ސްކޫލް ބަންދާއި ދިމާކޮށް މާލޭގެ ސަލާމަތީކަންތައްތައް ބެލެހެއްޓުމަށް ފުލުހުންގެ ހާއްސަ މަސައްކަތްތަކެއް ފަށަނީ

ސްކޫލް ބަންދާއި ދިމާކޮށް ސަލާމަތީކަންތައްތައް ބެލެހެއްޓުމަށް ފުލުހުން އިތުރު މަސައްކަތްތަކެއް ކުރުމަށް ނިންމައިފިއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން ވިދާޅުވީ، ސްކޫލް ބަންދުވާ ދުވަސްވަރަކީ އާންމުކޮށް ވައްކަމުގެ މައްސަލަތަކާއި އެހެނިހެންވެސް މައްސަލަތައް އިތުރުވާ ދުވަސްވަރަކަށްވާއިރު، އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން މާލޭގެ ގެތަނަށް ފުލުހުން ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމަށް ވަނީ ނިންމާފައެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ސްކޫލް ބަންދުވުމުން ގިނަ އަދަދެއްގެ ބަޔަކު ފުރައިގެން އަތޮޅުތަކަށް ދިއުމުން ހިނގާ ވައްކަންތައް، އަނބުރާ މާލެ އައުމަށްފަހު ފުލުހުންނަށް ރިޕޯޓް ކުރުމުން، އެކަންތައް ތަހުޤީޤުކުރަން ދަތިތަކާއި ކުރިމަތިވާކަމަށެވެ. އެހެންކަމުން ގެތައް ރަނގަޅަށް ތަޅުލައި ޒިންމާދާރު ފަރާތްތަކާއި ހަވާލުކޮށްފައި ދިއުމަށް ފުލުހުން ވަނީ އިރުޝާދު ދެއްވާފައެވެ.
ހަމަ އެހެންމެ ގިނަ އަދަދެއްގެ ބަޔަކު ބަންދު ދުވަސްވަރާއި ދިމާކޮށް ދަތުރުކުރާއިރު، ލަގެޖް އޮޅުމާއި ގެއްލުންފަދަ މައްސަލަތައް އާންމުކޮށް ދިމާވާކަމަށްޓަކައި، އެކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން ވަނީ ސްކޫލް ބަންދާއި ދިމާކޮށް މާލޭގައި ޕެޓްރޯލްކުރާ ފުލުހުންގެ އަދަދު އިތުރުކޮށް، މާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ ޗެކްޕޮއިންޓްތައް ބަހައްޓައިގެން ބަލައި ފާސްކުރުމަށް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ