ޑީއާރްޕީގެ ރިއާސީ ކެންޑިޑޭޓް ކަނޑައަޅަން ޖެހޭނީ ޕްރައިމަރީއަކުން: މައުމޫން

ޑީއާރްޕީން ރިއާސީ އިންތިހާބަށް ނުކުންނަ ކެންޑިޑޭޓް ކަނޑައަޅަން ޖެހޭނީ ޕްރައިމަރީއަކުން ކަމަށް ޑީއާރްޕީގެ ޒައީމް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ބުރާސްފަތި ވިލޭރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި ފެށި އިސްލާހީ އެޖެންޑާ އަށް ހަތް އަހަރު ފުރުން ފާހަގަކުރުމަށް، މައުމޫނަށް ތާއީދުކުރާ ޒެޑް ފެކްޝަނުން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މައުމޫން ވިދާޅުވީ ޑީއާރްޕީގެ ރިއާސީ ކެންޑިޑޭޓަކީ ޕާޓީގެ ޒައީމު ދައްކަވާ މީހަކަށް ވާން ނުޖެހޭނެ ކަމަށެވެ.
ޕްރައިމަރީއަކަށް ދިއުމާ މެދު މީގެ ކުރިން އެހާ ސީދާކޮށް މައުމޫން ވާހަކަފުޅު ދައްކަވާފައެއް ނުވެ އެވެ. ކުރިން ވިދާޅުވެފައި ވަނީ ޑީއާރުޕީގެ ގިނަ މެމްބަރުން ބޭނުން ނަމަ އެގޮތަށް އެމަނިކުފާނު ވެސް ތާއީދުކުރައްވާނެ ކަމަށެވެ.
ޑީއާރުޕީގެ އަސާސީ ގަވާއިދު އޮންނަ ގޮތުން ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ލީޑަރެވެ. ކުރިން އޮންނަނީ ޒައީމެވެ. އެކަމަކު ޒައީމަކީ މިހާރު ޝަރަފުވެރި މަގާމަކަށް ވެފައި ޕާޓީގެ ހުރިހާ ކަމެއް ހިންގެވުމުގެ ޒިންމާ އޮންނަނީ ލީޑަކަށް ކަމަށް ވާތީ ރިޔާސީ ކެންޑިޑޭޓަކަށް މިހާރު ވެވަޑައިގެންފައި ވަނީ އަހުމަދު ތަސްމީން އަލީ އެވެ.
މައުމޫންގެ ވާހަކަފުޅުގައި ނުސިދާކޮށް ތަސްމީނަށް ހަމަލާއެއް ދެއްވި އެވެ. އެގޮތުން ޕްރައިމަރީއަކުން ނޫން ގޮތަކަށް ރިއާސީ ކެންޑިޑޭޓެއްގެ ގޮތުގައި ތަސްމީން ނުކުންނެވުމަށް ތާއީދެއް ނެތް ކަން ހާމަކުރެއްވުމަށް މައުމޫން ވިދާޅުވީ "ތަބަކަކަށް ލާފައި ކަމެއް މީހަކާ ހަވާލުކުރީމަ ވާނެ ގޮތް މިހާރު މިއޮތީ ފެނިފައި" ކަމަށެވެ.
މައުމޫން ވިދާޅުވީ ދެން އެފަދަ ކަމެއް އެމަނިކުފާނު ނުކުރައްވާނެ ކަމަށާއި އެ ޕާޓީގެ ތެރެއިން ރިއާސީ އިންތިހާބަށް ނުކުންނަވަން ޖެހޭނީ މެމްބަރުން ބޭނުންވާ މީހަކު ކަމަށެވެ.
"ޑީއާރުޕީގެ ޒައީމަކު ބުނާ މީހެއް ނޫން. މެމްބަރުންގެ ވޯޓަކުން ހޮވޭ މީހެއް. އެހެން އިބާރާތަކުން ދަންނަވަންޏާ ޕްރައިމަރީއަކުން ހޮވޭ މީހަކު. އެކަމާ އަޅުގަނޑުމެން ބިރުގަންނާނެ ކަމެއް ނެތް،" ގިނަ އަދަދެއްގެ ބަޔަކު ދިޔަ ޖަލްސާގައި މައުމޫން ވިދާޅުވި އެވެ.
ޑީއާރްޕީ ދެ ބައިވެފައިވާ އިރު، ތަސްމީނަށް ތާއީދުކުރައްވާ މެމްބަރުންގެ މެޖޯރިޓީ އޮތް ކައުންސިލްގެ ގިނަ މެންބަރުން ތާއީދުކުރަނީ ތަސްމީން ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނެވުމަށެވެ. ނަމަވެސް މައުމޫނަށް ނިސްބަތްވާ ޒެޑް-ފެކްޝަންގެ ބޭފުޅުން ބޭނުންވަނީ ޕްރައިމަރީއަކުން ރިއާސީ ކެންޑިޑޭޓެއް ކަނޑައެޅުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ