އެސްއޯއީތަކުގެ މުވައްޒަފުންނަށް މުސާރަ ދޭނެ ގޮތެއް ނެތް، ވަޒީފާއިން ވަކިކުރަނީ އެހެންވެ: މައުރޫފް

މި ސަރުކާރުން, ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް މާދަމާ ވެސް މުސާރަ ދެވޭނެ ގޮތެއް ނެތް ކަމަށާއި މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ އެހެންވެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު މިރޭ ވިދާޅުވެއްޖެއެވެ. "ޖޮބް ބުރާސްފަތި"ގެ ނަމުގައި އިިދިކޮޅު އެމްޑީޕީން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން މަޢުރޫފް ވިދާޅުވީ، ސިޔާސީ މަގާމުތަކުން މީހުން ވަކިކުރާނެ ކަމަށް ކައުންސިލު އިންތިޚާބަށް ފަހު ސަރުކާރުން ބުނި ނަމަވެސް އެ މަންޒަރު ނުފެންނަ ކަމަށެވެ. އޭގެ ބަދަލުގައި ފެންނަނީ ދޭތެރެއަކުން ސިޔާސީ މުވައްޒަފުން އައްޔަންކުރާ މަންޒަރު ކަމަށް މަޢުރޫފް ވިދާޅުވިއެވެ. އެހެންވީމާ ކުންފުނިތަކުން މުވައްޒަފުން ވަކިކުރަން ޖެހޭނެ ކަމަށް ކުންފުނިތަކުގެ ބެލެނިވެރި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު މެދުވެރިކޮށް ސަރުކާރުން ބުނަނީ ކީއްވެތޯ މަޢުރޫފް ސުވާލު އުފެއްދެވިއެވެ. "އަޅުގަނޑަށް ގަބޫލުކުރެވެނީ ތި ބޭފުޅުން [ސަރުކާރުން] ލޯނު ދައްކައިފި، ސުކޫކެއް ދައްކައިފި، އެހެން ނަމަވެސް މާދަމާ ވެސް މުސާރަ ދޭނެ ހަމަ އެއްވެސް ގޮތެއް ނެތް، މުސާރަ ދީ ނިންމައިފައި ސަރުކާރުން ކުރާ ކަމަކީ އަނެއްކާ ވެސް އަނެއް މަހު މުސާރަ ދޭނެ ގޮތެއް ހޯދަމުން މި ދަނީ،" މަޢުރޫފް ވިދާޅުވިއެވެ. "ޖޮބް ބުރާސްފަތި"ގެ ނަމުގައި އެމްޑީޕީން ބޭއްވި ޕެނަލް ޑިސްކަޝަންގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ ކުރީ ސަރުކާރުތަކުން ވެރިކަން ހިންގުމުގައި ބޭރު ގައުމުތަކުން ހިލޭ އެހީ ހޯދިކަން މަޢުރޫފް ފާހަގަކުރެއްވިއެވެ. ނަމަވެސް މިއަދު ފެންނަނީ ބޭރު ގައުމުތަކުން އެހީތެރިކަން ނުލިބޭ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ. ދުނިޔޭގެ ބޮޑެތި މާލީ އިދާރާތައް ކަމަށްވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އާއި ވޯލްޑް ބޭންކު ފަދަ ތަންތަނުން ރާއްޖޭގެ އިގުތިޞާދު ހިނގަމުންދާ ގޮތާއި ޚަރަދު ކުޑަކުރަން ސަރުކާރުން ކުރަނީ ކީއްތޯ ގާތުން ބަލަމުން އަންނަ ކަން މަޢުރޫފް ފާހަގަކުރެއްވިއެވެ. އެހެންކަމުން ސަރުކާރުން ޚަރަދު ކުޑަކުރާކަން ދެއްކުމަށްޓަކައި މުވައްޒަފުން މަދުކުރާ ކަމަށް ބުނެ އިއުލާނުތައް ނެރުން އެކަށީގެންވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން މަސައްކަތްކުރައްވަނީ އެއްވެސް ޕްލޭނެއް ނެތި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާ އެއްގޮތަށް ކަމަށް ވިދާޅުވެ މަޢުރޫފް ކުންފުނިތަކުގެ އިސް ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. "އަނެއް ހަމައަކީ މުވައްޒަފުންތަކެއް މުސާރަ ނުދެވިދާނެތީ ވަޒީފާއިން ވަކިކުރަން ވެގެންނޭ މި އުޅެނީ، ވަޒީފާއިން ވަކިކުރާނެ ހަމައެއް ހޯދުމަށްޓަކައި ޕީސީބީ މެދުވެރިކޮށް ރައިޓް ސައިޒްއޭ ކިޔައިފައި ރިޑަންޑަންސީއަށް މި އިއުލާނުކުރަނީ،" މަޢުރޫފް ވިދާޅުވިއެވެ. އެހެން ނަމަވެސް އެއީ މުވައްޒަފުން ރިޑަންޑަންޓް ކުރެވޭނެ ގޮތެއް ނޫން ކަމަށް މަޢުރޫފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މުވައްޒަފުން ރިޑަންޑަންޓްކުރެވޭނީ އެ މީހުން އަދާކުރާ މަސްއޫލިއްޔަތު ނެތިދާ ހާލަތެއްގައި ކަމަށެވެ. އެ މަސްއޫލިއްޔަތު އޮތްހާ ހިނދެއްގައި ވަޒީފާއިން ރިޑަންޑަންޓް ނުކުރެވޭނެ ކަމާއި މުވައްޒަފުން ރިޑަންޑަންޓްކުރުމުގެ ކުރިން ދުރާލާ އަންގަން ޖެހޭނެ ކަން މަޢުރޫފް ފާހަގަކުރެއްވިއެވެ. އަދި ރިޑަންޑަންޓްކުރުމުގެ ކުރިން މުވައްޒަފުންނަށް އިތުރު ފުރުސަތެއް ދޭން ޖެހޭނެ ކަމަށާއި، ރިޑަންޑަންޓްކުރާ މުވައްޒަފުން ނަގާ ގޮތް ވެސް ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑު ކުރިން ވެސް ފާހަގަކުރިހެން ދެ މަގުސަދެއް އޮތީ، އެއް މަގުސަދަކީ ޚަރަދު ކުޑަ ކުރާކަން ދެއްކުން، އަނެއް މަގުސަދަކީ ހަމަ ހަގީގަތުގައި ވެސް ރައްޔިތުންތަކެއް ބިކަކުރުން،" މަޢުރޫފް ވިދާޅުވިއެވެ. https://sun.mv/224943 މިދިޔަ އޭޕްރިލް މަހުގެ 18ގައި ފިނޭންސް މިނިސްޓްރީން ވަނީ، ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށާއި، ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރުމަށް އަންގައިފައެވެ. އޭގެ ފަހުން، މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ، ކުންފުނީގެ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް، އެ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އަންގައިފައެވެ. މިދިޔަ އޭޕްރިލް މަހު، އޭރުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި، ސަރުކާރު ކުންފުނިތަކުގައި ތިބި ކަމަށް ލަފާކުރެވޭ ޖުމްލަ އަދަދަކީ 42،000 މުވައްޒަފުންނެވެ. އެމްޑީޕީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ކުންފުނިތަކުން 33 ޕަސެންޓް މުވައްޒަފުން މަދުކުރުމަށް، 14،000އަށްވުރެ ގިނަ މީހުން ކަނޑާލަން ޖެހޭނެއެވެ. އޭގެ އަސަރު 50،000އަށްވުރެ ގިނަ މީހުންނަށް ކުރާނެ ކަމަށް އެ ޕާޓީން ލަފާކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ