ދިވެހިރާއްޖޭގައި ކުރިއަށްދާ ޑިޖިޓަލް ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރެއްގެ ދާއިރާއަށް އިންޑިއާ ހައި ކޮމިޝަނުގެ ފަރާތުން ލެޕްޓޮޕްތަކެއް ހަދިޔާކޮށްފިއެވެ.
މި އެހީއަކީ ސަރުކާރުގެ ”މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން“ ތަސައްވުރާ އެއްގޮތަށް ދާއިރާތަކުގެ ތަރައްގީއަށް ފޯރުކޮށްދިން އެހީއެކެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ލެޕްޓޮޕްތައް މެމްބަރުންނާ ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު ޖީ ބަލަސުބްރަމަނިއަމް އެވެ.
މި އެހީ ލިބިވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުالله ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ކުރެންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާމިން ހަބީބު، މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކު، ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަފޫ ހާމިދު، އަދި ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާއަށް ވެސް ވަނީ ލެޕްޓޮޕްތައް ހަދިޔާކޮށްފައެވެ.
އިންޑިއާ ހައި ކޮމިޝަނުން ބުނި ގޮތުގައި، މި އެހީއަކީ ޓެކްނޮލޮޖީގެ އެހީގައި ދާއިރާތައް ތަރައްގީކުރުމަށް މަގުފަހިކޮށްދިނުމަށާއި، ދެ ގައުމުގެ ދެމެދުގައި އޮތް ގާބިލުކަން އިތުރުކުރުމުގެ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި އެހީގެ ސަބަބުން ދާއިރާތަކުގެ ޑިޖިޓަލް މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެ ކޮމިޝަނުން އުންމީދު ކުރެއެވެ.
އިންޑިއާ ހައި ކޮމިޝަނުން މަޖިލީހުގެ ހަ މެމްބަރެއްގެ ދާއިރާއަށް ލެޕްޓޮޕްތަކެއް ހަދިޔާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ