އޯކިޑްގައި ރޯވީ ކަރަންޓުގެ މައްސަލައަކުން: ސިފައިން

ހ. އޯކިޑް ގޭގައި އާދީއްތަ ދުވަހު ރޯވެ އެ ގޭގެ ދެމައިން އަވަހާރަވި އަލިފާނުގެ ހާދިސާ ހިނގީ ކަރަންޓުގެ މައްސަލައަކުން ކަމަށް ސިފައިން ބުރާސްފަތިދުވަހު ބުނެފި އެވެ.
އެ ހާދިސާގެ ތަފްސީލް ހާމަކުރުމަށް އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ވަނީ ފުރަތަމަ ރޯވީ ކަރަންޓު މީޓަރު ބޯޑެއްގައި ކަމަށެވެ.
"މި ހާދިސާ ހިނގަން މެދުވެރިވީ ސަބަބު ހޯދުމަށްޓަކައި ބެލިބެލުމުން ފާހަގަކުރެވުނު ގޮތުގައި އެންމެ ފުރަތަމަ ރޯވެފައިވަނީ އެގޭ ތިރީ ބައިގައި ހުންނަ ކަރަންޓް މީޓަރު ބޯޑުގަ އެވެ،" ބަޔާނުގައިވެ އެވެ. "ކަރަންޓް މީޓަރު ބޯޑުގައި ރޯވެ، ހުޅުގަނޑު މައްޗަށް އަރައިގެން ގޮސް ބޮޑު އަލިފާނުގެ ހާދިސާއަކަށް ވަނީ ބަދަލުވެފަ އެވެ. އެހެންކަމުން މިހާދިސާ ހިނގާފައިވަނީ ކަރަންޓްގެ ސަބަބުން ކަމަށް ބެލެވެ އެވެ."
މި ހާދިސާ ހިނގި ވަގުތު އޯކިޑްގައި ފިރިހެނަކާއި ތިން އަންހެނުން ތިބި ކަމަށާއި އެއީ އެ ގޭ ކުދިންގެ މަންމަ އާއި އޭނާގެ ފިރިހެން ދަރިފުޅަކާއި އަންހެން ދަރިފުޅެއްގެ އިތުރުން އެގޭގައި އުޅޭ މަސައްކަތު އަންހެނެއް ކަމަށް ސިފައިން ބުންޏެވެ. އަވަހާރަވެފައި ވަނީ ކުދިންގެ މަންމަ ހަދީޖާ އަހުމަދު (ހާޖީއެދުރުގެ ދޮންސިއްތި)، ،73 އާއި އޭނާގެ ދަރިކަނބަލުން އިއުތިޝާމް އާދަމް، ،28 އެވެ.
އޯކިޑް އާއިލާ އިން ބުދަދުވަހު ނެރުނު ބަޔާނެއްގައި ވެސް ވާގޮތަށް، ސިފައިން ވެސް ބުނީ އަވާހަރަވި ދެމައިން ތިބި ކޮޓަރީގެ ބޮޑުމިނަކީ 15 ފޫޓް 9 ފޫޓް ކަމަށެވެ. އެ ކޮޓަރީގެ ބޮޑުމިނަކީ ގާތްގަނޑަކަށް 10 ފޫޓު ފަސް ފޫޓު ކަމަށް އެމްއެންޑީފުން ލަފާކޮށް އަލިފާނުގެ ހާދިސާ ހިނގި ތަނުގައި މީޑިއާ އަށް ބުނެފައިވެ އެވެ.
ސިފައިންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެއީ އެ ދެމައިން ދިރިއުޅުއްވަމުން ގެންދެވި ކޮޓަރިއެއް ވެސް ނޫނެވެ.
"އެ ދެމައިން ކޮޓަރި އަށް ގެންގޮސްފައި ވަނީ ގޭގައި އަލިފާން ރޯވުމާ ގުޅިގެން އެ ދެމައިން ސަލާމަތްތެރި ހިސާބަކަށް ގެންދިޔުމުގެ ގޮތުން ކަމަށް ބެލެވެ އެވެ. މިހާދިސާ ހިނގުމާ ގުޅިގެން ގޭގައި އޭރު ތިބި ތިން އަންހެނުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ފިރިހެން މީހާގެ ވާތު ކުޑަހުޅާ ދިމާލުން އަތް ދަނޑި އަށް ހޫނުވެގެން ފޮޅުނަގާފައި ވުމާއި ކުދި ތަންތަންކޮޅު ކަފައިގެންގޮސް އޭނާގެ އަތަށް ޒަޚަމްތަކެއް ވަނީ ލިބިފަ އެވެ. އަދި ދެމައިން އެގޭ މަތީ ބުރީގައިވާ ކޮޓަރި އަށް ގެންގޮސް ކޮޓަރި ތެރޭގައިވާ ކުޑަދޮރުން ލައިގެން، ގެއިން ބޭރަށް ނެރުމުގެ މަސައްކަތް ފިރިހެން މީހާ ކޮށްފައިވެ އެވެ. އެކަން ކާމިޔާބު ނުވުމުން އިތުރު މީހެއްގެ އެހީތެރިކަމެއް ހޯދުމަށް ކުޑަދޮރުން ބޭރަށް ނިކުތް ވަގުތު، އަލިފާންގަނޑު ބޮޑުވުމުގެ ސަބަބުން އަލުން އަނބުރާ އެތެރެއަށް ވަދެވޭ ގޮތް ވަނީ ނުވެފަ އެވެ. އެގޭގައި އޭރު ހުރި މަސައްކަތު އަންހެން މީހާ ސަލާމަތްވެފައި ވަނީ އޭނާ އަމިއްލައަށެވެ،" އެމްއެންޑީއެފުން ބުންޏެވެ.
ސިފައިން ބުނިގޮތުގައި އޯކިޑްގައި ހިނގި އަލިފާނުގެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް އަށް އެ ދުވަހު ހެނދުނު 21: 9 ގައި ލިބުނުތާ މިނިޓެއް ފަހުން އަލިފާން ނިއްވުމަށް ބޭނުންކުރާ ރެޕިޑް އިންޓަވެންޝަން ވެހިކަލް އެ ސަރަހައްދަށް ދިޔުމަށް ނައްޓާލި އެވެ. އަދި އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް އިތުރު ވެހިކަލްތައް ވެސް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ސިފައިން ފަށާފައިވަނީ ހެނދުނު 27: 9 ގަ އެވެ.
އޯކިޑްގައި ރޯވި އަލިފާނުގެ 90 ޕަސެންޓް ހެނދުނު 57: 9 ގައި ކޮންޓްރޯލް ކުރެވުނުއިރު، އަލިފާން އެއްކޮށް ނިއްވާލެވުނީ އެދުވަހުގެ މެންދުރު 32: 12 ގައި ކަމަށް ވެސް ސިފައިން ބުންޏެވެ.
"އަލިފާން ކޮންޓްރޯލްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެގޭ ތެރޭގައި ދެ މީހަކު ތާށިވެފައިވާ ކަމުގެ މައުލޫމާތު ސިފައިންނަށް ލިބުމާ ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދިޔަ ޓީމްތަކުން ތާށިވެފައިވާ ދެ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ވަގުތުން ފަށާފައިވެ އެވެ،" ސިފައިންގެ ބަޔާނުގައިވެ އެވެ. "މިގޮތުން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ބައެއް ސާވިސް ޓީމްތަކުން ގޭތެރެއަށް ވަދެ، ދެމައިން ހޯދުމުގެ މަސައްކަތް ފުރަތަމަ ކުރަމުންދިޔަ އެވެ."
އެމްއެންޑީއެފުން ބުނީ އޯކިޑްގޭގެ އުތުރު ފަރާތު އެންމެ ބިއްދޮށުގައި ލަކުޑިން ޑެކް އަޅައިގެން ހަދާފައިވާ ފުރަތަމަ ބުރީގެ ކޮޓަރީގެ ތެރެއިން ދެމައިން ފެނުނު އިރު ޑެކް ވަނީ އަލިފާނުގެ އަސަރުކޮށް، ބޮޑު ބައެއް ވެއްޓިފައި ކަމަށެވެ.
"މިކޮޓަރިއާ ހިސާބަށް ސިފައިންނަށް ދެވުނުއިރު ވެސް އަލިފާނުގެ ސަބަބުން އެ ދެމައިން ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ. އަދި ދެމައިންގެ ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ހުރިކަން ވެސް ސިފައިންނަށް ފާހަގަކުރެވިފައެއް ނުވެ އެވެ. ދެމައިން ފެނުމާ އެކު ރޯވެފައިވާ ގޭތެރެއިން ސިފައިން ވަނީ އެ ދެމައިން ނެރެފަ އެވެ،" ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ