ޖަޒުބާތުގައި ޖެހިގެން ފަނޑިޔާރުން ނަގައި ހޫރައެއް ނުލެވޭނެ: ގާސިމް

ޖަޒުބާތުގައި ޖެހިގެން ތިބެ އެއްވެސް ބަޔަކަށް ފަނޑިޔާރުން "ނަގައި ހޫރައި ނުލެވޭނެ" ކަމަށާއި އެ މީހުންނަށް ބިރު ވެސް ނުދެއްކޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މި މަހުގެ ހަތްވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ހަނި ގޮތަކުން ނާކާމިޔާބުވެވަޑައިގެންނެވި އެ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ. ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ވަޑައިގެންނެވި ކުރީގެ ރައީސް މުހަންމަދު ނަޝީދު އިއްޔެ ވިދާޅުވި ވާހަކަތަކަށް އިޝާރާތް ކުރައްވައި ގާސިމް ވަނީ ފަނޑިޔާރުންނަށާއި ކޯޓުތަކަށް ބިރު ދެއްކުން ދޫކޮށްލުމަށް އިލްތިމާސް ކުރައްވައިފަ އެވެ. "އެގޮތަށް ބިރު ދައްކައިގެން އުޅެގެން ނުވާނެ އެއްކަމެއް ވެސް. އިރާދަކުރެއްވިއްޔާ ނުކުރެވޭނެ. ވަރަށް ސާފުކޮށް މި ދަންނަވަނީ ނުކުރެވޭނެ އެގޮތަށް ބިރުދައްކަން އުޅެގެންނެއް. ރީތި ހަމަ އާއި އުސޫލުތައް ގާއިމްކޮށްގެން ކުރަން އުޅުނީމާ ކުރެވޭނީ. އެއްގޮތަކަށް ވެސް ފަނޑިޔާރުންގެ އަދަދެއް ވެސް މަދެއް ނުކުރެވޭނެ. އަދި ޖަޒުބާތުގައި ޖެހިގެން އައިސް ނަގައި ހޫރައެއް ނުލެވޭނެ. އަޅުގަނޑުމެން ރައްޔިތުން މި ތިބީ ބަލަހައްޓައިގެން،" ވީޓީވީގައި ގާސިމް ވިދާޅުވި އެވެ. އިއްޔެ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަކީ "ބައެއް ބާވަތުގެ އިލްމު މަދު" ބޭފުޅުން ކަމަށް ތަޖުރިބާކާރުން ފާހަގަކުރައްވާ ކަމަށެވެ. އެހެންވެ ފަނޑިޔާރުންނާ ބެހޭ ގާނޫނަށް ބަދަލު ގެނެސްގެން ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނަން ފެނިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަޝީދު އެހެން ވިދާޅުވިއިރު އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓު ލުމުގައި އޮޅުވާލުމާއި މަކަރު ހަދާފައިވާ ކަމަށް ބުނެ އެ އިންތިޚާބު ބާތިލުކޮށްދިނުމަށް އެދި ޖުމްހޫރީ ޕާޓީން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އަދި މިހާތަނަށް އެ މައްސަލައިގައި ތިން އަޑު އެހުމެއް ވަނީ ބާއްވައިފަ އެވެ. ގާސިމް މިރޭ ވިދާޅުވީ ބައެއް ބޭފުޅުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އުޅޭ ކަމުގެ އަޑު އިވިވަޑައިގެންފައިވާ ކަމަށެވެ. އެހެންވެ އެކަމަށް ވެސް އޭނާ ވަނީ ރައްދު ދެއްވައިފަ އެވެ. ގާސިމް ވިދާޅުވީ އެގޮތަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، ދެން ވެރިކަމަށް އަންނަ ބަޔަކު "ތިމާމެންގެ އަތް ބަނޑުދަށު ލައިގެން" ތިބެވޭނެ ކަމަށް ހީކުރާ ކަމަށް ވަނީ ނަމަ ދަންނަވަން އޮތީ "ހޯހޯ" ކަމަށެވެ. "ތިޔަ ކުރައްވަނީ މޮޔަ ހިޔާލެކޭ. ނުކުރައްވާށޭ ތިކަން. އެގޮތަކަށް ނުކުރެވޭނެ. އެގޮތަކަށް ދިވެހި ރައްޔިތުން ޖާގައެއް ނުދޭނެ. އެ ނަސީބެއް ވެސް ނުލިބޭނެ. މި ދިވެހިރާއްޖޭގައި ގާނޫނާއި ގާނޫނުގެ ހުކޫމަތަށް ތަބާވެގެން، އިހުތިރާމްކޮށްގެން، އެކަކު އަނެކަކަށް ލޯބިވާ މާހައުލެއް ގާއިމްކުރަން އަޅުގަނޑުމެން ޑިމޮކްރެޓިކް ހަޔާތެއް ގެނެސްގެން މިދަނީ. އެހެންވީމާ އެއާ ޚިލާފަށް މީހުންނަށް އަނިޔާވެރިވުމަށް، ޒާތީ ގޮތުން ކުރާ ކަންތައް އަޅުގަނޑުމެން ބަލައިގަންނަނާކަށް ނޫން މިތިބީ،" ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީން ޒާތީ ގޮތުން ކަންތައް ކުރުމުގެ ދުވަސް މިހާރު ފާއިތުވެ ހިނގައްޖެ އެވެ. މިރޭ ވެސް ގާސިމް ތަކުރާރުކޮށް ވިދާޅުވީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން އަމަލުކުރާނެ ގޮތެއް ނިންމާނީ އެ ޕާޓީން މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ނިމުމުން ކަމަށެވެ. އަދި ދެވަނަ ބުރުގައި އޭނާގެ ތާއީދު ހޯއްދެވުމަށް ބައްދަލުކުރައްވާ ހުރިހާ ފަރާތްތަކަށް ވެސް ދެއްވަނީ އެ ޖަވާބު ކަމަށް ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ މިހާތަނަށް އެކި ބޭފުޅުންނާ ބައްދަލުކުރެއްވީ އެބޭފުޅުންގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. އަދި އަމިއްލަ އަށް އެދިވަޑައިގެން މިހާތަނަށް އެއްވެސް ބޭފުޅަކާ ބައްދަލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. ސަބަބެއް ކަމަށް ގާސިމް ވިދާޅުވީ ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލަ އަދި ނިމިފައި ނުވުމެވެ. "އަދި މިހާތަނަށް އަޅުގަނޑުމެންގެ ޖުމްހޫރީ ގުޅުން މިއޮތީ ހަމަ އޮތް ގޮތަށް މާތް ﷲގެ އިރާދަފުޅުން އެއް ވިސްނުމެއްގައި، އެއް ހިޔާލެއްގައި. އެހެން ނަމަވެސް ބޭފުޅަކު އައިސް ގެއަށް ވަނީމާ އަޅުގަނޑު މީހަކާ ވާހަކަ ނުދައްކައި ނޫނީ އެހެން ބޭފުޅުންގެ އާނ ބަސް ހޯދައިގެން ނޫނީ އަނގައިން ނުބުނެވޭނެ ވަރުގެ މިނިވަންކަމެއް ނެތިއެއް ނޫން އަޅުގަނޑުމެން މި ތިބީކީ. އެއަށް ވުރެ ވަރުގަދަ އަންޑަސްޓޭންޑިއެއްގައި އަޅުގަނޑުމެން މިތިބީ،" ގާސިމްގެ ރަނިން މޭޓް ޑރ. ހަސަން ސައީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އުމަރު ނަސީރު ވެސް ތިއްބެވި ޕްރޮގްރާމްގައި ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ