އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވުމާއެކު، މީހުން ސަލާމަތްކުރުމަށް ވަންނަން ޖެހުނީ އެގޭގެ ފާރު ތަޅާލައިގެން ކަމަށް ފުލުހުން ބުނެފިއެވެ.
ދިގުރަށުގައި ރޭ ދަންވަރު ހިނގި އަލިފާނުގެ އެ ހާދިސާއާ ގުޅިގެން ފަސް މީހަކު މަރުވެ، ދެ މީހެއްގެ ހާލު ވަނީ ސީރިއަސްވެފައެވެ.
އެ ހާދިސާއާ ގުޅޭގޮތުން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ހާދިސާގެ ރިޕޯޓު ރޭ 1:57 ހާއިރު ލިބިފައިވާ ކަމަށާއި އެ ރިޕޯޓާ ގުޅިގެން ފުލުހުން ވަގުތުން އެ ސަރަހައްދަށް ގޮސް، 1:58 ހާއިރު ހަރަކާތްތެރިވާން ފެށިއިރު، އެ ގޭގެ ބަދިގެ ތެރެއިން ވަރަށް ބޮޑަށް އަލިފާން އަރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
”ގޭތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށްޓަކައި، ފުލުހުންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން، ގޭގެ ބިތްދޮށު ފާރު ތަޅާލައިގެން ވަދެ ހަބަރު ހުސްވެފައި ތިބި ހަތް މީހަކު އެ ތަނުން ނެރެ، ސިއްހީ މަރުކަޒަށް ގެންގޮސްފައިވެއެވެ..،“ ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
ފުލުހުން ބުނީ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު، އޭގެ ތެރެއިން ފަސް މީހަކު މަރުވެފައިވާ ކަމަށާއި ދުމުގެ އަސަރު ކުރުމުގެ ސަބަބުން ދެ މީހެއްގެ ހާލު ސީރިއަސްކަން ކަށަވަރުކުރެވުނު ކަމަށެވެ. އަދި ހާލު ސީރިއަސް ދެ މީހުންނަށް އިތުރު ފަރުވާދިނުމަށްޓަކައި މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން އެ ހާދިސާއާ ގުޅިގެން ނަފްސާނީ ގޮތުން އަސަރުކުރި އިތުރު މީހަކަށް އެ ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށާއި އެ ހާދިސާގައި އަނިޔާވި އަދި މަރުވި ހުރިހާ އެންމެންނަކީ ވެސް ބަންގުލަދޭޝް ރައްޔިތުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އާންމުންނާއި ފުލުހުން ގުޅިގެން ކުރެވުނު މަސައްކަތުން އެ އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ ގާތްގަނޑަކަށް ރޭ 2:30 ހާއިރު ކަމަށެވެ.
ހާދިސާ ހިނގި ސަރަހައްދު ކޯޑަންކޮށް މައްސަލައިގެ ތަހުގީގު ފަށައި އެ ހާދިސާގެ މައުލޫމާތު މޭޖާ ކްރައިމް އިންވެސްޓިގޭޝަނާ ހިއްސާކުރެވިފައިވާ ކަމަށާއި އެގޮތުން މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ތަހުގީގު ޓީމު މިއަދު ހެނދުނުގެ ވަގުތެއްގައި ދިގުރަށަށް ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނީ އެ ހާދިސާގެ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި އެ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
މީހުން ސަލާމަތްކުރުމާއި، އަލިފާން ނިއްވުމުގެ އިތުރުން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިގުރަށުގެ ރައްޔިތުންގެ ފަރާތުން ދިން ފުރިހަމަ އެއްބާރުލުމަށްޓަކައި ފުލުހުން ވަނީ ޝުކުރު ދަންނަވައިފައެވެ.
އަލިފާނުން މީހުން ސަލާމަތްކުރުމަށް ވަންނަން ޖެހުނީ ފާރު ތަޅާލައިގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ