ޖެންޑާ މިނިސްޓްރީން ބޭއްވި ބައްދަލުވުމެއްގެ ބައިވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި، ކަމާގުޅޭ އިދާރާތަކުގެ އޮފިޝަލުން ބައިވެރި ކޮށްގެން މިދިޔަ ބުރާސްފަތި ދުވަހު ޖެންޑާ މިނިސްޓްރީން ބޭއްވި ބައްދަލުވުމުގެ ބައިވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ސްޓެލްކޯގެ ސެމިނާ ރޫމުގައި ބޭއްވި އެ ބައްދަލުވުމުގައި ބައިވެރިވި މީހުންގެ ތެރެއިން އިއްޔެ ޕޮޒިޓިވްވީ، ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) ގެ މުވައްޒަފެކެވެ.
އެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އާއި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ރާއްޖޭގައި ހުންނަވާ ޔުނިސެފްގެ މަންދޫބު ވެސް ބައިވެރިވެވަޑައިގަތެވެ. އޭގެ އިތުރުން އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ފުލުހުން އަދި މަދަނީ ޖަމިއްޔާތަކާއި ޔުނިސެފްގެ ފަރާތުން މަންދޫބުން ބައިވެރިވި އެވެ.
ޖެންޑާ މިނިސްޓްރީން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުން: އެތަނުން އެއް ބައިވެރިއަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި-- ފޮޓޯ: ޖެންޑާ މިނިސްޓްރީ
ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް "މިހާރު" އަށް މިއަދު ވިދާޅުވީ، ބައްދަލުވުން ބާއްވާފައި ވަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް، ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިގެން ކަމަށެވެ. އެހެންކަމުން ބައްދަލުވުމުގެ ބައިވެރިއަކު ކޮވިޑަށް ޕޮޒިޓިވް ވިޔަސް އޭނާއާ އެހެން މީހަކާ ޑައިރެކްޓް ކޮންޓެކްޓް ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ހުރިހާ ބޭފުޅުން ވެސް ތިއްބެވީ ތިން ފޫޓު ދުރުގައި، މާސްކް އަޅުއްވައިގެން، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް. އެހެންވީމާ އެއްވެސް ބޭފުޅަކާ ޕޮޒިޓިވްވި ބޭފުޅާއާ ޑައިރެކްޓް ކޮންޓެކްޓްވި ކަމެއް މިހާތަނަށް އަންގާފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ބައްދަލުވުމުގެ ބައިވެރިއަކު ޕޮޒިޓިވްވުމުން ޖެންޑާ މިނިސްޓަރު ހިމެނޭ ގޮތަށް ބައްދަލުވުމުގެ ހުރިހާ ބައިވެރިން އައިސޮލޭޝަން އަށް ދާން އެންގި ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެ ބައްދަލުވުން ބޭއްވީ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް މަސައްކަތް ކުރުމާއި އެ މީހުންގެ ހައްގުތައް ރައްކާތެރިކޮށް، ކުރިއެރުވުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގައި އެ މީހުންގެ އަޑު އުފުލުމުގެ ފުރުސަތު ފަހިކޮށް ދިނުމަށެވެ.
ރާއްޖޭން މިހާތަނަށް 2,731 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން 2,284 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު 13 މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ