އުރުގުއޭގެ ކޯޗުކަމުން ވަކިވީ ''އެއްވެސް ކަމެއް ހާސިލުނުވެ ހުސްއަތާ'': ބިއެލްސާ
އުރުގުއާއީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން ވަކިވީ، ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން އުރުގުއޭ ކަޓައިގެން ދިއުމާއެކު އެއްވެސް ކަމެއް މި ވޭތުވެދިޔަ ތިން އަހަރުދުވަހުގެ ތެރޭގައި ހާސިލުނުވެ ކަމަށް މާސެލޯ ބިއެލްސާ ބުނެފިއެވެ. މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ސައުދީ އަރަބިއްޔާ އާއި ކޭޕް ވާޑްއާ އެއްވަރުވުމުން، ދެވަނަ ބުރަށް ދިއުމަށްޓަކައި ސްޕެއިން އަތުން މޮޅުވާން މަޖުބޫރުވި މެޗުން 1-0 އިން ބަލިވެ، އުރުގުއާއީ ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ވޯލްޑް ކަޕްގެ ފުރަތަމަ ބުރުން ކަޓައިފައެވެ. އުރުގުއާއީގެ ކޯޗުކަމުގެ އެއްބަސްވުން ހަމަވާގޮތަށް އޮތީ މިފަހަރުގެ ފީފާ ވޯލްޑް ކަޕާ ހަމައަށެވެ. މުބާރާތުން ކެޓުމާއެކު އޭނާގެ އެއްބަސްވުންވެސް ވަނީ ނިމިފައެވެ. މި ހިތްދަތި ނަތީޖާގެ ފުރިހަމަ ޒިންމާނަގަމުން، އުމުރުން 70 އަހަރުގެ ބިއެލްސާ ބުނީ ނަތީޖާއެއް ނެރެނުދެވުމުން އޭނާ ކުރިން ހޯދި ހުރިހާ ކާމިޔާބީއެއްގެ އަގު މިހާރު ގެއްލިއްޖެ ކަމަށެވެ. މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ބިއެލްސާ ވަނީ އޭނާގެ ދައުރާމެދު ވަރަށް ހިތްދަތި ޝުއޫރުތަކެއް ފާޅުކޮށްފައެވެ. "ކޮލިފައިންގެ ހަތަރުވަނަ މަގާމާއި، ކޮޕާ އެމެރިކާގެ ތިންވަނަ މަގާމަކީވެސް މިހާރު އެއްވެސް އަގެއް ހުރި އެއްޗެއް ނޫން. މިއީ މޮޅު ކުޅުންތެރިންތަކެއް ގޮވައިގެން ހަތް ޕޮއިންޓް ހޯދަން ނިކުމެ، އެންމެ ދެ ޕޮއިންޓުން ނިންމާލަން ޖެހުނު މުބާރާތެއް. ހުރިހާ މަސައްކަތަކާއި ގުރުބާނީއެއް ވީ ބޭކާރު، އަހަންނަށް ކާމިޔާބެއް ނުހޯދުނު." ހިތްދަތިވެފައި ހުރި ބިއެލްސާ ބުންޏެވެ. ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ އުރުގުއާއީގެ ގޯލްކީޕަރު، އުމުރުން 40 އަހަރުގެ ފެނާންޑޯ މުސްލޭރާ ހާފްޓައިމްގައި ބަދަލުކުރުމެވެ. މެޗުގެ ފުރަތަމަ ހާފުގައި މުސްލޭރާ ހެދި ބޮޑު ގޯހަކުން ސްޕެއިންއިން ލަނޑު ޖަހާފައިވާއިރު، އޭނާ ވެގެންގޮސްފައިވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް ބައިކޮޅަށް ލަނޑު ވަނުމަށް މެދުވެރިވި ބޮޑު ތިންގޯސް ހެދި ފުރަތަމަ ކީޕަރަށެވެ. މެޗުގެ ފުރަތަމަ ހާފުގައި މުސްލޭރާ ކައިރިން ސްޕެއިން ލަނޑު ޖަހަނީ-- ބިއެލްސާ ބުނި ގޮތުގައި މުސްލޭރާ ބަދަލުކުރީ އޭނާގެ އިތުބާރު ގެއްލުވާލާކަށް ނޫނެވެ. "ފުރަތަމަ ހާފަށްފަހު ބަދަލުވާން އެދުނީ މުސްލޭރާ އަމިއްލައަށް. އޭނާ ބޭނުންވެގެން ސާޖިއޯ ރޮޗެޓް ކުޅެން އެރީ،" މުސްލޭރާއަށް ފުރަތަމަ އެގާރައިން ފުރުސަތުދިނުމަކީ ވަރަށް ވިސްނާފައި ނިންމި ނިންމުމެއް ކަމަށް ބުނަމުން ބިއެލްސާ ކިޔައިދިނެވެ. މީގެ އިތުރުން ދެވަނަ ހާފުގައި ޓީމުގެ ކެޕްޓަން ފެޑެރީކޯ ވަލްވާޑޭ ބަދަލުކުރީ އެޓޭކުގައި ޖިސްމާނީ ގޮތުން ވަރުގަދަ ކުޅުންތެރިއަކު ބޭނުންވުމުން ކަމަށްވެސް އޭނާ ބުންޏެވެ. ބިއެލްސާގެ މި ދައުރު ފެށުނީ ވަރަށް އުންމީދީ ގޮތަކަށެވެ. ގަތަރު ވޯލްޑް ކަޕަށްފަހު ޓީމާ ހަވާލުވެ، އާ ޖީލެއް ބިނާކުރަމުން އޭނާގެ ހަލުވި އެޓޭކިންގް ގޭމ އެކު އާޖެންޓީނާއާއި ބްރެޒިލް އަތުން އުރުގުއާއީ މޮޅުކޮށްދިނެވެ. ނަމަވެސް 2024 ގެ ކޮޕާ އެމެރިކާއަށްފަހު ޓީމުގެ ކުޅުން ވަރަށް ބޮޑަށް ދަށަށްދިޔައެވެ. އެގޮތުން އެމެރިކާ އަތުން 5-1 އިން ބަލިވުން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ