ނަމާދެއް ނިމިގެންދާއިރު ދެތިން ފޯނުގެ ރިންގްގެ އަޑަށް ނަމާދުހަލާކުވެގެން ނުދާ ޖަމާއަތެއް ވަރަށް މަދުވެއްޖެއެވެ. އެހެންކަމުން މިކަމަށް ހޭލުންތެރިކުރުވަން ޚާއްޞަ މަސައްކަތްތަކެއް ކުރަން މިވަނީ ޖެހިފައެވެ.
ޖަމާއަތް ފަށަމުން ފޯނު ނިއްވާލަން ބުނުމަކުންވެސް ނުފުދެއެވެ. މުހިންމީ ނަމާދަށް ހުއްޓައި ފޯނު ރިންގވާން ފަށައިފިނަމަ ފޯނު އޮތްތަނަކުން ނަގައި އިތުރަށް ރިންގ ނުވާނެގޮތް ހަދަން ބުނުމެވެ. ޢިލްމްވެރިން ވިދާޅުވަމުން އެގެންދަވަނީ އެކަމުން އެމީހާގެ ނަމާދަށް އެއްވެސް އުނިކަމެއް ނުއަންނާނެ ކަމަށެވެ. އަދި އެހެން މީހުންގެ ނަމާދު ސަލާމަތްކުރުމަށްޓަކައި އެއީ ކުރަންވެސް ޖެހޭނެ ކަމެއް ކަމަށެވެ.
ބައެއް އިމާމުން ބައެއް ފަހަރު ނަމާދުފެށުމުގެ ކުރިން ފޯނުނިއްވާލަން ބުނެއެވެ. މިކަމުން ކުރާ ފައިދާ ވަރަށް ކުޑައެވެ. ސަބަބަކީ މީހުން ހީކޮށްގެން ތިބެނީ ރިންގ ކަޏޑައިލެވިފައިވާ ކަމަށެވެ. ޗެކްކުރަނީ މަދުމީހެކެވެ. ފޯނުގެ ރިންގ ކަނޑައިނުލެވޭކަން އެނގެނީ ފޯނުރިންގވާން ފެށުމުންނެވެ. އެހިސާބުން ނަމާދުން އުނިވެދާނެތީ ނިއްވައި ނުލެވެނީއެވެ.
މިކަމަށް ޙައްލެއް ހޯދެން އޮތީ ހުރިހާ މިސްކިތްތަކެއްގެ ހުރިހާ އިމާމުން އެކުގައި ޚާއްޞަ ކެންޕޭނެއް ހިންގައިގެންނެވެ. ދިގުމުއްދަތަކަށް އެކެންޕޭނު ކުރިއަށް ގެންގޮސްގެންނެވެ. މީހުންނަށް ވިސްނި ހޭލުންތެރިވަންދެން މިކެންޕޭނު ކުރިއަށް ނުގެންގޮސް މައްސަލަ ޙައްލުކުރެވޭނެ ކަމަކަށް ނުވިސްނެއެވެ.
އެއްވެސް އިތުރު އަޑެއް ނުއިވުނަސް މިއުޅެނީ ނަމާދުގައި ޚުޝޫޢަތްތެރިވާން މަސައްކަތްކުރަންޖެހޭ ވަރާއި ގާތަކަށްވެސް ޚުޝޫޢަތްތެރި ނުވެވިގެންނެވެ. އެހާލަތުގައި ތިބޭއިރު އިތުރު އަޑުތައް އިވުމުން ވާނެ ގޮތް ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.
އިސްލާމިކް މިނިސްޓްރީގެ ކަމާއިބެހޭ ވެރިންނަށް ގިނަބައަކު ކުރަން ބޭނުންވާ އާދޭހަކީ މިދެންނެވި ފަދަ ކެންޕޭނެއް ހިންގަވައިދެއްވައިގެން ނަމަވެސް މިކަމަށް ޙައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތްކޮށްދެއްވުމެވެ. ސަފުތައް ތަރުތީބުކުރަން ގޮވުމަކީ ސުންނަތަކަށްވާތީ ޢަމަލުކުރާ ފަދައިން ފޯނުގެ ރިންގ ކަނޑަން ގޮވުމަކީ ވާޖިބަކަށް ނުހައި މައްސަލަ ޙައްލުކުރެވެން ނެތަތީއެވެ.
ސަފުތައް ތަރުތީބުކުރަން ގޮވުމަކީ ސުންނަތެއް! ފޯނުގެ ރިންގ ކަނޑަން ބުނުމަކީ ވާޖިބަކަށް ނުހަދައި ނަމާދުކުރެވޭކަށް ނެތް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ