އެމްއައިބީންވެސް ރުފިޔާ ކާޑަށް ލިބޭ ޑޮލަރު ޓްރާންސެކްޝަން ލިމިޓްކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ރުފިޔާ ކާޑަށް ދޭ ޑޮލަރުން އީ-ކޮމާސް ސައިޓުތަކަށް ހެދޭ ޓްރާންސެކްޝަންތަކުުގެ އަދަދު 10 އަށް ލިމިޓްކޮށްފި އެވެ.
އެ ބޭންކުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރުފިޔާ ކާޑަށް ލިބެމުން ދިޔަ 250 ޑޮލަރުގެ ލިމިޓަކީ ޒަރޫރީ ބޭނުންތަކަށް ދޫކުރަމުންދިޔަ ލިމިޓެއް ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ މަދު ދުވަސްތަކުގެ ތެރޭގައި ބައެއް ކަސްޓަމަރުން އެ ލިމިޓް އެހެން ބޭނުންތަކަށް ބޭނުންކޮށްފައިވާ ކަމަށް ބުންޏެވެ.
އެހެންވެ ދެމެހެއްޓެނެވި ގޮތެއްގައި އެ ހިދުމަތް ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ފޯރުކޮށް ދިނުމަށް އިސްކަން ދިނުމުގެ ގޮތުން ބައެއް ވިޔަފާރި ސައިޓުތަކުން ޑޮލަރު ލިމިޓް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ނިންމާފައިވާކަމަށް އެމްއައިބީން ބުންޏެވެ.
އަދި މި ނިންމުމާ ގުޅިގެން އީ-ކޮމާސް ސައިޓުތަކަށް ކުރެވޭނީ ގިނަވެގެން 10 ޓްރާންސެކްޝަން ކަމަށް އެ ބޭންކުން ބުންޏެވެ.
އެމްއައިބީން ބުނީ ބަދަލު ގެނައި ނަމަވެސް ބައެއް ވިޔަފާރި ސައިޓުތައް ފިޔަވާ ކަސްޓަމަރުން އާންމު ބޭނުންތަކަށް ބޭނުންކުރާ ސަބްސްކްރިޕްޝަން ސައިޓުތަކާއި، ރާއްޖެއިން ބޭރުގައި ހުންނަ ޕީއޯއެސް މެޝިންތަކުން ކުރާ ވިޔަފާރިތަކާއި، ސިއްހީ ހިދުމަތް ހޯދުމަށް އަދި ޗުއްޓީ ހޭދަކުރުމަށް ހިނގާ އެކިއެކި ހަރަދުތަކަށް 250 ޑޮލަރު ލިމިޓް ބޭނުން ކުރެވޭނެ ކަމަށެވެ.
މިފަދަ ނިންމުމެއް ނިންމި ސަބަބަކީ ލިމިޓް ކަސްޓަމަރުންގެ އެންމެ ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރުމަށް ވީ ހާވެސް ގިނަ ކަސްޓަމަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އެމްއައިބީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ