ސްކޫލް ކުދިންނަށް ހާއްސަ ބަހެއް ބާއްވާނީ

މާލޭގައި ސްކޫލް ކުދިންނަށް ހާއްސަ ބަހެއްގެ ހިދުމަތް ފަށަން ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.
މިދިޔަ ހަފްތާގައި ސިޓީ ހޯލުގައި ރައްޔިތުންނަށް މައުލޫމާތު ދެއްވަމުން މާލޭގެ ޑެޕިއުޓީ މޭޔަރު މުހަންމަދު ޝަމާހު ރަޝީދު ވިދާޅުވީ މިހާރުވެސް މާލޭގައި ދެމުން ގެންދާ ބަހުގެ ހިދުމަތަށް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ސްކޫލް ކުދިންނަށް ހާއްސަ ބަހުގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
"އެންމެ ގިނަވެގެން ކުދިއަށް އޮތް މަހެއް ދެމަހެއްހާ ދުވަހުގެ ތެރޭގައި ޕައިލެޓް ޕްރޮޖެކްޓެއް ގޮތަށް ސްކޫލް ކުދިންނަށް ހާއްސަ ބަހެއް ނެރުމަށް އެމްވީކޭއިން އަންނަނީ ތައްޔާރުވަމުން،" ޝަމާހު ވިދާޅުވިއެވެ.
ޝަމާހު ވިދާޅުވީ މާލޭގައި މިހާރު އެމްވީކޭއިން ދުއްވަމުން ގެންދާ ބަހުގެ ހިދުމަތް މަދުވެގެން މަހަކު 2،500 މީހުން ބޭނުން ކުރާ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ބަހުގެ ހިދުމަތަށް ބޭނުން ކުރާނީ ތިމާވެއްޓާ ރައްޓެހި ބަސްތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސްކޫލް ކުދިންނަށް ހާއްސަ ބަހުގެ ހިދުމަތަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ދެމުން އަންނަ ހިދުމަތެކެވެ. މާލޭގައި ބަހުގެ ހިދުމަތް ދޭންފެށީ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަމުގައި، އެ މަނިކްފާނުގެ ސިޔާސަތުތަކުގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ