އަދީބާ ބެހޭ ގޮތުން މައުމޫން ރައީސް ޔާމީނަށް ސިޓީއެއް ނުފޮނުއްވާ: އޮފިޝަލެއް

ނައިބު ރައީސްކަން އަހުމަދު އަދީބަށް ދެއްވައިފި ނަމަ، ރައީސް އަބްދުﷲ ޔާމީނަށް ކުރައްވާ ތާއީދު އަނބުރާ ގެންދަވާނެ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ރައީސް އަބްދުﷲ ޔާމީނަށް ސިޓީފުޅެއް ނުފޮނުއްވާކަން "ހަވީރަ"ށް ކަށަވަރުވެއްޖެ އެވެ. ރައީސް ޔާމީނަށް އެމަނިކުފާނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން ސިޓީފުޅެއް ފޮނުއްވި ކަމާއި އޭގައި ހިމެނޭ ކަމަށް ބުނާ ބައެއް ވާހަކަތައް ރެއިން ފެށިގެން ބައެއް މީޑިއާތަކުގައި އަންނަނީ ފަތުރަމުންނެވެ. އެކަމަކު ސަރުކާރުގެ ވަރަށް އިސް ވެރިޔަކު "ހަވީރަ"ށް ވިދާޅުވީ އެފަދަ ސިޓީފުޅެއް ރައީސް ޔާމީނަށް މައުމޫން ނުފޮނުއްވާ ކަމަށެވެ. ބައެއް މީޑިއާތަކުން ބުނާ ގޮތުގައި އަދީބަށް ނައިބު ރައީސްކަން ދެއްވައިފި ނަމަ، ރައީސް ޔާމީނަށް ކުރައްވާ ތާއީދު އަނބުރާ ގެންދަވާނެ ކަމަށް އެ ސިޓީފުޅުގައި މައުމޫން ވިދާޅުވި އެވެ. އެ ވާހަކަ ބޮޑަށް ފެތުރުނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. މަހުލޫފް ފޯނު ނިންވާލައްވާފައި އޮތުމުން އެ ޓުވީޓާ ބެހޭ ގޮތުން އޭނާގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. އޭނާގެ ޓްވީޓްގައި ވިދާޅުވީ ރައީސް ޔާމީނަށް، މައުމޫން ފޮނުއްވި ސިޓީފުޅުގައި ވަނީ، އަދީބަށް ނައިބު ރައީސްކަން ދެއްވައިފި ނަމަ، ރައީސް ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވާނެ ކަމަށެވެ. އަދި ތަޖުރިބާ އާއި އިލްމީ ގޮތުން ބަލާއިރު އަދީބަކީ ގައުމަށް ބޮޑު ނުރައްކަލެއް ކަމަށް ވެސް މައުމޫންގެ ސިޓީފުޅުގައި ވިދާޅުވެފައިވާ ކަމަށް މަހުލޫފްގެ ޓްވީޓްގައިވެ އެވެ. ރައީސް ޔާމީނާއި އަދީބު ސަލާމް ކުރައްވަނީ.--- ފައިލް ފޮޓޯ: ރައީސް އޮފީސް ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވަކިކުރުމަށް ފަހު އެ މަގާމަށް އަދީބު ހަމަޖެއްސެވުމަށް ފެނިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ މައުމޫން، ރައީސް ޔާމީނަށް އެސްއެމްއެސްއެއް ފޮނުއްވި ކަމަށް ބުނެ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވެސް އަޑު ފެތުރުނެވެ. އެ އެސްއެމްއެސްގެ ވާހަކަ މައުމޫން ވަނީ ދޮގު ކުރައްވައިފަ އެވެ. މައުމޫން ވިދާޅުވެފައި ވަނީ ނައިބު ރައީސްގެ މަގާމަށް ވަކި ބޭފުޅަކު ގެންނަން ނުވަތަ ވަކި ބޭފުޅަކު ނުގެންނަން ރައީސުލް ޖުމްހޫރިއްޔާ އަށް ދެންނެވުމުގެ އިހްތިޔާރު ގާނޫނުއަސާސީން ލިބިދީފައިނުވާ ކަމަށެވެ. ރައީސް ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އޮމާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު، މި މަހުގެ 16 ވަނަ ދުވަހު މާލެ ވަޑައިގެން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި "ހަވީރު"ން ކުރި ސުވާލަކަށް މައުމޫނު ވިދާޅުވީ ވަކި ބޭފުޅަކަށް ނައިބު ރައީސްކަން ނުދެއްވުމަށް ރައީސް ޔާމީނަށް އެ މަނިކުފާނު ދަންނަވާފައި ނުވާނެ ކަމަށެވެ. "އަޅުގަނޑަކީ ވަރަށް ގާނޫނުއަސާސީ އަށް ހުރުމަތްތެރިކޮށް ހިތާ، ހަމަ ހުރިހާ ގާނޫނުތަކަށް ބޯލަނބާ މީހަކަށް ވާތީ އަޅުގަނޑު ނުދަންނަވަން ނައިބު ރައީސްކަން ވަކި ބޭފުޅަކަށް ދެއްވާށޭ ނުވަތަ ނުދެއްވާށޭ،" މައުމޫނު ވިދާޅުވި އެވެ. މިހާރު މީޑިއާގައި ފަތުރާ ސިޓީފުޅާ ބެހޭ ވާހަކަތަކާ މެދު މައުމޫންގެ ބަސްފުޅެއް ލިބޭ ގޮތެއް ނުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ