ސީ ލައިފްއިން ސްކޭމްގަ ގެއްލުންވި މީހުންނަށް ކަމަށްބުނެ, ވިނަރެސް ފްލެޓްތައް ބަހާ ހުސްކޮށްލީ ޕީއެންސީން ދިން ލިސްޓަކަށް! އަބުދުއްރަހީމްގެ ކެމްޕޭނުގަ އިސްކޮށް އުޅުނު 10 ފަރާތަކަށްވެސް ވިނަރެސް ފްލެޓްވަނީ ދީފަ!

ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އާންމު ރައްޔިތުންނަށް ދޭން ނިންމާ, އަދި އެޕްލިކޭޝަންތައްވެސް ބަލައިގެންގައިވާ ވިނަރެސް ފްލެޓްތަކުގެ އެޕްލިކޭޝަންތައް ބާތިލް ކުރުމަށްފަހު, ވެރިކަންކުރާ ޕީއެންސީން ދިން ލިސްޓަކަށް ބާކީހުރި ހުރިހާ ވިނަރެސް ފްލެޓްތަކެއް ބަހާ ނިންމާފައިވާކަމަށް “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ލިބިއްޖެއެވެ.
“ދިޔަވަރު އޮންލައިން”އަށް މައުލޫމާތުދިން އެޗްޑީސީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ވެރިކަންކުރާ ޕީއެންސީގެ ލިސްޓަކަށް ވިނަރެސް ފްލެޓްތައް ދޫކޮށްފައިވަނީ, އެފަރާތްތައް ސީލައިފްއިން ގެއްލުން ލިބުނު މީހުންގެ ލިސްޓުގައި ހިމަނައިގެން ކަމުގައެވެ. އެގޮތުން ފާއިތުވި މަޖިލިސް އިންތިޚާބާ ދިމާކޮށް, ރައީސް މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމްގެ ކެމްޕޭންގައި ހަރަކާތްތެރިވި އިސް 10 ފަރާތަކަށްވެސް ވިނަރެސް ފްލެޓްތައް ދޫކޮށްފައިވާކަމަށް އެޗްޑީސީގެ އޮފިޝަލް ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވި ގޮތުގައި ބައެއް މީހުންނަށް ވިނަރެސް ފްލެޓް ދީފައިވަނީ ކޭ-ޕާކު ސްކޭމުގައި ގެއްލުންވީ މީހުންކަމަށް ބުނެއެވެ.
އޮފިޝަލް ވިދާޅުވީ ހަގީގަތުގައި ވިނަރެސް ފްލެޓްތައް ދީފައިވާ ގިނަ މީހުންނަކީ ސީލައިފްއާއި އަދި ކޭ-ޕާކްއާއިވެސް އެއްވެސް ގުޅުމެއް ނެތް ފަރާތްތަކެއް ކަމުގައެވެ. އޭނާ ވިދާޅުވީ މިއުސޫލުން ސަރުކާރު ބަދަލުވިއިރު ބާކީހުރި ހުރިހާ ވިނަރެސް ފްލެޓްތަކެއް މިހާރު ބަހާ ހުސްކޮށްލާފައިވާކަމުގައެވެ.
ފާއިތުވި ހަފްތާގައި އެޗްޑީސީންވަނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިނަރެސް ފްލެޓު ގަތުމަށް ހުށަހެޅި ފޯމްތައް ބާތިލް ކޮށްފައެވެ.
އެޗްޑީސީން ކުރިން ބުނެފައިވަނީ އޮންލައިންކޮށް ވިނަރެސް ފްލެޓު ގަތުމަށް ހުޅުވާލި ފުރުސަތުގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވެ، ގިނަ ޝަކުވާތަކެއް ލިބިފައިވުމުން ފޯމްތައް ބާތިލްކުރީ ކަމުގައެވެ. އަދި ދިމާވި ޓެކްނިކަލް މައްސަލަތަކާ ގުޅިގެން ގިނަ ބަޔަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ގެއްލުނު ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.
އެހެންނަމަވެސް މިސަރުކާރުން މިހާރުވަނީ މަޖިލިސް އިންތިޚާބާ ދިމާކޮށް, މި ފްލެޓްތައް ހައްގުވާ އެތައްބައެއްގެ ހައްގުތައް ނުގުޅައިގަތުމަށްފަހު މި ފްލެޓްތައް ސަރުކާރުގެ އިސްވެރިންނާއި ގުޅުންހުރި ފަރާތްތަކަށް ބަހާ ހުސްކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ