ޓްރަމްޕް 12 ގައުމަކަށް ޓެރިފް ރޭޓް ކަނޑައަޅުއްވައިފި

އެހެން ގައުމުތަކުން އެމެރިކާއަށް އެތެރެ ކުރާ މުދަލުން ނަގާނެ ތަފާތު ޓެރިފް ރޭޓްތަކެއް ބަޔާންކޮށް 12 ގައުމަކަށް ސިޓީ ފޮނުވާފައިވާނެ ކަމަށާއި އެ ހުށަހެޅުންތައް އަންނަ ހޯމަ ދުވަހު ހާމަ ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެއްޖެ އެވެ.
ނިއު ޖާޒީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއާފޯސް ވަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ އެކަން އިއުލާން ކުރައްވައިފަ އެވެ. ނަމަވެސް އެ ގައުމުތަކުގެ ނަންތައް ހާމަނުކުރައްވައި ވިދާޅުވީ އެ އެ މައުލޫމާތު ހޯމަ ދުވަހު ހާމަކުރައްވާނެ ކަމަށެވެ.
ދުނިޔޭގެ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން މާލީ ބާޒާރުތަކަށް ބުރޫ އަރައި، ސިޔާސަތުތައް ބައްޓަންކުރާ ފަރާތްތަކުން އިގްތިސާދު ހިމާޔަތްކުރަން އަވަސްވެގަތުމަށް ވަނީ މަޖުބޫރުވެފަ އެވެ. މިދިޔަ އޭޕްރީލް މަހު ޓްރަމްޕް ވަނީ ގިނަ ގައުމުތަކަށް ބޭސް ޓެރިފް ރޭޓް %10 އަދި އިތުރު އަދަދުތަކެއް ކަނޑައަޅަން ނިންމައިފަ އެވެ. އޭގެ ތެރޭގައި ބައެއް ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން %50 އަށް ވުރެ ބޮޑު ޑިއުޓީއެއް ނަގާނެ ކަމަށް ވަނީ ބުނެފަ އެވެ.
ނަމަވެސް %10ގެ ބޭސް ރޭޓް ފިޔަވައި އެހެން ހުރިހާ ރޭޓެއް 90 ދުވަހަށް މަޑުޖައްސާލީ އެއްބަސްވުންތައް ފައިނަލް ކުރުމަށް މަޝްވަރާތަކަށް އިތުރު ވަގުތު ދިނުމުގެ ގޮތުންނެވެ.
އެ މުއްދަތު މި މަހުގެ 9 ވަނަ ދުވަހު ނިމޭ އިރު، ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވީ ޓެރިފްތައް ކުރިން އަންދާޒާ ކުރި މިންވަރަށް ވުރެ ބޮޑުވެދާނެ ކަމަށާއި މެޖޯރިޓީ އަށް އަމަލުކުރަން ހަމަޖެހިފައި ވަނީ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެ ރޭޓްތައް %70 އަށް އަރާނެ ކަމަށް ވެސް ވަނީ ބެލެވިފަ އެވެ.
ޓެރިފްތަކާ ބެހޭ ގޮތުން ޓްރަމްޕް ގެންގުޅުއްވާ ޕްލޭންތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ ބައެއް ސިޓީތަކުގައި އޭނާ މިހާރު ސޮއިކުރައްވާފައިވާ ކަމަށާއި އެ ސިޓީތައް ހޯމަ ދުވަހު އާންމުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ