ސިއްހީ ދާއިރާގެ މުހިއްމު އަމާޒުތަކަކަށް ވާސިލެއް ނުވި
ރާއްޖޭގައި އާއްމުންގެ އެންމެ ބޮޑު އެއް ޝަކުވާއެއް އޮތީ ސިއްހީ ދާއިރާއާ ދޭތެރޭގަ އެވެ. ބޭސްފަރުވާ ހޯދަން ޒަމާނުއްސުރެ ދިވެހިން ބަރޯސާވާން ޖެހިފައި ވަނީ އަވައްޓެރި ގައުމުތަކަށެވެ. ވަރަށް އާދައިގެ ބައެއް ޚިދުމަތްތަކާއި ވަރަށް މުހިއްމު ބައެއް ޚިދުމަތްތައް ވެސް ރާއްޖެ އިން ލިބެން ނެތުމާއި ހުރި ބައެއް ޚިދުމަތްތަކުގެ ފެންވަރު ދަށްވުމަކީ ދިވެހިންނަށް ވަރަށް ބޮޑު ތަކުލީފެކެވެ. ބޭރު ގައުމުތަކުން ސިއްހީ ޚިދުމަތް ހޯދަން ޖެހުމުގެ ބޮޑު ޚަރަދާއި ބުރަ ތަހައްމަލްކުރަން ނުޖެހޭ އާއިލާއެއް މަދުވާނެ ކަމަށް ބުނެވިދާނެ އެވެ. މި ސަބަބާ ހެދި، އިސްލާހުވެ ތަރައްގީވާން އާއްމުން އެންމެ ބޮޑަށް އެދޭ އެއް ދާއިރާ އަކީ ސިއްހީ ޚިދުމަތެވެ. ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ސިއްހީ ޚިދުމަތް، އެޖެންޑާގެ ކުރީގައި ބާއްވަވައިގެންނެވެ. އަދި ސަރުކާރުގެ މެނިފެސްޓޯގައި ހެލްތު އެންޑް ޖެންޑާ ދާއިރާ އިން 30 ސިޔާސަތެއް ކަނޑައަޅާފައިވެ އެވެ. އެ ސިޔާސަތުތައް ތަންފީޒުކުރުމުގެ ގޮތުން ސަރުކާރުގެ ފުރަތަމަ 100 ދުވަހު ހާސިލްކުރާނެ ކަންކަމުގެ ޕްލޭނެއް ހެލްތު މިނިސްޓްރީން އެކުލަވާލައި އޭގައި ހިމެނޭ މުހިއްމު ބައެއް ކަންކަން ވަނީ އާއްމުކޮށްފަ އެވެ. އެ އަށް ބަލާ އިރު މައިގަނޑު ގިނަ އަމާޒުތަކެއް ހާސިލް ނުވެ އެބަހުއްޓެވެ. ސިއްހީ ޚިދުމަތް ކޮންމެ މީހަކަށް އަދި އާއިލާ އަކަށް ޒިންމާވާނެ ޑޮކްޓަރަކު ހަމަޖެއްސުމަކީ ރާއްޖެ އަށް މުޅިން އާ ޚިޔާލަކަށް ވެފައި އެ ވައުދަށް އާއްމުންގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް ވަނީ ލިބިފަ އެވެ. ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮންމެ ޑޮކްޓަރަކަށް ވަކި ނިސްބަތަކުން ގޭބިސީތައް ކަނޑައަޅައި އާއިލީ ޑޮކްޓަރުންނާ އެކު ނަރުހުންނާއި ހެލްތު ވޯކަރުން މަސައްކަތްކުރާނެ ކަމަށް ހެލްތު މިނިސްޓްރީގެ 100 ދުވަހުގެ ޕްލޭންގައި ބުނެފައިވެ އެވެ. ސަތޭކަ ދުވަސް ހަމަވި އިރު "ކޮންމެ މީހަކަށް ޑޮކްޓަރެއް" ލިބިފައެއް ނުވެ އެވެ. އެކަމަކު މާލޭގެ އެއް އަވަށުގައި އެ ޕްރޮގްރާމަށް ތައްޔާރުވާން ވަނީ ފަށައިފަ އެވެ. އެ ވައުދުގެ ދަށުން މިހާތަނަށް ކުރި މަސައްކަތަކީ ވިލިމާލޭ މީހުން އެ ޕްރޮގްރާމްގައި ބައިވެރިވާން ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލުމެވެ. މާޗް 8 ގެ ކުރިން ނަން ނޯޓުކުރަން ޖެހޭ އިރު، އެނގިފައިވާ ގޮތުގައި ވިލިމާލޭގައި ދިރިއުޅޭ ކަމަށް ލަފާކުރެވޭ 16،000 މީހުންގެ ތެރެއިން މިހާތަނަށް ރަޖިސްޓްރީކޮށްފައި ވަނީ އެންމެ 100 ވަރަކަށް މީހުންނެވެ. މި ޕްރޮގްރާމް ރާވާފައި ވަނީ ކޮންމެ 2،500 މީހަކަށް ޑޮކްޓަރަކާއި ދެ ނަރުހުންގެ އިތުރުން ކޮމިއުނިޓީ ހެލްތު ވޯކަރެއް ހަމަޖައްސާ ގޮތަށެވެ. ސިއްހަތުގެ ދާއިރާ އިން 100 ދުވަހަށް ކަނޑައަޅާފައިވާ އެހެނިހެން ކަންކަން އަމާޒުކޮށްފައި ވަނީ އެ ދާއިރާގެ ވަސީލަތްތައް ތަރައްގީކޮށް ފުޅާކުރާށެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އަމާޒުތައް ހާސިލްކުރެވިފައެއް ނުވެ އެވެ: އުތުރާއި ދެކުނުގެ މައި ދެ ހޮސްޕިޓަލުގައި "ޓާޝަރީ ފެންވަރުގެ ޚިދުމަތްތައް ގާއިމްކޮށް ޚިދުމަތް ދޭން ފެށޭނެ" ކަމަށް 100 ދުވަހުގެ ޕްލޭންގައި އެބައޮތެވެ. ނަމަވެސް ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނިގޮތުގައި އެ ފެންވަރަށް ޚިދުމަތް ދޭން ބޭނުންވާ ވަރަށް ޑޮކްޓަރުން ތިބި ނަމަވެސް އެހެނިހެން ކަންކަން ހަމަޖެހިފައެއް ނުވެ އެވެ. އަދި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވެސް ބުނީ އެ ބަދަލު ގެނެވޭ ވަރަށް ޚިދުމަތް ތަރައްގީވެފައި ނުވާ ކަމަށެވެ. މީގެ އިތުރުން ވިލިމާލޭ ސިއްހީ މަރުކަޒުގެ ޚިދުމަތްތައް ފުޅާކޮށް "ހޮސްޕިޓަލެއްގެ ދަރަޖަ އަށް ޚިދުމަތްތައް ގާއިމްކުރެވޭނެ" ކަމަށް މިނިސްޓްރީން ބުނެފައި ވިޔަސް ސިއްހީ މަރުކަޒުން ބުނީ އެ ތަން އަދި ހޮސްޕިޓަލަކަށް ބަދަލު ނުވާ ކަމަށެވެ. ކެންސަރުގެ ބަލި މީހުން އިތުރުވަމުން ދާއިރު އެފަދަ މީހުންނަށް ފަރުވާ ދެވޭނެ ގޮތެއް ރާއްޖެ އަކު ނެތެވެ. ކީމޯތެރަޕީގެ ޚިދުމަތް އައިޖީއެމްއެޗުން "ލުއިފަސޭހަކޮށް ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެ" ކަމަށް 100 ދުވަހުގެ ޕްލޭންގައި ވެ އެވެ. އެކަމަކު އައިޖީއެމްއެޗުން ބުނިގޮތުގައި އެ ތަނުން އަދިވެސް ދެމުން އަންނަ ޚިދުމަތަކީ ރާއްޖެ އިން ބޭރުގައި ކީމޯތެރަޕީ ފެށުމަށް ފަހު އެނބުރި އަންނަ މީހުންނަށް އެ ފަރުވާ ކުރިއަށް ގެންގޮސްދިނުމެވެ. އެއީ ބަލިމީހާ އިންޖެކްޝަން ހިފައިގެން ދިއުމުން އެ ޖަހައިދިނުމެވެ. ކީމޯތެރަޕީ އަށް ބޭނުންވާ ބޭސް ރާއްޖެ އެތެރެކޮށް، ފަރުވާ އަށް ހިނގާ ޚަރަދު އާސަންދަ ހެލްތު އިންޝުއަރެންސްގެ ތެރެއިން ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް 100 ދުވަހުގެ އަމާޒުތަކުގެ ތެރޭގައި ބުނެފައި ވިޔަސް، އެނގިފައިވާ ގޮތުގައި، ބޭސް އަދި ރާއްޖެ ގެނެސްފައެއް ވެސް ނުވެ އެވެ. އަދި ކިޑްނީ ބަލިމީހުންނަށް އައިޖީއެމްއެޗުގައި ދޭ ޑަޔަލިސިސްގެ ޚިދުމަތަށް "ނުވަ މެޝިން އިތުރުކޮށް ޚިދުމަތް ފުޅާކުރެވިގެންދާނެ" ކަމަށް ޕްލޭންގައި އޮތަސް 100 ދުވަހުގެ ތެރޭގައި އެކަން ވެސް ހާސިލްކުރެވިފައެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި އައިޖީއެމްއެޗުގެ ޑަޔަލިސިސް ސެންޓަރުގައި ބޭނުންކުރާ މެޝިނުގެ އަދަދު އިތުރެއް ނުކުރެ އެވެ. އިތުރު މެޝިންތަކެއް ބަހައްޓާނެ ޖާގައެއް ވެސް އެ ތަނުގައި ނެތް ކަމަށް އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި އެވެ. ރަހިމުގެ ދޮރަށް ކެންސަރު ޖެހުމުގެ ކުރިން އަލާމާތްތައް ދެނެގަތުމަށްޓަކައި ސްކްރީންކުރަން ވަނީ ފަށާފަ އެވެ. އެކަމަކު 100 ދުވަހުގެ ތެރޭގައި އެކަން ހަމަޖެހިފައި ވަނީ މާލޭގެ ދަމަނަވެށީގައި އެކަންޏެވެ. ޕްލޭންގައި ދެން ހިމެނޭ ހުޅުމާލޭ ހޮސްޕިޓަލުން ބުނީ އެ ތަނުގައި އެ ޚިދުމަތް ދެވެން ނެތް ކަމަށެވެ. ޑޮކްޓަރުންގެ މުސާރައިގެ އޮނިގަނޑު އިސްލާހުކޮށް މި އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އަމަލުކުރުމަކީ ވެސް ހެލްތު މިނިސްޓްރީގެ 100 ދުވަހުގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކަނޑައެޅި ތާރީޚަށް އެކަން ހާސިލް ވެސް ކުރި އެވެ. އެކަމަކު ބޮޑެތި ޝަކުވާތަކަކާ ގުޅިގެން އެ އޮނިގަނޑު ވަނީ މެދުކަނޑާލާފަ އެވެ. އޮނިގަނޑު އިސްލާހުކުރަން މަޝްވަރާކުރަމުން ދިޔަ ނަމަވެސް އިއްޔެގެ ނިޔަލަށް ވެސް އެއްވެސް ކަމެއް އިއުލާނެއް ނުކުރެ އެވެ. އިޖުތިމާއީ ރައްކާތެރިކަން ސަރުކާރުގެ ވައުދުތަކުގެ ތެރެއިން އާއްމުންގެ ޝައުގުވެރިކަން އެންމެ ބޮޑަށް ހުއްޓުނު އެއް ވައުދަކީ "ހުސްނުވާ އާސަންދަ" އެވެ. އެއީ "ދިގު މުއްދަތަށް ބޭސްފަރުވާ ކުރަން ޖެހޭ މީހުންނަށް މެދުނުކެނޑި ފަރުވާ ލިބޭނޭ ގޮތް" ހެލްތު އިންޝުއަރެންސްގެ ތެރެއިން ހަމަޖެއްސުމެވެ. އެކަމާ ބެހޭ ބޮޑު ހަފްލާއެއް މިރޭ ބާއްވާނެ ކަން ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. އެހެންކަމުން "ހުސްނުވާ އާސަންދަ" 100 ދުވަހުގެ ތެރޭގައި ހަމަޖެހުނީ ކަމަށް ބެލެވިދާނެ އެވެ. އަންހެނުންނާއި ކުޑަކުދިންނާއި ޚާއްސަ އެހީތެރިކަން ބޭނުންވާ މީހުން އަންހެނުންނަށް ކުރާ އަނިޔާ އާއި ގޯނާ އަށް ފުރުސަތު ނުދިނުމުގެ ވައުދު ފުއްދަން ފެށުމުގެ ގޮތުން ހަތަރު ރަށެއްގައި "ސޭފް ހޯމް" ގާއިމްކުރުމުގެ ވައުދު 100 ދުވަހުގެ ތެރޭގައި ވަނީ ފުއްދާފަ އެވެ. ހދ. ކުޅުދުއްފުށި. ށ. ފުނަދޫ، ތ. ވޭމަންޑޫ އަދި ގދ. ތިނަދޫގައި "އަމާން ހިޔާ" ހުޅުވާފައިވާ ކަން އެ ރަށްރަށުގެ ކައުންސިލްތަކުން ކަށަވަރުކޮށްދެ އެވެ. އެއީ އަނިޔާ ލިބޭ އަންހެނުންނާއި އަންހެންކުދިންނަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭނެ ހިޔާތަކެކެވެ. އަދި ކައިވެނި ރޫޅުމުން ބޯހިޔާވަހިކަން ގެއްލޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން އެ ތަންތަނުން ލިބޭނެ އެވެ. އުމުރުން ދުވަސްވީ މީހުންނަށް ފެރީ އާއި ބަހުގެ ޚިދުމަތްތައް ހިލޭ ލިބޭނެ އިންތިޒާމް 100 ދުވަހުގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމަށް ޕްލޭންގައި ބުނެ އެވެ. އެކަމަކު އެކަން ހާސިލެއް ނުވެ އެވެ. މާލެ ސަރަހައްދަށް ބަލާ އިރު، އެމްޓީސީސީގެ ރިސެޕްޝަނުން ބުނީ "މުސްކުޅިން ވެސް ޓިކެޓް ގަންނަން ޖެހޭނެ" ކަމަށެވެ. އަދި އެމްވީކޭ އިން ދޭ ބަހުގެ ޚިދުމަތް ވެސް ހިލޭ ލިބޭނެ ގޮތެއް ހަމައެއް ނުޖެހެ އެވެ. ހެލްތު މިނިސްޓްރީގެ 100 ދުވަހުގެ މުހިއްމު ބައެއް އަމާޒުތައް ފުރިހަމަވެފައި ނެތަސް މަސައްކަތް ފަށާފައި ނުވަތަ ނިންމާލުމުގެ މަރުހަލާގައި އެ ކަންކަން ހުރުން އެކަށީގެންވެ އެވެ. އެކަމަކު މިއަދާ ހަމައަށް ކާމިޔާބުކުރެވިފައެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ