ނައިޓް މާކެޓަށް ތިން ރޭ އިތުރުކޮށްފި

ގިނަ ބައެއްގެ އެދުމުގެ މަތިން ނައިޓް މާކެޓަށް ތިން ރޭ އިތުރުކުރަން ނިންމާފައިވާ ކަމަށް ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އިން މިއަދު ބުނެފި އެވެ.
އެ ޖަމިއްޔާގެ ހަޒާންދާރު އަހުމަދު އަދީބު ވިދާޅުވީ ނައިޓް މާކެޓުގެ މުއްދަތު އިތުރުކުރަން ނައިޓް މާކެޓުގެ މޭޒުތައް ގަނެފައިވާ ފަރާތްތަކުންނާއި ރަށްރަށުގެ ކައުންސިލްތަކުން ވެސް އެދެމުން އަންނަ ކަމަށެވެ.
"މި އަހަރުގެ ނައިޓް މާކެޓު ބޭއްވި ބައެއް ރޭރޭ ވިއްސާރަ ވެސް ވި. އަދި އާއްމުން ވެސް [ނައިޓް މާކެޓް އިތުރުކުރަން] ދަނީ އެދެމުން. އެހެންވެ އިތުރު ދެ ރޭ އިތުރުކުރީ. އެކަން މިހާރު އަޅުގަނޑުމެން ވާނީ ސިޓީ ކައުންސިލަށް ވެސް އެކަން ހުށަހަޅާފައި،" އަދީބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނައިޓް މާކެޓު މި މަހުގެ 20- 22 ގައި ވެސް ބާއްވަން ނިންމާފައިވަނީ ނައިޓް މާކެޓުގައި މުދާ ވިއްކާ ފަރާތްތަކުގެ ހިޔާލު ވެސް ހޯދުމަށް ފަހު ކަމަށެވެ. އެހެންވެ، އާންމުކޮށް 10 ރޭ ބާއްވަމުން އަންނަ ނައިޓް މާކެޓް މިފަހަރު 12 ރެ އަށް އިތުރުވާނެ އެވެ.
"އަޅުގަނޑުމެން ކޮންމެ މޭޒަކަށް ގޮސް ސްލިޕެއް ފުރިން. ގިނަ ވިޔަފާރިވެރިން ބުނީ ތިން ރޭ އިތުރުކުރަން. ނަމަވެސް އެކަން ކުރާއިރު އަޅުގަނޑުމެންގެ އަތުން އިތުރު ހަރަދުތަކެއް ވެސް ދޭ. ވިޔަފާރިވެރިން ބުނަނީ މާލޭ ސިޓީ ކައުންސިލުން ކުރިން ނަގަން ނިންމައި އަދި ފަހުން މައާފުކުރި 750ރ. ޖަމިއްޔާ އަށް ނެގުމަށްފަހު ތިން ރޭ އިތުރުކުރަން. އެގޮތަށް ގިނަ ފަރާތްތަކުން ހުށަހަޅާފައިވޭ. ނަމަވެސް މުދާ ހުސްވެފައި ތިބި ފަރާތްތަކުން ވިޔަފާރިވެރިންގެ ޖަމިއްޔާ އަށް އައުމުން އެ 750ރ. އަޅުގަނޑުމެންނަށް ރިފަންޑް ކޮށްދެވޭނެ،" އަދީބް ވިދާޅުވި އެވެ.
ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ނައިޓް މާކެޓު މި އަހަރު ކުރިން ބާއްވާން ހަމަޖައްސާފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އަހަރުގެ މާކެޓު ކުރިއަށް ދަނީ ލޮނު ޒިޔާރަތްކޮޅު ރާޅުގަނޑު ސަރަހައްދުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ