އަބްދުއްރަހުމާން މަރުވީ ބޮލަށް ލިބުނު އަނިޔާއިންކަން އޮޓޮޕްސީ ރިޕޯޓުން އެނގޭ: ފުލުހުން
އއ. މާޅޮހު އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމް މަރާލި މައްސަލާގައި ހެދި އޮޓޮޕްސީ ރިޕޯޓުން ވެސް ދެއްކީ އޭނާ މަރުވީ ބޮލަށް ދީފައިވާ ޒަހަމްތަކުގެ ސަބަބުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. މި މަހު 13 ވަނަ ދުވަހު އަބްދުއްރަހުމާން މަރުވީ އޭނާއަށް ލިބުނު ޒަހަމްތަކަށް މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާގެ ބޮލަށާއި މޫނަށް ބޮޑެތި އަނިޔާތަކެއް ދިނީ ގޭގައި ނިދާފައި އޮއްވަ އެވެ.މަރުގެ ސިދާ ސަބަބު ދެނެގަތުމަށާއި ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށްޓަކައި އަބްދުއްރަހްމާންގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ގެންދިއުމަށް ފަހު، މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރާއްޖެ ގެނެސްފަ އެވެ.ފުލުހުން މިއަދު ބުނީ "އަބްދުއްރަހުމާން އާދަމް ނިޔާވެފައިވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުންކަމަށް އަބްދުއްރަހުމާންގެ އޮޓޮޕްސީ ވަގުތީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައި" ކަމަށެވެ.ފުލުހުން އަބްދުއްރަހުމާންގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު މި މައްސަލައިގެ ތުހުމަތަށް އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ. މައްސަލައިގެ ތަހުގީގަށް މައުލޫމާތު ހޯދުމުގެ ގޮތުން ފުލުހުން ވަނީ އަބްދުއްރަހުމާންގެ އަވައްޓެރީންނާއި އޭނާގެ އާއިލާގެ މީހުންނާ ސުވާލުކޮށްފައެވެ. އަދި ވަނީ މާޅޮހުގެ އަތިރިމައްޗާއި ހޭޅިފަށާާއި ގޮނޑުދޮށް ބަލައިފާސްކުރުމުގެ އިތުރުން އެ ރަށުގެ ފަޅުތެރެ ބަލައިފައެވެ. ފުލުހުންގެ އެ ސާޗް އޮޕަރޭޝަނަކީ އަބްދުއްރަހުމާނަށް ހަމަލާ ދިނުމަށް ބޭނުންކުރި އެތި ނުވަތަ ތަކެތި ފެނޭތޯ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައިވެސް ފުލުހުން ބުނީ އަދި މި މަރުގެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އެކަމަކު، އެ ގެއަށް ވަދެފައި ހުރި އެންމެންގެ އިނގިއްޔާއި ފައިގެ ނިޝާން ނަގައި، އެ މީހުންނާ ވަނީ ސުވާލުކޮށްފަ އެވެ. އަދި ރަށުގައި ހުރި މަދު ސީސީޓީވީ ކެމެރާތައް ވެސް ފުލުހުން ޗެކްކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ