ފަތުރުވެރިކަމުގެ މަންފާ ލިބޭނީ ފަތުރުވެރިކަމުގެ ވެރިންނަށް ދިވެހިން ވެގެން: މައުސޫމް

ފަތުރުވެރިކަމުގެ މަންފާ ރައްޔިތުންނަށް ލިބޭނީ ފަތުރުވެރިކަމުގެ ވެރިންނަށް ދިވެހީން ވެގެން ކަމަށާއި ފަތުރުވެރިކަން ރަށްރަށުގައި ތަރައްގީވާން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ. ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ތައާރަފުކުރި ބޯޑާ މައިލްސް ޕްރޮގްރާމު އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރު ކަމަށްވާ "ފަތުރުވެރިކަމާ ރަށްރަށުގެ ތަރައްގީ" މި ޝިއާރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސަތުތަކާ ވަރަށް ގުޅުންހުރި ޝިއާރެއް ކަމަށެވެ. ފަތުރުވެރިކަމުގެ ވެރިންނަށް ރައްޔިތުންވާނީ އަދާކުރާހިތްވާ، ބޮޑެތި މުސާރަ ލިބޭ ވަޒީފާތައް ދިވެހިންނަށް ލިބިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ފަންނުވެރިންނާއި ފަންނާނުންގެ ބައިވެރިވުން މިދާއިރާގައި އތުރުކޮށް ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި މަހު ބޯޑަރު ހުޅުވަން ނިންމާލުމަކީ ރައީސް ސޯލިހު ނިންމެވި ވަރަށް ހިތްވަރުގަދަ މުހިއްމު ނިންމެވުމެއް ކަމަށެވެ. "ރާއްޖޭގެ އިގްތިސޯދެއް ނެތްއިރު ފަތުރުވެރިކަމުގެ ސިނާއަތުގެ އެހީގައި އިގްތިސޯދު ކުރިއަށް ގެންދިޔުމަށް ނިންމެވި ނިންމެވުމެއް،" މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ބޯޑަރު ހުޅުވާލިިއިރު އެންމެ އިސްކަމެއް ދިނީ ރައްޔިތުންނާއި މުވައްޒަފުން އަދި ފަތުރުވެރިންގެ ރައްކާތެރިކަމަށް ކަމަށެވެ. ކޮވިޑުގެ ސަބަބުން 2020 ވަނަ އަހަރު ފަތުރުވެރިކަމަށް ބޮޑު ލޮޅުމެއް އައި ނަމަވެސް އަންނަ އަހަރަކީ މި ސިނާއަތް ކުރިއަރާނެއް އަހަރަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އިމިގްރޭޝަނުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވިތާ ދެ މަސްތެރޭ 13،500 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ބޯޑާ މައިލްސް އަކީ އިމިގްރޭޝަންގެ އިސްނެގުމާއެކު ޓޫރިޒަމް މިނިސްޓްރީ އާއި ސްޓޭކް ހޯލްޑަރުން ގުޅިގެން ފެށި ޕްރޮގްރާމެކެވެ. މިއީ ރާއްޖެ އިޝްތިހާރުކޮށް ރިޕީޓް ފަތުރުވެރިން އިތުރުކުރުމަށާއި ކޮވިޑުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ފެށި ޕްރޮގްރާމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ