މުޅިން އާ ފީޗާތަކަކާއެކު ގޫގުލް ސާޗްގެ އޭއައި މޯޑް އަޕްގްރޭޑް ކޮށްފި

ޓެކްނޮލޮޖީގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ގޫގުލްއިން އެ ކުންފުނީގެ "އޭއައި މޯޑް އިން ސާޗް" އަށް މުޅިން އައު ފީޗާތަކަކާއެކު ބޮޑެތި އަދި މުހިންމު އަޕްގްރޭޑްތަކެއް ގެނެސްފިއެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ އެހީގައި މަސައްކަތްކުރާ މި ސާޗް ޓޫލްގެ ބޭނުންތެރިކަން އިތުރުކުރުމުގެ ގޮތުން، ހަތަރު އައު ފީޗާއެއް ތައާރަފްކުރާނެކަން ގޫގުލްއިން ވަނީ އަންގާފައެވެ. މި އައު ފީޗާތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ "ސާޗް ލައިވް" ފީޗާއަށް ވީޑިއޯ އިންޕުޓްގެ ކުޅަދާނަކަން އިތުރުކުރުމެވެ. މީގެ އިތުރުން، ޕީޑީއެފް ފައިލްތަކަށް ސަޕޯޓްކުރުމާއި، މައުލޫމާތުތައް އިންތިޒާމްކޮށް ޕްލޭންތައް އެކުލަވާލުމަށް ޚާއްސަ "ކެންވަސް" ފީޗާއެއްވެސް މި އަޕްގްރޭޑްގައި ހިމެނެއެވެ. މިހާރުވެސް އަޑުން ވާހަކަ ދައްކައިގެން ސުވާލުކުރެވޭ "ސާޗް ލައިވް" ފީޗާއަށް ވީޑިއޯގެ ގާބިލްކަން އިތުރުކުރުމަކީ މި އަޕްގްރޭޑްގެ އެންމެ މުހިންމު އެއް ބައެވެ. ގޫގުލް ލެންސް މެދުވެރިކޮށް މި ޚިދުމަތް ބޭނުންކުރެވޭނެއެވެ. ޔޫޒަރުންނަށް ގޫގުލް އެޕްގައި ލެންސް ހުޅުވާލުމަށްފަހު، "ލައިވް" އައިކަންއަށް ފިތާލައިގެން، ކެމެރާ ފްރޭމްގެ ތެރޭގައި ފެންނަން ހުންނަ ކޮންމެ އެއްޗަކާ ބެހޭގޮތުން އޭއައި މޯޑާ ސުވާލުކުރެވޭނެއެވެ. އޭއައި ޗެޓްބޮޓުން ވަގުތުން ވަގުތަށް ވީޑިއޯ ފީޑް ދިރާސާކޮށް، ޔޫޒަރުގެ ސުވާލުތަކަށް ޖަވާބުދޭނެއެވެ. ގޫގުލްއިން ބުނީ މި ފީޗާ އެންމެ ފުރަތަމަ ދޫކުރާނީ އެމެރިކާގައި "އޭއައި މޯޑް ލެބްސް" ޓެސްޓްކުރާ ފަރާތްތަކަށް ކަމަށެވެ. އަދި މި ހަފްތާ ތެރޭގައި އެ ފީޗާ ލިބޭނެކަމަށްވެސް ގޫގުލްއިން ބުނެއެވެ. އޭއައި މޯޑަށް ކުރިންވެސް ފޮޓޯއެއް އަޕްލޯޑްކޮށް އެއާ ގުޅޭގޮތުން ސުވާލުކުރެވެއެވެ. މިހާރު، ޑެސްކްޓޮޕް ބޭނުންކުރާ ފަރާތްތަކަށް ޕީޑީއެފް ފައިލްތައް އަޕްލޯޑްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. މީގެ ސަބަބުން، ދިގު ޑޮކިއުމަންޓްތަކުގެ ކޮންޓެންޓްއާ ބެހޭގޮތުން ސުވާލުކޮށް، އޭގެ ޚުލާސާއެއް ހޯދައި، އަދި އެ މައުލޫމާތު ވެބްގައިވާ އެހެން މައުލޫމާތުތަކާ ގުޅުވައިގެން ޖަވާބު ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. ކުރިމަގުގައި ޕީޑީއެފްގެ އިތުރުން ގޫގުލް ޑްރައިވްގައިވާ ފައިލްތައް ފަދަ އެހެން ފޯމެޓްތަކަށްވެސް ސަޕޯޓްކުރާނެކަމަށް ގޫގުލްއިން ބުނެއެވެ. ގޫގުލްއިން އިތުރުކުރި އަނެއް ފީޗާއަކީ އައު "ކެންވަސް" ފީޗާއެވެ. އެ ފީޗާއަކީ ޔޫޒަރުންނަށް އެކި ކަންކަމަށް ޕްލޭންތައް އެކުލަވާލައި، މައުލޫމާތުތައް ފަސޭހައިން އިންތިޒާމްކުރުމަށް އެހީވެދޭނެ ޓޫލެކެވެ. މިސާލަކަށް، ދަތުރެއްގެ ޕްލޭނެއް ނުވަތަ ކިޔެވުމުގެ ޝެޑިއުލްއެއް ހެދުމަށް އެދުުމުން، އޭއައި މޯޑުން "ކްރިއޭޓް ކެންވަސް" ބަޓަންއެއް ދައްކާލާނެއެވެ. އެއަށް ފިތާލުމުން، ޗެޓްބޮޓުން އެދިފައިވާ ޕްލޭން އެއްފަޅިން ހުޅުވޭ ޑައިނަމިކް ޕެނަލްއެއްގައި ތައްޔާރުކޮށްދޭނެއެވެ. އަދި ފަހުން އެ ޕްލޭނަށް ބަދަލުގެނައުމަށް އިތުރު ސުވާލުކުރުމުގެ ފުރުސަތުވެސް ލިބޭނެއެވެ. އެންމެ ފަހުގެ ފީޗާގެ ގޮތުގައި، ގޫގުލްއިން ދަނީ އޭއައި މޯޑް ސީދާ ގޫގުލް ކްރޯމް ބްރައުޒާއާ ގުޅުވާލުމުގެ މަސައްކަތް ކުރަމުންނެވެ. ކްރޯމްގެ އެޑްރެސް ބާގައި ފެންނަ "އާސްކް ގޫގުލް އަބައުޓް ދިސް ޕޭޖް" އޮޕްޝަންއަށް ފިތާލުމުން، ޔޫޒަރު ހުޅުވައިގެން ހުރި ވެބްޕޭޖާ ބެހޭގޮތުން ސުވާލުކުރުމަށް އޭއައި މޯޑްގެ ސައިޑް ޕެނަލްއެއް ހުޅުވޭނެއެވެ. ޕޭޖުގައިވާ ވަކި ލިޔުމެއް ނުވަތަ ބައެއް ސެލެކްޓްކޮށްގެންވެސް ސުވާލުކުރުމުގެ ކުޅަދާނަކަން ލިބިގެންދާނެއެވެ. މި ފީޗާތައް ފުރަތަމަ ފުރަތަމަ މަރުހަލާގައި ލިބިގެންދާނީ އެމެރިކާގައި ގޫގުލްގެ "އޭއައި މޯޑް ލެބްސް" ޕްރޮގްރާމްގައި ބައިވެރިވާ ޔޫޒަރުންނަށެވެ. ގޫގުލްއިން ބުނާ ގޮތުގައި، މި ފީޗާތަކުގެ ސަބަބުން ސާޗް ކުރުމުގެ ތަޖުރިބާ އިތުރަށް ފަސޭހަވެ، މުއްސަނދިވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ