ސްކޫލް ނިންމާ ކޮންމެ ދަރިވަރަކީ ވަޒީފާގެ ޔަޤީންކަން އޮތް ކުއްޖަކަށް ހަދަން ކުރާ މަސައްކަތް ބާރަށް ކުރިއަށް!

ރާއްޖޭގެ ސްކޫލްތަކުން ތައުލީމް ޙާޞިލްކޮށްގެން ނުކުންނަ ކޮންމެ ދަރިވަރަކީވެސް ވަޒީފާގެ ޔަޤީންކަން އޮތް ކުއްޖަކަށް ހެދުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމް ބާރަށް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
"ޕީޕީއެމް އިން މިރޭ ބޭއްވި ހޭވައްލާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކޮންމެ ކުއްޖަކީ ފޮތުން ކިޔަވާ ތައުޅީމަށް އެންމެ މޮޅު ކުއްޖަކަށް ނުވެދާނެ ކަމަށާއި ނަމަވެސް ކޮންމެ ކުއްޖަކީ ވެސް މަސައްކަތެއް ކުރެވޭ ފެންވަރުގެ ކުއްޖަކަށް ހެދުމަކީ އެމަނިކުފާނުގެ އަމާޒް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ މިދިއަ އަހަރުވެސް ގްރޭޑް 10 ގައި ކިޔެވި ދަރިވަރުންގެ ތެރެއިން 22 އިންސައްތަ އެއްހައި ދަރިވަރުންނަކީ ތައުޅިމާއިއެކު މަސައްކަތް ދަސްކުރި ދަރިވަރުން ކަމަށެވެ. އެކަމުގެ ސަބަބުން އެކުދިންނަކީ ވަޒީފާ ލިބޭނެ ކަމުގެ ޔަޤީންކަމާއިއެކު ސްކޫލް ނިންމި ދަރިވަރުން ކަަމަށެވެ.
ރައީސް ޔާމީން މިރޭވެސް ވިދާޅުވީ ހަމަ އެންމެ ދަރިވަރަކީވެސް ބާކީވާ ދަރިވަރަކަށް ވުމަށް އެދިވަޑައިނުގަންނަވާ ކަމަށެވެ. ކޮންމެ ދަރިވަރަކީވެސް ވަޒިފާއެއް އަދާކޮށްގެން އާމްދަނީ ޙޯދައިގެން ރަނގަޅު ގޮތުގައި ދިރިއުޅޭ، ޤައުމު ބިނާކުރުމުގެ މަސައްކަތުގައި ބައިވެރިއަކަށް ހައްދަވަން ބޭނުންފުޅުވާ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ކޮންމެ ކުއްޖަކީވެސް ވަޒީފާއެއް ލިބޭނެ ކަމުގެ ޔަޤީންކަމާއިއެކު ސްކޫލުން ނުކުންނަ ދަރިވަރަކަށް ވުމުން އެއީ ކުދިންނަށްވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އެ ހިތްހަމަޖެހުން ކުދިންނަށް ލިބުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަަމަށެވެ.
ދަރިވަރުންނަށް މަސައްކަތް ދަސްކޮށްދިނުމަށް ހިންގާ ދަސްވާރު ޕްރޮގްރާމާއި ބީޓެކް ޕްރޮގްރާމަށް އަންނަނީ ތަރުޙީބް އިތުރުވަމުންނެވެ. ގިނަ އަދަދެއްގެ ދަރިވަރުން މިއަހަރުވެސް ވަނީ އެޕްގްރާމްތަކަށް ކުރިމަތިލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ