ފައިސާ ޗާޕު ކުރުމުން ރައްޔިތުންނަށް އެތައް ތަކުލީފެއް ދިމާވާނެ: ފައިސަލް

2.4 ބިލިއަން ރުފިޔާ ޗާޕު ކުރުމުން މުދަލުގެ އަގުތައް އުފުލި ރައްޔިތުންނަށް އެތައް ތަކުލީފެއް ދިމާވާނެ ކަމަށް ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ ބޮންޑު މުއާމަލާތުގެ މައްސަލައިގައި ޕެންޝަން އޮފީހުގެ ބައެއް ބޭފުޅުން މީގެ ކުރިން ވެސް އިސްތިއުފާ ދީފައިވަނިކޮށް، އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ޕެންޝަން އޮފީހުގެ ބައެއް ބޭފުޅުން އަނެއްކާވެސް އިސްތިއުފާ ދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
މިއީ ސަރުކާރުން ފައިސާ ޗާޕު ކުރުމުގެ މުއަމަލާތް ކުރިއަށް ގެންދަން ކުރާ މަސައްކަތާމެދު މާލީ ދާއިރާގެ އެތައް ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން އަންނަ ވަގުތަކަށްވާއިރު، ސަރުކާރުން މިކަމާ މެދު ފުންކޮށް ވިސްނާލާ، އިނދަ ޖެހެމުންދާ އިގުތިސޯދު ނަގާ ކޮޅަށް ޖެހުމަށްޓަކައި، ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދު ހޯއްދަވަން ޖެހޭ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދުވަހެއް ދުވަހަކަށް ގައުމުގެ އިގުތިސޯދީ ހާލަތު ގޯސްވަމުންދާއިރު، 2.4 ބިލިއަން ރުފިޔާ ޗާޕު ކުރުމުން ޑޮލަރުގެ އަގު މިހާރަށް ވުރެ ވެސް މަތިވެ، މުދަލުގެ އަގު އިންތިހާ އަށް އުފުލި، އާންމު ރައްޔިތުންނަށް އެތައް ތަކުލީފެއް ދިމާވާނެ ކަމަށެވެ.
 
ފައިސަލް މިހެން ވިދާޅުވީއިރު، އޭނާ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އެމްޑީޕީގެ ނިމިދިޔަ ސަރުކާރުން 8 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވެއެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ