ޕީއެންސީއަށް ލޮޅުމެއް އަރާފަ އޮތްކަން ސާފު؛ ޕާޓީގެ ރައީސް އަދި މަޖިލީހުގައިވެސް ދައްކަނީ އިދިކޮޅުގެ ވާހަކަ: ސަނީފް

ވެރިކަން ކުރާ ޕީއެންސީގެ ރައީސްއާއި އެ ޕާޓީގެ މަޖިލިސް މެމްބަރުންވެސް މިހާރު ދައްކަވަނީ އިދިކޮޅު އެމްޑީޕީގެ ވާހަކަ ކަމަށާއި، އެ ޕާޓީގެ އެތެރެއަށް ބޮޑު ލޮޅުމެއް އަރާފައިވާކަން ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސަނީފް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވަމުންދާ ކަމަށެވެ. މީގެކުރިން ސަރުކާރުން އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތް ކަމަށް ބުނަމުން އައި ނަމަވެސް، މިހާރު ޕީއެންސީ ބައިބައި ކުރަނީ އިދިކޮޅު ފަރާތްތަކުން ކަމަށް ބުނެ ޕާޓީގެ ރައީސްއާއި މަޖިލިސް މެމްބަރުން ވާހަކަދައްކަވަމުން ގެންދަވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ސަނީފް އިތުރަށް ވިދާޅުވީ މި ސަރުކާރުގެ އެއްވެސް ވިޝަންއެއް ނެތް ކަމަށާއި، އަބަދުވެސް ކަންކަން ކުރަމުންދަނީ ޓެސްޓިންގ މަރުހަލާއެއްގައި ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް މިއަދު ކުރެވެނީ މޮޔަ ކަމެއްގެ އިހުސާސް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
 ”މޮޔައެއްގެ އަތަށް ކަނޑި ދިނީމައި ވާނެ ތަކުލީފް އެދަނީ ލިބެމުންނޭ. އެ ކަނޑީގެ ބޭނުން ހިފައިގެން ދިވެހި ރައްޔިތުންނަށް އެދަނީ އެކި ވަރުގެ ޒަހަމުތަކެއް ދެމުންނޭ މިއަދު ޑރ. މުއިއްޒު އެދަނީ،“ ސަނީފް ވިދާޅުވިއެވެ.
ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސަނީފް ވިދާޅުވީ އެމްޑީޕީ ސަރުކާރުން ނެގި ދަރަނިތައް އެންމެންނަށްވެސް އެނގޭ ކަމަށާއި، ވެރިކަމަށް އައުމުގެ ކުރިން ޕީއެންސީން ބުނަމުންދިޔައީ އެ ދަރަނި ދެއްކުމަކީ އުނދަގޫ ކަމެއް ނޫން ކަމަށެވެ. ނަމަވެސް މިއަދު އެ ވާހަކަތައް ބަދަލުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ ވެރިކަމުގައި ކުރީގެ ދަރަނިތަކާ ހަވާލުވީ އޭރު އޮތް ދަތި ހާލަތުގެ ތެރެއިން ކަމަށާއި، ނަމަވެސް މިއަދު އެފަދަ ހާލަތެއް ނެތް ކަމަށް ސަނީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ ބޮޑެތި ހަނގުރާމަތަކުގެ އަސަރުވެސް ރާއްޖެއަށް ކުރަން ފެށީ އަދި ކިރިޔާ ކަމަށާއި، މީގެކުރިން އެފަދަ ކަމެއް ނެތް އިރުވެސް ސަރުކާރުން ކަންކަން މެނޭޖް ނުކުރެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ