އިންސާނީ ހައްގުތައް ހިމާޔަތްކުރަނީ ރައްޔިތުން ބާރުވެރިކުރުވައިގެން - ފޮރިން މިނިސްޓަރ

ރާއްޖޭގައި ރައްޔިތުންގެ އިންސާނީ ހައްގުތައް ކުރިއަރުވައި، ހިމާޔަތްކޮށް ކަށަވަރުކުރަނީ ރައްޔިތުން ބާރުވެރިކުރުވައިގެން ކަމަށް ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމް ވިދާޅުވެއްޖެއެވެ.
ސްވިޓްޒަލެންޑްގެ ޖެނީވާގައި އިއްޔެ ފެށި އދގެ ހިއުމަން ރައިޓްސް ކައުންސިލްގެ 34ވަނަ އާންމު ބައްދަލުވުމުގެ ހައިލެވެލް ސެގްމެންޓުގައި ތަގުރީރު ކުރައްވަމުން ފޮރިން މިނިސްޓަރު އާސިމް ވިދާޅުވީ، ރާއްޖޭ ތަރައްގީގެ އާ ހަރުފަތަކަށް އެރީ ރައްޔިތުން ބާރުވެރިކުރުވައިގެން ކަމަށެވެ. އަދި ރާއްޖޭގެ ސައިޒު ކުޑަ ނަމަވެސް، އެއީ އިންސާނީ ހައްގުތަކުގެ އަސާސުތަކާއި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ތަބާވުމަށް އޮތް ހުރަހެއް ނޫން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ފުރުސަތުތައް ހޯދައިދީ، ރައްޔިތުންނަށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ރާއްޖެއިން އެހީތެރިވެދޭކަމަށާއި, މި ވިސްނުމުގެ ސިޔާސަތުތަކާ ގުޅިގެން ރާއްޖެ މިވަނީ ތަރައްގީގެ އާ ހަރުފަތަކަށް، އިންސާނީ ތަރައްގީގެ އާ ހަރުފަތަކަށް އަރާފައި ކަމަށްވެސް ފޮރިން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންވެސް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންގެ ތަރައްގީގެ ޒަރިއްޔާއިން އިންސާނީ ހައްގުތައް ކުރިއެރުވުމަށް ކަމަށެވެ.
އެގޮތުން، ހުރިހާ ރައްޔިތުންނަށް ހެލްތު އިންޝުއަރަންސާއި، އެއްވެސް ކުއްޖަކު ބާކީ ނުކޮށް ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމާއި، އުމުރުން ދުވަސްވީ މީހުންނަށް ކުރިޔަށްގެންދާ ޕްރޮގްރާމްތައް ފޮރިން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރާއްޖެއިން ވަނީ އދގެ ހިއުމަން ރައިޓްސް ކައުންސިލުގެ ކުރިޔަށް އޮތް 2018 - 2020 ގެ ދައުރަށް ކުރިމަތިލާފައެވެ.
އާސިމް ވިދާޅުވީ އދގެ ހިއުމަން ރައިޓްސް ކައުންސިލަކީ ރާއްޖެ ފަދަ ކުރިއަރަމުން އަންނަ ޑިމޮކްރަސީތަކުން މަސައްކަތް ކުރުމަށް ފަހި މާހައުލެއް ކަމަށާއި, ރާއްޖެއިން ގަބޫލުކުރާ ގޮތުގައި، ކައުންސިލުގެ މަގުސަދުތައް ހާސިލުކުރުމަށާއި، ކައުންސިލުގެ އިތުބާރު ދަމަހައްޓައި، އދގެ އިންސާނީ ހައްގުތައް ހިމާޔަތްކުރާ މެކެނިޒަމްތަކުގެ ކުރިއެރުމަށް ރާއްޖެއިން އިސް ދައުރެއް އަދާކޮށްދެވޭނެ ކަމަށެވެ.
އަންނަ މާޗު މަހުގެ 24 އާ ހަމައަށް ކުރިޔަށްދާ އދގެ ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގެ ބަހުސްތަކާއި ޕެނަލްތަކުގެ އިތުރުން އެހެނިހެން މަސައްކަތްތަކުގައި ރާއްޖެއިން ހަރަކާތްތެރިވަމުން ގެންދާނެއެވެ.
ޓްރަސްޓް ފަންޑުގެ ހަރަކާތެއްގެ ގޮތުގައި، ހިއުމަން ރައިޓްސް ކައުންސިލުގައި ބައިވެރިވާ ފަރާތްތަކަށް ބާއްވާ ޚާއްސަ ޖާފަތެއް އޮސްޓްރޭލިއާ އާއި ރާއްޖޭގެ ފަރާތުން މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ތެލެސީމިއާ ބަލި ޖެހިފައިވާ ފަރާތްތަކުން ކުރިމަތިލަމުންދާ ތަފާތުކުރުންތަކާއި، އިންސާނީ ހައްގުތަކުގެ ގޮންޖެހުންތަކާ ގުޅޭ ގޮތުން ބާއްވާ ހައިލެވެލް ޕެނަލް ޑިސްކަޝަނެއް ރާއްޖެއިން ކޯސްޕޮންސާ ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ