ހަވީރު ސްޕޯޓްސް އެވޯޑުގެ ތަރިންނާއި ޕާޓްނަރުންގެ ދަތުރަށް ދިއްފުށިން ބޮޑު ތަރުހީބެއް
ހަވީރު ސްޕޯޓްސް އެވޯޑުގެ ތަރިންނާއި ޕާޓްނަރުން ކ. ދިއްފުއްޓައް އިއްޔެ ކުރި ދަތުރުގައި އެ ރަށުން ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ. ހަވީރު އެވޯޑުގެ ތަރިންގެ އިތުރުން ބައެއް ފަނޑިޔާރުން އަދި ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިން ބައިވެރިވި "ހަވީރު ސްޕޯޓްސް އެވޯޑްސް ސީއެސްއާރު ޓްރިޕް" ގައި އެންމެ ފާހަގަވެގެން ދިޔައީ މަޝްހޫރު ލަވަ ކިޔުންތެރިޔާ މަރިޔަމް އުނޫޝާއާ އެކު ބޭއްވި ކުޑަކުދިންގެ ހަވީރެވެ. ދަތުރުގެ ބައިވެރިން ދިއްފުއްޓަށް ފޭބުމާ އެކު ސަގާފީ ހެދުމުގައި ތިބި ދިއްފުށީ ޕްރީ ސްކޫލް ކުދިން ކޮންމެ މެހެމާނަކަށް މާބޮނޑިއެއް ދިނެވެ. އެއަށް ފަހު ރަސްމިއްޔާތަށް ޚާއްސަކޮށްފައިވާ ދިއްފުށީ ސްކޫލް ކުރިމަތިން އޮތް ހުސް ބިމަށް ހަވީރުގެ މެހެމާނުންގެ އަތުގައި ހިފައިގެން އެ ކުދިން ގެންގޮސް ދިނެވެ. ފިނިހިއްޕެވުމަކަށް ފަހު ދިއްފުށީ ޒުވާނުންގެ ޖަމިއްޔާގެ ފަރާތުން ބަނޑިޔާ ޖެހުމުގެ ހިތްގައިމު އައިޓަމެއް ހުށަހަޅައިދިނެވެ. ހަވީރު ސްޕޯޓްސް އެވޯޑުގެ ޕާޓްނަރުން ކަމަށްވާ ދިރާގާއި މޯލްޑިވިއަން އަދި ނެސްލޭ ކުންފުނީގެ ޚާއްސަ ހަދިޔާތަކާ އެކު ކުރިއަށް ދިޔަ ކުޑަ ކުދިންގެ ހަވީރުގެ ފޯރި ވަރަށް ގަދަވި އެވެ. އުނޫޝާގެ ލަވަތަކާ އެކު ކުޅިވަރުގެ ތަރިން ވެސް ދިޔައީ ދިއްފުށީގެ ތުއްތު ކުދިންނާ އެކު ބައިވެރިވަމުންނެވެ. މި ހަރަކާތްތަކުގެ ތެރޭގައި ރެޑްބުލް ސްޓްރީޓް ސްޓައިލް ޗެލެންޖުގެ ޗެމްޕިއަން މުހައްމަދު ސައިފްގެ ޓީމުން ވެސް ހުނަރުތައް ދައްކާލުން އޮތެވެ. ވަރަށް އުފާވެރި މާހައުލެއްގައި ކުރިއަށް ދިޔަ ހަފުލާގައި ހަވީރުގެ ފަރާތުން ވަނީ ދިއްފުށީ ސްކޫލާއި އެ ރަށު ޕްރީ ސްކޫލަށް ލެޕް ޓޮޕާއި ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާކޮށްފަ އެވެ. އަދި ހަވީރު ސްޕޯޓްސް އެވޯޑަށް ދިރާގުން ހަދިޔާކުރި ކޮމްޕިއުޓަރު ސިސްޓަމެއް ހަވީރުން ވަނީ ދިއްފުށީ ސްކޫލަށް ހަދިޔާކޮށްފަ އެވެ. މީގެ އިތުރުން ސޮނީ ސްޕޯޓްސް އިން ހަވީރަށް ހަދިޔާ ކުރި ފުޓުބޯޅަތަކެއް ވަނީ ދިއްފުށީ ކައުންސިލަށް ހަދިޔާކޮށްފަ އެވެ. ރަސްމިއްޔާތު ފެށުމުގެ ގޮތުން ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރިޔާޒް ވަނީ ރާއްޖޭގައި ދެވޭ އެންމެ ޝަރަފްވެރި ކުޅިވަރު އެވޯޑުގެ ތަރިންނާ އެކު މިފަދަ އިޖުތިމާއީ ހަރަކާތެއް ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަ ދައްކަވައިފަ އެވެ. ހަވީރުގެ ތަރިންގެ ދަތުރުގައި ބައިވެރިވި ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އިސްތަވާން އުރުބާނީގެ ދެމަފިރިން ބުނީ ކުޅިވަރުގެ ތަރިން ވެސް ބައިވެރިވި ކުޑަ ކުދިންގެ މިފަދަ ހަރަކާތެއް ފެނުމުން ވަރަށް ބޮޑަށް އުފާވި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ