ޕެޓިޝަނާ ގުޅިގެން މުވައްޒަފަކު ވަކިކޮށްފައި ނުވާ ކަމަށް އެސްޓީއޯ އިން ބުނެފި
ދެ މުވައްޒަފަކު ވަޒީފާ އިން ވަކިކުރީ މެނޭޖްމަންޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ކަމަށް އޭގެ ތެރެއިން ބައެއް މުވައްޒަފުން ބުނި ނަމަވެސް ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ އިން އެކަން މިއަދު ދޮގުކޮށްފި އެވެ. މިދިޔަ ޖުލައި މަހު މާކެޓިން ޑިޕާޓްމެންޓްގެ 13 މުވައްޒަފުން ސޮއިކޮށް ހުށަހެޅި ޕެޓިޝަންގައި ސޮއިކުރި ބައެއް މުއައްޒަފުން ބުނީ ޕެޓިޝަނަށް ފަހު ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށާއި ބައެއް މުވައްޒަފުންގެ ވަޒީފާ ދަށްކޮށް، އެހެން މުވައްޒަފުން އެހެން ޑިޕާޓްމެންޓްތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. ފަސް އަހަރަށް ފަހު ވަޒީފާއިން ވަކިކުރި މާކެޓިން މެނޭޖަރު އަދި އިވެންޓު މެނޭޖަރު އިސްމާއިލް މުޚްތަބާ މިއަދު ވިދާޅުވީ ޕެޓިޝަން ހުށަހެޅި ފަހުން އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށްޓަކައި އެސްޓީއޯ އިން އެކި ބަހަނާ ދެއްކި ކަމަށެވެ. އެގޮތުން މި މަހު 14 ވަނަ ދުވަހު އޭނާ ވަޒީފާއިން ވަކިކުރީ ހާޒިރީ އަށް ފަރުވާ ކުޑަވެގެން ކަމަށް ބުނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެސްޓީއޯގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ޕެޓިޝަނާ ގުޅިގެން އެއްވެސް މުވައްޒަފަކު ކަނޑާނުލާ ކަމަށާއި އަދި ވަޒީފާ ވެސް ދަށްކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ތަނުގެ އޮނިގަނޑަށް ގެނައި ބަދަލުތަކަކާ ގުޅިގެން މުވައްޒަފުން ބަދަލުކުރުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. "އޮނިގަނޑަށް ބަދަލު ގެނައުމުގެ މަސައްކަތާ، ޕެޓިޝަން ހުށަހެޅި ދުވަސްވަރާ ދިމާވީމަ ތިކަހަލަ ވާހަކަ ދެއްކުމުގެ ފުރުސަތު އޮވެދާނެ. ނަމަވެސް އެއްވެސް މުވައްޒަފަކު ޕެޓިޝަނާ ގުޅިގެން ކަނޑައެއްނުލަން. އަދި ޑިޕާޓްމެންޓްތަކަށް މުވައްޒަފުން ބަދަލުކުރާއިރު، އިންޓަވިއުކުރުން ފަދަ ކަމެއް ވެސް ކޮށްފާނެ. އެއީ އިންޓާނަލީ އެކަން އޮންނަ ގޮތް،" ޝަރީފު ވިދާޅުވި އެވެ. އޮނިގަނޑަށް ގެނައި ބަދަލާ އެކު ވެރިންގެ ފެންވަރުގެ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ މަގާމު ވެސް ބަދަލުކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ. މުޚުތާބު ވިދާޅުވި ގޮތުގައި ޕެޓިޝަނާ ގުޅިގެން މެނޭޖްމަންޓާ އެކު ވާހަކަތަކެއް ދެކެވުނު ކަމަށާއި ނަމަވެސް ހައްލެއް އައިސްފައިނުވާ ކަމަށެވެ. މުޚްތާބުގެ އިތުރުން މާކެޓިން މެނޭޖަރު އަދި ޓީވީއެމްގެ ޕްރެޒެންޓަރު އާމިނަތު ޝާޔަން އަށް ވެސް ނޯޓިސް ދީފައިވާ ކަމަށްވެ އެވެ. އެކަމަކު ޝާޔަން އެކަން ދޮގުނުކުރުމުގެ އިތުރަށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ