ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން: ރައީސް

ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަކީ އެ މަނިކުފާނު ގަބޫލުފުޅުކުރައްވާ ހަމައެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ޕީއެންސީން މިއަދު ބޭއްވި ސައިކަލު ބުރުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރަށްރަށުގައި އަދި ސިޓީތަކުގައި ކުރަން ހުރި ކޮންމެ ކަމެއް ލާމަރުކަޒީ އުސޫލުގެ ތެރެއިން ކުރިއަށް ގެންދެވިއްޖެ ނަމަ، އޭގެ އެންމެ ހެވާއި ލާބަ ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.
ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ސަރުކާރުން ހުރިހާ ކަމެއް ކުރުމަކީ އެ މަނިކުފާނު ގަބޫލުފުޅުކުރައްވާ ހަމައެއް ނޫން ކަމަށާއި އެ މަނިކުފާނު ބޭނުންފުޅުވަނީ ލާމަރުކަޒީ ނިޒާމު މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރަން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ކައުންސިލްތަކާ ގުޅިގެން ކަންކަން ހިންގައި ކުރިއަށްގެންދިއުމަށް ކަމަށާއި އެ މަނިކުފާނަކީ ލާމަރުކަޒީ ނިޒާމު ފުރިހަމައަށް ގަބޫލުފުޅުކުރައްވާ ބޭފުޅެއް ކަމަށެވެ.
ޕީއެންސީން މާލެ ސަރަހައްދުގައި މިއަދު ބޭއްވި ސައިކަލު ބުރުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ކެންޑިޑޭޓުން އަދި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ