށާއި، އަމާންކޮށް އިންތިޚާބު ގެންދިޔުމަށް ރައްޔިތުން ދިން އެއްބާރުލުމަށް ފުއާދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
"މަދު ޝަކުވާތަކެއް އަޅުގަނޑުމެންނަށް ލިބުނު އެހެން ނަމަވެސް އަލުން ގުނަން ޖެހޭފަދަ ސީރިއަސް އެއްވެސް މައްސަލައެއް ނެތް." ފުއާދު ތައުފީޤު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ އިންތިޚާބުގައި ވޯޓުލީ ފޮށްޓެއް އަލުން ގުނަން ޖެހެނީ އެ ފޮށްޓެއްގައި ޤާނޫނާ ޚިލާފު އަމަލެއް ހިނގައިގެން ނުވަތަ ގުނުމުގެ ތެރޭގައި ޝައްކު އުފެދޭ ކަމެއް ހިނގުމުން ކަމަށެވެ.
މަޖިލިސް އިންތިޚާބު ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމުގައި އިލެކްޝަންސްގެ މުވައްޒަފުންނާއި އޮފިޝަލުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރައްވާ އެފަރާތްތަކަށްވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ