އަންނަ ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާސް ކޮޅުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ނަންފުޅު ބާއްވާނެ ކަމަށް އެޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ލޯކަލް ކައުންސިލްގެ އިންތިހާބަށް ވާދަކުރައްވާ ކެންޑިޑޭޓުން ރަސްމީކޮށް އިއުލާނުކުރުމަށް އާދީއްތަ ދުވަހުގެ ރޭ، އެ ޕާޓީގެ މައި އޮފީސް، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި، ކިނބިދީ ދާއިރާގެ މެމްބަރު ރިޔާޒު ވިދާޅުވީ މިރެއަކީ ﷲގެ އިރާދަފުޅުން، ހަމައެކަނި ލޯކަލް ކައުންސިލްގެ އިންތިހާބަށް ޖުމްހޫރީ ޕާޓީން ނުކުންނަ ރެއެއް ނޫން ކަމަށާއި "މިރެއަކީ ސިޔާސީ މައިދާނުގައި ޖުމްހޫރީ ޕާޓީ އަކީ އެންމެ ކުރީގައި އޮންނަ ޕާޓީއަކަށް ހެދުމުގެ މަސައްކަތް ފެށި ރޭ" ކަމަށެވެ.
"އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަމޭ، ގާނޫނު އަސާސީ ބަދަލުކޮށް 2018 ގެ ޓިކެޓްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބްލް ގާސިމް އިބްރާހިމްގެ ނަން ހިމެނުމަށް،" އޭނާ ވިދާޅުވި އެވެ.
އިމުރުން 65 އަހަރުން މަތީ ބޭފުޅުން ރިޔާސީ އިންތިހާބުގައި ވާދަ ނުކުރޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުން، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގާސިމް އަށް ވަނީ ގެއްލިފަ އެވެ. މިއީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ މި މަސައްކަތްތައް ކާމިޔާބު ކުރުމުގައި ރާއްޖެއިންނާއި ރާއްޖޭން ބޭރުގެ ފަރާތްތަކުގެ އެހީ ހޯއްދަވާނެ ކަމަށާއި އަދި ގާނޫނު އަސާސީ ބަދަލުކުރަން މަޖިލީހަށް ހުށަހަޅުއްވައި، ކޯޓުތަކަށް ވެސް އެކަންކަން ހުށަހަޅުއްވާނެ ކަމަށެވެ.
ރިޔާޒް ވިދާޅުވީ މިކަން ކާމިޔާބު ކުރެވޭނެ ކަން، މިހާރު ކަންކަން ވަމުންދާ ގޮތުން އެނގޭ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީއެއް ނުދެއްވަ އެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ މިކަމާ ބަޔަކު އުޅެމުންދާއިރު ބައިވަރު އޮފާތަކާއެކު ފައިސާ ހުށަހަޅާ ކަމަށާއި، ނަމަވެސް އަގު ހުންނަންވާނީ ދިއްކޮށްލާ ނޫޓުގައި ނޫން ކަމަށެވެ. އަދި އަގު ހުންނަންވާނީ އެބައެއްގެ ހިތުގައި ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ހުރިހާ ފަރާތްތަކެއްގެ ވެސް އުއްމީދު ކަމަށާއިއެހެން ކަމުން އެ ޕާޓީން ރައްޔިތުންނަށް ގެއްލުންވާ ކަންކަމުގައި ވޯޓް ނުދެއްވާނެ ކަމަށެވެ.
ގައުމުގައި ހުރި މައްސަލަތައް ހަމައަކަށް އެޅުވުމަށް މަޖިލީހުގެ ރައީސް މަގާމުން ދުރުކުރަންޖެހޭކަން ފާހަގަ ކުރައްވައި ރިޔާޒު ވިދާޅުވީ މަޖިލީހުގެ ރައީސަށް ތާއިދެއް ނެތް ކަމަށެވެ. އަދި މަސީހް މަގާމުން ދުރުކުރަން، ޖުމްހޫރީ ޕާޓީގެ ތްރީލައިން ވިޕް ނެރުމަށް ޕީޖީ ގްރޫޕްގައި ބާރު އަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
2018 ގެ ރިޔާސީ ޓިކެޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ